އެމްޑީޕީ ޕްރައިމަރީގައި ވާދަވެރިކަން ބޮޑީ އަންހެން ޖާގަތަކަށް

އެމްޑީޕީން އަންނަ ހުކުރުދުވަހު ބާއްވާ ޕްރައިމަރީގައި އެންމެ ވާދަވެރިކަން ބޮޑީ ލޯކަލް ކައުންސިލްތަކުގައި އަންހެނުންނަށް ހާއްސަކޮށްފައިވާ ޖާގަތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ކަމަށް އެ ޕާޓީން ބުނެފި އެވެ.


ހުކުރު ދުވަހު ބާއްވާ ޕްރައިމަރީއާ ބެހޭ މައުލޫމާތު ދިނުމަށް އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އެ ޕާޓީގެ ޗެއާޕާސަންގެ ނާއިބު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ހޯދަން ބައެއް ދާއިރާތަކުން އެކަކަށް ވުރެ ގިނައިން ކުރިމަތި ލާފައި ނުވާތީ ބައެއް ކެންޑިޑޭޓުންނަށް މިހާރު ޓިކެޓް ދޫކޮށްފައިވާ ކަމަށެވެ. އެގޮތުން ޓިކެޓް ލިބުނު ކެންޑިޑޭޓުންގެ ތެރޭގައި ގިނައީ ފިރިހެން ކެންޑިޑޭޓުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެންނަނީ އަންހެނުންގެ ސްލޮޓަށް، ކޯޓާ އަށް ވަރަށް ވާދަވެރިކަން ބޮޑު ކަމަށް،" އަލީ ނިޔާޒް ވިދާޅުވި އެވެ.

އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި 179 ރަށު ކައުންސިލް، ހަތަރު ސިޓީ ކައުންސިލް އަދި 18 އަތޮޅު ކައުންސިލަކަށް ވާދަކުރަން އެމްޑޕީން ހުޅުވާލި ނަމަވެސް ޕްރައިމަރީ ބާއްވަން ޖެހިފައި ވަނީ 93 ރަށެއްގައި ކަމަށެވެ.

ޕްރައިމަރީ ބާއްވަން ނުޖެހުނު ބައެއް ރަށްތަކަކީ އެއްވެސް ކެންޑިޑޭޓެއް ނެތްް ރަށްތަކެވެ. ރަށު ކައުންސިލްގެ އިތުރުން ދެ އަތޮޅެއްގެ އަތޮޅުކައުންސިލާއި މާލޭ ސިޓީ ކައުންސިލްގެ ބައެއް ދާއިރާތަކުގެ ޕްރައިމަރީ ވެސް ބާއްވަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވިގޮތުގައި ކައުންސިލްތަކަށް ބޭނުންވާ އަދަދަށް ކެންޑިޑޭޓުން ކުރިމަތި ނުލާ ހުރި ދާއިރާތަކުން ވެސް އެމްޑީޕީގެ ކެންޑިޑޭޓުން ނެރެެން އެ ޕާޓީން މަސައްކަތް ކުރާނެ އެވެ. އެގޮތުން ކެންޑިޑޭޓުން ހަމަނުވާ ދާއިރާތަކުގައި ޕާޓީގެ ފަރާތުން އިސްކޮށް ތިބޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކެންޑިޑޭޓުން ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަލީ ނިޔާޒް ވިދާޅުވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު ހުރިހާ ކައުންސިލްތަކަށް ވެސް އެ ޕާޓީން ހޯދައިދޭނެ ކަަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އެއީ [ހުރިހާ ދާއިރާ އަށް ވެސް އެމްޑީޕީގެ ކެންޑިޑޭޓުން ނެރުން]. އެހެން ބުންޏަކަސް ހަމަ ހުރެދާނެ، އެގޮތަށް މަސައްކަތް ކުރީމާ ވެސް ކެންޑިޑޭޓުން ނުލިބި،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ އަންނަ ހުކުރު ދުވަހު މެންދުރު ފަހު އެވެ. އެމްޑީޕީގެ މެމްބަރުންގެ 70 ޕަސެންޓް އެ އިންތިހާބުގައި ވޯޓްލާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް އަލީ ނިޔާޒް ވިދާޅުވި އެެވެ.