މަގުތައް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، މާލެ ސިޓީ މޭޔަރު ޝިފާ އަދި އާރުޑީސީގެ އެމްޑީ މޫކޭ ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
26 ޖެނުއަރީ 2020 - 16:41
ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ފަސޭހަވާނެ ގޮތަކަށް މާލޭގެ މަގުތަކަށް ބަދަލު ގެނެސް، ޒަމާނީ ފެންވަރަށް މަގުތައް ހެދުމުގެ ބިޔަ މަޝްރޫއެއް ހިންގަން ރޯޑްސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި މާލޭ ސިޓީ ކައުންސިލުން މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައިވާ ގޮތުން، ފެން ބޮޑުވުމާއި ޕާކިންގެ މައްސަލަ އާއި ހިނގާ މީހުންނަށް ފަސޭހަވާނެ ގޮތަކަށް އަލުން ގާ އަތުރައި، މަގުތައް ބަދަލުކުރުމަށް 462 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވީ މާލޭގެ މޭޔަރު ޝިފާ މުހައްމަދާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އެވެ.
އެ މަޝްރޫއުގައި، 18 ކިލޯ މީޓަރުގެ މަގުތައް ހަދާނެ އެވެ. އެއީ އެކި ސަރަހައްދުތަކުން 416 މަގެވެ. މަސައްކަތް ނިންމަން ކަނޑައަޅާފައި ވަނީ ދެ އަހަރާއި ބައިގެ މުއްދަތެކެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މޭޔަރު ޝިފާ ވިދާޅުވީ މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް 50.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެންމެ ފުރަތަމަ މަސައްކަތް ފަށާނީ ކުރީގެ ވެސްޓް ޕާކް ރެސްޓޯރަންޓް ހުރި ސަރަަހައްދުންނެވެ. އެ ސަރަހައްދުގެ ނުވަ މަގެއްގައި މަސައްކަތް ކުރާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
އާރުޑީސިން ބުނިގޮތުގައި، ގާ އަތުރައިގެން މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އަންނަ ހޮނިހިރު ދުވަހުގެ ކުރިން ފަށާނެ އެވެ. އެ މަސައްކަތަށް ވަޒީރުންގެ މަޖިލީހުން ވެސް މިހާރު ވަނީ ހުއްދަ ދީފަ އެވެ.
މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ބޮޑު މަޝްރޫއެއްގައި ސޮއިކުރިއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ހޯދުމަށް މިހާރުގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް އަދި ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ނިޔާޒް ގެންދަވަނީ މޭޔަރު ކަމަށް ކެމްޕެއިން ކުރައްވަމުންނެވެ. އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓު ދޭނެ ބޭފުޅަކު ހޮވުމުގެ ޕްރައިމަރީ އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ.
ޝިފާ ވިދާޅުވީ، މަގުތަކަކީ މާލޭގައި އުޅޭ މީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށެވެ. އެހެންވެ މިއަދަކީ މާލޭގައި އުޅޭ ރައްޔިތުންނަށް ތަސައްލީއެއް ލިބިގެންދާނެ ދުވަހެއް ކަމަށް ވިދާޅުވި އެވެ.
"ފަސޭހަކަމާ އެކު، އެއްތަނުން އަނެއް ތަނަށް ދެވޭނެ ގޮތެއް ނެތި، މަގުތަކުގައި ތާށިވެފައި ސްކޫލު ކުދިންނާއި އެހެނިހެން ކަންކަމުގައި ދަތުރުފަތުރުކޮށް، ހިނގައިބިގާވެ އުޅޭ ރައްޔިތުންގެ އަބަދު ވެސް ޝަކުވާ އަކަށް ވެފައިވާ ކަންކަން ނިމުމަކާ ހިސާބަށް ގެނައުމުގެ މަގުސަދުގައި، މި މަޝްރޫއު އެކުލަވާލައިގެން ކުރިއަށް ގެންދާނަން،" ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މާލޭގެ ދާއިރާތަކަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ޝިފާ ވިދާޅުވި އެވެ.
