ބޭރަށް ދާން ޖެހޭ ފަދަ ސިއްހީ މައްސަލަތަކެއް އެބަަ ހުރި: ޔާމީން

ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަން ޖެހޭ ސިއްހީ މައްސަލަތަކެއް ކުރިމަތިވެވަޑައިގެންފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.


އިސްތިއުނާފް ޝަރީއަތުގައި، އެމަނިކުފާނުގެ ކަފާލާތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނު ޖަލަށް ލާން ހުކުމް ކުރުމުގެ ކުރިން މިދިޔަ އަހަރުގެ ކުރީކޮޅު ޝަރީއަތް ނިމެންދެން ބަންދުކުރި ފަހުން ނަފްސާނީ މައްސަލަތަކަކާއި ސިއްހީ އެހެން މައްސަލަތަކެއް ކުރިމަތިވެވަޑައިގަތް ކަމަށެވެ. އެކަމުގެ ޝަކުވާ އޭރު ވެސް ހުށަހެޅުއްވި ކަމަށާއި ފަހުން ބަންދުން މިނިވަންވެވަޑައިގަތުމަށް ފަހު ހިތުގެ މައްސަލައަކަށް ޑޮކްޓަރަށް ދެއްކެވުމުން އެކަމަށް ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ލަފާ ދެއްވި ކަމަށް ވެސް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެކަމުގެ ލިޔުންތައް ވެސް އެބަހުރި ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންފައިވާ ކަށީގެ މައްސަލައެއްގައި އޮޕަރޭޝަން ކުރަން ރާއްޖެއިން ބޭރަށް ވަޑައިގަންނަން ބޭނުންފުޅު ވިޔަސް، އެކަން ވެސް ނުކުރެއްވީ އޭރު ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށް ދާތީ ކަމަށް ވިދާޅުވި އެވެ. އެ ޝަރީއަތް ކުރިއަށް ދަނިކޮށް ބޭރަށް ވަޑައިގެންފި ނަމަ، އެމަނިކުފާނު ފިއްލެވީ ކަމަށް ބަޔަކު ގަބޫލުކޮށްފާނެތީ އެގޮތަށް ކަންތައް ނުކުރެއްވީ ކަމަށް ވެސް ވިދާޅުވި އެވެ.

ޖަލުގައި ހުންނެވުމުން ކުރިމަތިވެވަޑައިގަންނަވާ ސިއްހީ މައްސަލަތަކުގެ އިތުރުން އެހެން ކަމެއް ވެސް، ގެޔަށް ބަދަލުކުރުމުގެ ސަބަބެއްގެ ގޮތުން ދެއްކެވި އެވެ. އެގޮތުން ވިދާޅުވީ ދައްކަވަން ޖެހިފައި އޮތް 5 މިލިއަން ޑޮލަރުގެ ޖޫރިމަނާއަށް ވާ ފައިސާ ހޯއްދަވަން ކުރައްވަން ޖެހޭ މަސައްކަތަށް ވެސް ދަތިފުޅުވާނެ ކަމަށެވެ.

އޭގެ އިތުރުން ޔާމީން ވިދާޅުވި ގޮތުގައި ކޮންމެ ފަހަރަކު އިންތިޚާބަކާ ދިމާކޮށް އެމަނިކުފާނު ޖަލުގައި ބަންދު ކުރުމުން ގެއްލެނީ އެތައް ބައެއްގެ ހައްގެކެވެ.

ކްރިމިނަލް ކޯޓުގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު ވަކި ހިސާބަކުން އޭރު ގެއަށް ބަދަލުކުރީ ވެސް ސިއްހީ މައްސަލަތަކާ ހެދި ކަމަށް ޔާމީން ވިދާޅުވި އެވެ. އެކަންކަން ފާހަގަކުރައްވައި އެމަނިކުފާނު އެދިވަޑައިގަތީ ކަފާލާތުގެ ދަށުން ދޫކޮށް ދެއްވުމަށެވެ.

ކާފާލާތު ދީފި ނަމަ ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނެތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވުމުން ޔާމީން ވިދާޅުވީ ކަފާލާތު ދިނަސް، ބޭރަށް ވަޑައިގަންނަވާނީ ހައި ކޯޓުގެ ހުއްދައާ އެކު ކަމަށެވެ.

ކަފާލާތު ދިނުމާ މެދު ދެ ފަރާތުން ވާހަކަ ދެއްކުމަށް ފަހު ފަނޑިިޔާރުންގެ ބެންޗުން އިއުލާން އެކަމާ މެދު ގޮތެއް ނިންމަވާނީ ފަހުން ކަމަށެވެ. އަދި ޔާމީނަށް ކުރިމަތިވެވަޑައިގެންފައިވާ ސިއްހީ މައްސަލަތަކާ ގުޅޭ ލިޔުންތައް ތިން ދުވަހުގެ ތެރޭގައި ހުށަހަޅުއްވަން ވެސް ފަނޑިޔާރުން އެންގެވި އެވެ.