ސްކޫލްތަކުގެ ނަތީޖާ މަތިކުރަން ދަސްވާރު މަޖުބޫރުކުރި: މިނިސްޓްރީ

ތައުލީމީގޮތުން ނަތީޖާ ދަށް ކުދިންނަށް އަމާޒުކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ދަސްވާރު ޕްރޮގްރާމުގެ ނޭދެވޭ އަސަރު ވަރަށް ގިނަ ދަރިވަރުންނަށް ކޮށްފައިވާ ކަމަށާއި ސްކޫލްތަކުގެ ނަތީޖާ މަތިކުރުމަށް ބައެއް ދަރިވަރުންނަށް ދަސްވާރު ޕްރޮގްރާމްގައި ބައިވެރިވާން މަޖުބޫރުކުރި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.


ސްކޫލުތަކުގައި 2014 ވަނަ އަހަރުން ފެށިގެން ހިންގަމުން އައި ދަސްވާރު ޕްރޮގްރާމު އުވާލަން ނިންމުމާ ގުޅިގެން އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ދަސްވާރު އަމާޒުކޮށްފައިވަނީ ތައުލީމީގޮތުން ދަށް ކަމަށް ބަޔަކު ފާހަގަކުރާ ދަރިވަރުންނަށް ވުމުން، އެކަމުގެ ނޭދެވޭ އަސަރު ގިނަ ދަރިވަރުންނަށް ކުރި ކަމަށެވެ. އަދި އެ ޕްރޮގްރާމުގައި ކުދިން ބައިވެރިކޮށްފައިވަނީ ވެސް އެންމެ އެދެވޭ ގޮތުގައި ނޫންކަމަށް ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނި ގޮތުގައި ސްކޫލުގެ ނަތީޖާ މަތިކުރުމަށް ގައުމީ މަންހަޖުގައި ހިމެނޭ މުހިއްމު މާއްދާތައް ނުކިޔަވައި ދަސްވާރު ހެދުމަށް މަޖުބޫރު ކުރުމުން ދަރިވަރުންގެ ސާނަވީ ތައުލީމްގެ މަރުހަލާ އަށް ވަރަށް ނޭދެވޭ އަސަރުކުރާ ކަމަށެވެ. އޭގެ އިތުރުން ދަސްވާރު ނިންމާ ބައެއް ދަރިވަރުންނަށް މަސައްކަތަށް ބޭނުންވާ ފެންވަރަށް ލިޓްރަސީ އާއި ނިއުމަރަސީ ނޭނގުމުގެ ސަބަބުން ވަޒީފާ ލިބުމުގައި ދަތިތަކެއް ދިމާވަމުންދާ ކަން ފާހަގަކޮށްފައިވެ އެވެ.

މި ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ދަރިވަރުން ވެސް ސްކޫލު ނިމޭއިރު އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ މިންވަރަށް ތައުުލީމް ފޯރުކޮށްދިނުން ކަމަށާއި އެހެންވެ އިންކްލޫސިވް އެޑިއުކޭޝަންގެ ސިޔާސަތާ ގުޅިގެން ދަސްވާރު އުވާލަން ނިންމީކަމަށް ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި ބުނީ ގްރޭޑު 10 ނިންމައި ސާނަވީ އިމްތިހާނު ހަދާ ކޮންމެ ދަރިވަރަކު ވެސް މަދުވެގެން ފަސް މާއްދާއިން އިމްތިހާނު ހަދަންޖެހޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަޖުބޫރު ހަތަރު މާއްދާގެ އިތުރުން އެހެން މާއްދާއެކެވެ.

ދަސްވާރު އުވާލިއަސް ބައެއް ސްކޫލުތަކުގައި ކާމިޔާބުކަމާއެކު އެ ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވާ ކަން މިނިސްޓްރީން ފާހަގަކުރެ އެވެ.