މަގުތައް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، އެ މަޝްރޫއާ ގުޅޭގޮތުން މާލެ ސިޓީ މޭޔަރު ޝިފާ އަދި އާރުޑީސީގެ އެމްޑީ މޫކޭ (ކ-2) މައުލުމާތު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޝިފާ ވިދާޅުވި ގޮތުގައި، މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ އަކީ އެތައް ޒަމާނެއް ވަންދެން ރައްޔިތުން ކުރަމުންދާ ޝަކުވާ އެކެވެ. އެކަމަކު، މި މަޝްރޫއުން އެ މައްސަލައަށް ވެސް ހައްލެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ޕަބްލިކް ޓްރާންސްޕޯޓު ފަށައި ކުރިއަށް އޮތް ތަނުގައި ސްކޫލު ދަރިވަރުންނަށް ބަހުގެ ހިދުމަތް ފެށުމުގެ ޕްލޭން ވެސް އެބައޮތް ކަމަށެވެ.
އާންމު ދަތުރުފަތުރުގެ ހިދުމަތް ފެށުމުން މާލެ ތެރެއިން ސައިކަލާއި ކާރުތައް މަދުވާނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ރަނގަޅަށް މިކަން ފަރުމާ ކުރެވިފައި ވަނީ. މުޅި މާލޭގެ މި ޕްރޮޖެކްޓް ތަންފީޒު ކުރެވެމުން ދާއިރު، އަޅުގަނޑުމެންގެ އުއްމީދަކީ ކާރުތަކާއި ސައިކަލުތައް މަދުވެ ޕަބްލިކް ޓްރާންސްޕޯޓު ރައްޔިތުން ވީހާ ވެސް ގިނައިން ބޭނުންކުރުން،" ޝިފާ ވިދާޅުވި އެވެ.
ޒަމާނީ ފެންވަރަކަށް މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން، އުޅަނދުތައް ޕާކް ކުރުމަށް 21 ތަނެއް ކަނޑައަޅާފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ. އަދި މާލެ އަކީ މީހުން އުޅެން ބޭނުންވާ ހިތްފަސޭހަ ތަނަކަށް ހެދުމުގެ އުއްމީދު އާ ވާ ކަމަށް ވިދާޅުވި އެވެ.
އާރުޑީސީގެ އެމްޑީ ވަނީ އެ ޕްރޮޖެކްޓުން މާލޭގެ ރައްޔިތުން އެދޭ ހައްލު ގެނެސްދޭނެކަމުގެ ޔަގީންކަން އަރުވައިފަ އެވެ.
އާރުޑީސިން ބުނީ މަގުތައް އަލުން ހަދާއިރު، ހަތަރު ބާވަތެއްގެ މަގު ހަދާނެ ކަމަށެވެ. އެއީ އާޓީރިއަލް މަގުތަކާއި ސިޓީ ރޯޑްސް އާއި ސެކަންޑަރީ ރޯޑްސް އަދި ނެއިބަހުޑް ޕެޑެސްޓްރިއަން ރޯޑެވެ. އެތަން ހަދާނީ ކަރަންޓާއި ފެނާއި ނަރުދަމާ އާއި ޑީވޯޓަރިން އަދި އެހެނިހެން ހިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް، މަގު ނުކޮނެ ފަސޭހައިން ގުޅައިލެވޭ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮޑި
27 January 2020
ތާރު އަޅާ ބަލަ
އަސްލަމް އިރާޝް
27 January 2020
ކަންކަމަށް ނާޤާބިލު މީހުން ކަންކަމަސް އިސްކުރީމައި ކުރިޔަށްދާނެތޯ ސުވާލު އުފެދޭ. ކޮބައިތޯ ކުރިން އަޅަންބުނި ތާރު؟ ހާބަރު ކަޑަތަކާއި ހަމައިން ފެށިގެން އައިޖީއެމްއެޗާއި ހަމައަށް ތާރު ނޭޅުނީ މާލޭ ސިޓީކައުންސިލަގެ ވާންޗޯކަމުން
ސޮބުރީ
27 January 2020
މަޖިލިސް އިންތިހާބަށް ތާރު ކައުންސިލް އިންތިހާބަށް ގާ... ތިއޮތީ ބޮޑުތަނުން ފެއިލްވެފަ
އިންސާފް
27 January 2020
ތާރު އެޅުމައް ގޮވާލަން
ހަޒާނާ
27 January 2020
މުއްދަތު ހަމަ ވުމުގެ ކުރީން ފައިސާ ލިބޭނެ ގޮތެއް ހަދައި ފި އެވެ.
ޓިއްޕެ
27 January 2020
އަހަރެމެން އެތައް ގުރުބާނީއެއް ވެގެން ހަމަހަމކޮށް ޚިދުމަތް ދިނުމަށް ދޭހާ ފައިސާ ކޮންމެ އަހަރަކު އެއް ފަހަރު ގާފުރޮޅަން ހޭދަނުކޮށް ދެމެހެއްޓެނިވި ގޮތަކަށް ކަންކަންކުރަން ދަސްކޮށްގެން ތިބި ބަޔަކު އިސްކުރަން ނުވޭހެއްޔެވެ.
ކޮބާއެބައި
27 January 2020
ތާރު އެޅުމަށްވުރެ ގާ އެތުރުމުން ކިހާތަނެއް ޚަރަދުކުޑަވާތީތަ ގާ އަތުރަން ނިންމީ؟ އެކަން ސާފުވާންވާނެ މިހާރުވެސް ކިޔާލާފަ ތިއޮތީ ކުޑަ ފައިސާކޮޅަކުން ކަމެއްވާނެ ވާހަކައެއް ނޫން. މިހާރު އަތުރާފަ ހުރި ގޮތަށްވުރެ މޮޅަށް ކޮން ގޮތަކަށް ގާ އަތުރާނެ ކަމުގެ ގެރެންޓީއެއް އޮތީ؟ ތިޔަ ބަޔަކީ މަސައްކަތުގައި ކިހާވަރެއްގެ ތަޖުރިބާއެއް ހުރިބައެއްތަ؟ ނޫސްވެރިން މި މައުލޫމާތުތައް ނުހިމެނީ ކީއްވެތަ؟
ހޭބަލިމިތުރު
27 January 2020
މިދިޔައަހަރު ތާރުއަޅައިގެން މަގުތައް ހަދަން ވީވައުދު ގަލައް ބަދަލުކޮއްލީތޯ؟. ކޮންމެ ގަލަކުން ޖީބައް އެޅޭ ވެލި ގިނައީތޯ؟.
ހޭބަލިމިތުރު
27 January 2020
ވެރިކަން ލިބުމާއެކީ އަސްލަންޓޭ ޓީ ވީއައްއަރާ ބުނި މާލޭގެ ބޮޑެތިމަގުތައް ތާރުއަޅައިގެން މިދިޔައަހަރު ހަދާވާހަކަ، އެކަންނިމި އަލުން ގާއަޅަން ފެށީތޯ ވޯޓާދިމާކޮއް. ކިޔޭނުކިޔޭ ވެސް ނޭގޭ ދެއްތޯ؟.
ފީކުދާން
27 January 2020
ވެރިކަމައް އަންނަން ވެގެން މުޅިގައުމުގަ ދެއްކި ހުވަފެން ހަގީގަތަކައްނުވެ ލޯކަލް އިންތިހާބައް އަނެއްކާވެސް ހުވެފެން ދައްކުން މިފަރު ބުނެވޭނީ ސޮރީއޭ