މަޖުބޫރު ހަތަރު މާއްދާ، އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބުގެ އިތުރުން ނަތީޖާ ދަށް ދަރިވަރުންނަށް ހާއްސަ ކޮށްފައިވާ ދަސްވާރުގައި އެ ސްކޫލަކުން ދަރިވަރުން ބައިވެރިކުރުވަނީ ގްރޭޑު ނުވެއްގެ ނަތީޖާ އަށް ބެލުމަށް ފަހުގަ އެވެ. އެ ޕްރޮގްރާމުގައި ބައިވެރިކުރަންޖެހޭ ކަމަށް ފެންނަ ނަމަ އެކަމުގެ ލަފައެއް ސްކޫލުން ދޭނެ އެވެ. ނަމަވެސް، އޭގައި ދަރިވަރުން ބައިވެރިކުރެވޭނީ ބެލެނިވެރިޔާގެ ރުހުން ހޯދައިގެންނެވެ.

"ގްރޭޑު 10 ގައި ދަސްވާރު ޕްރޮގްރާމް ހެދޭކަން އެނގުމުން ދަށް ގްރޭޑުތަކުގައި ވެސް ދަރިވަރުން ކިޔެވުމަށް ސަމާލުކަން ނުދީ 'ލުއި' ގޮތަކަށް ސާނަވީ މަރުހަލާ ނިންމާކަން ފާހަގަކުރެވިފައި ވެ އެވެ. ނަތީޖާއަކަށް ވެފައިވަނީ ސްކޫލަށް ދިއުމުގެ މަގުސަދު ބައެއް ދަރިވަރުންނަށް ހާސިލްވެފައި ނުވުމެވެ،" ބަޔާނުގައިވެ އެވެ.

ދަސްވާރު އުވާލުމަށް ފަހު ދަރިވަރުންނަށް ހުނަރު ދަސްކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދަން ވަނީ ނިންމައިފަ އެވެ. ގިނަ ބައެއްގެ ލަފަ އާއި އިރުޝާދުގެ އަލީގައިި ކޮންމެ ކުއްޖަކަށް ވެސް ދިރިއުޅުމަށް ބޭނުން ހިފޭ ހުނަރު ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށް ބުންޏެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ، ހުނަރަކީ ހަމައެކަނި ދަށް ކުދިންނަށް އޮންނަ އެއްޗަކަށް ހެދުމުގެ ބަދަލުގައި ސްކޫލުތަކުން ނުކުންނަ ކޮންމެ ދަރިވަރަކީ ވެސް މަސައްކަތްތެރިކަމުގެ ހުނަރެއް ދަސްކޮށްފައިވާ ދަރިވަރަކަށް ހެދުމެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އުއްމީދަކީ ގްރޭޑު 10 ނިންމާ ކޮންމެ ދަރިވަރަކީ ތައުލީމީގޮތުން ގާބިލް، މަސައްކަތުގެ މާހައުލުގައި ބޭނުންކުރެވޭ މިންވަރަށް ލިޓްރަސީ އާއި ނިއުމަރަސީ އެނގޭ އަދި ދިވެހި ބަހާއި ދީނަށް އަހުލުވެރި ދަރިވަރަކަށް ހެދުމެވެ،" ބަޔާނުގައި ބުންޏެވެ.

ދަސްވާރު ތައާރަފުކުރުމުން ވެސް އޭރު އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވި އެއް ސަބަބަކީ، އެއީ އޯ ލެވެލް އިމްތިޚާނުގައި ރާއްޖޭގެ ޖުމްލަ ނަތީޖާ ރަނގަޅުކުރަން ކުރި ކަމެއް ކަމަށް ބުނެ އެވެ. ނަމަވެސް އެއީ ނަތީޖާ ދަށް ކުދިންނަށް، މަސައްކަތްތެރިކަން ދަސްކޮށްދޭ ޕްރޮގްރާމަކަށް ވާތީ ރަނގަޅު ޕްރޮގްރާމެއް ކަމަށް ބައެއް މީހުން ދެކެ އެވެ.