މިވަރަށް ގިރަންޏާ ސަރުކާރަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް: ނަޝީދު

ރާއްޖޭގެ ރަށްތައް މިހާރު ގިރާ ވަރަށް ގިރާ ނަމަ ސަރުކާރަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމުގެ ހަޅައިގައި ރާއްޖޭގެ ބައެއް ރަށްރަށް ގިރަ އެވެ. ނަމަވެސް މި އަހަރު އެ މައްސަލަ މާ ބޮޑެވެ. ބައެއް ރަށްރަށުގައި ހެދިފައި ހުރި ދުވަސްވީ ބިޔަ ގަސްތައް ވެއްޓި އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން އާއްމުންނަށް ހުޅުވާލައިގެން މިއަދު ބޭއްވި މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގައި ނަޝީދު ވަނީ ވަކިވަކި ރަށްރަށް ގިރާ ސަރަހައްދުތަކުގެ ފޮޓޯތައް ހިމެނޭ ޕްރެޒެންޓޭޝަނެއް ދެއްވައިފަ އެވެ. އެ ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވަމުން ނަޝީދު ވިދާޅުވީ އިރުވައިމޫސުމުގެ މިހަޅާގައި ރާއްޖޭގެ ގިނަ ރަށްތަކެއް ކުރިން ނުގިރާ މިންވަރަށް ގިރާފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ނޫނަސް ތިމާވެއްޓަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެހެންވެ، ވެގެން އުޅޭގޮތް ރަނގަޅަށް ދިރާސާކޮށް ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މިއަދު ބޭއްވި މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ދިރިއުޅުން ހުއްޓާލެވޭކަށް ނެތް. ތަރައްގީ ހުޓާލެވޭކަށްވެސް ނެތް. ބޯހިޔާވަހިކަން ދިނުން ހުއްޓާލެވޭކަށް ވެސް ނެތް. އޮޑިދޯނި ފަހަރު ފުރާ ލެފުން ވެސް ހުއްޓާލެވޭކަށް ނެތް...،" ނަޝީދު ވިދާޅުވި އެވެ.

ރަށްތައް ގިރަމުންދަނީ ތަރައްގީގެ މަޝްރޫތަކުގެ ސަބަބުން ކަމަށް ބަލާއިރު ސީދާ އެހެން ބުނެވެން ވެސް ނެތް ކަމަށާއި ފަޅުރަށްތައް ވެސް އެބަ ގިރާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި މިހާރު ރަށްތައް ގިރާވަރަށް ގިރާ ނަމަ ސަރުކާރަށް ކުރެވެނެ މާ ބޮޑު ކަމެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިނިސްޓަރަށް މެންބަރުންގެ ފާޑުކިޔުން

ކޮމެޓީގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވަނީ އެންވަޔަރަމަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދާއި ކަމާ ބެހޭ އިދާރާތަކުން އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތަށް ހިޔާލު ފާޅުކުރެއްވި މެމްބަރުންގެ ތެރޭގައި މަޖިލީހާއި ސަރުކާރުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުން ވެސް ހިމެނެ އެވެ.

ކަންބޮޑުވުން ފާޅުކުރައްވަމުން އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ ދަންވަރު ރަށްރަށަށް އުދައަރައި ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ދިޔައިރު ވެސް މިނިސްޓްރީތަކުން އެކަމަށް އިޖާބަ ދިނުން ލަސް ކަމަށެވެ.

"ކިހާ ރަށަކަށް އަސަރުކޮށްފިކަން ނުވަތަ އެއީ ކިހިނެއްވާ ކަމެއްކަން އެ މައުލޫމާތު ކުރިއާލާ ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި ކަމާބެހޭ އިދާރާތައް ވަރަށް ފަހަތު ފަޔަށް ބުރަކޮށް އުޅޭކަން އަޅުގަނޑަށް ފާހަގަކުރެވޭ،" ވަހީދު ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު: އޭނާ ވިދާޅުވީ ރަށް ގިރާ މައްސަލާގައި އިދާރާތަކުން އިޖާބަ ދިނުން ލަސް ކަމަށް-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ރަށްރަށަށް އެވަރު ވެގެންދިޔައިރު ކަމާ ގުޅޭ އިދާރާތަކުން ކުރި ކަމެއް ނެތް ކަމަށެވެ. އެހެންކަމުން އެބޭފުޅުން މިހާތަނަށް ކުރީ ކޮންކަމެއްތޯ ބެލުމަށް އޭނާ ވަނީ ކޮމެޓީ އަށް ހުށަހަޅުއްވައިފަ އެވެ.

މަހިނބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް ވިދާޅުވީ މިދުވަސްވަރު އަތޮޅު ތެރޭގައި އެންވަޔަރަންމަންޓް މިނިސްޓަރު އުޅުއްވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި ކަމަށެވެ. މިމައްސަލާގައި މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތް ބެލުމަށް މިނިސްޓަރު ކޮމެޓީއަށް ހާޒިރުކުރަން ތޯރިގް ހުށަހެޅުއްވި އެވެ.

"އެ ދަތުރުކުރާއިރު ގިރާ ސަރަހައްދު ވެސް ބައްލަވާނެ. އަދި ކުނިގޮނޑު ވެސް ބައްލަވާނެ. އެކަމަކު މިކަން ސަމާލުކަމަށް އައިސްގެން ކިހާ މަސައްކަތެއްތޯ މިނިސްޓްރީ އަށް ކުރެވުނީ ބަލަން އެއީ ވެސް މިކޮމެޓީގެ ވެސް މަސްއޫލިއްޔަތެއް،" ތޯރިގް ވިދާޅުވި އެވެ.

އެ މެމްބަރުންގެ ވާހަކަ އަށް ފަހު ނަޝީދު ވިދާޅުވީ މިމައްސަލާގައި ސަރުކާރުން ވެސް މަސައްކަތްތަކެއް ކުރާ ކަމަށާއި އެގޮތުން ރަށްރަށުގެ ހާލަތު ބެއްލެވުމަށް އެންވަޔަރަންމަންޓް މިނިސްޓަރު ރަށްރަށަށް ގުޅުއްވި ކަމަށެވެ.

މެމްބަރުންގެ ކަންބޮޑުވުންތައް ގިނަ

އެ ކޮމެޓީގެ މުގައްރިރު، ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވިގޮތުގައި މިފަހަރުގެ ޗުއްޓީގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ވަޑައިގެންނެވިއިރު ފެނުނު މަންޒަރުތައް ވަރަށް ނުރައްކަލެވެ. ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ހުވަދު އަތޮޅަށްވުރެ ދުރުގައިވާ ރަށްތައް ވެސް ގިރަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމައެކަނި މީހުން އުޅޭ ރަށްތަކެއް ނޫން. ފަޅުރަށްތައް ވެސް، ހިމާޔަތް ކޮށްފައިވާ ރަށްތައް ވެސް ސީރިއަސް ލެވަލްއެއްގައި ގިރަމުންދާތީ އަޅުގަނޑުމެން ކަންބޮޑުވޭ. މިއީ މީގެ ކުރިން އަޅުގަނޑުމެން ދުވަހަކު ވެސް ނުދެކޭ މިންވަރަށް ހިނގަމުންދާކަމެއް،" ސަލީމް ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދު ވިދާޅުވީ ރ. އަތޮޅުގައި މީހުން ދިރިއުޅޭ 15 ރަށް އޮންނައިރު އޭގެ ތެރެއިން 10 ރަށް ގިރަމުންދާތީ އެ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އިރުވައި މޫސުމުގެ ހަޅާގައި ކުރިން ވާ ގޮތާއި މިހާރު ވަމުންދާ ގޮތް ތަފާތު ކަމަށް ދުވަސްވީ މީހުންނާ ހަވާލާ ދެއްވައި ވަހީދު ވިދާޅުވި އެވެ.

"އާއްމު ގޮތެއްގައި ހަޅަ ޖަހަނީ ފުއްޓަރުން ފަށައިގެން ކަމަށް. އެކަމަކު މިފަހަރު ފުއްޓަރު ނޫން ދިމަދިމާލުން ވަރަށް ބޮޑަށް ގަދަވުމުގެ ސަބަބުން އަދި ހަޅަ ދިގުލައިގެން ދިއުމުގެ ސަބަބުން ގެއްލުންވި ކަމަށް،" ކަންވީގޮތް ކިޔައި ދެއްވަމުން ވަހީދު ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ އާއްމުކޮށް ހަޅަ ޖަހާގޮތާއި ހަޅަ ޖަހާ ދުވަސްތައް މިފަހަރު ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން އާއްމުކޮށް ހަޅަޖަނީ ޑިސެމްބަރު މަހުގެ 10 އިން ފެށިގެން ކަމަށް ވިޔަސް މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ރާއްޖެ އަށް ހަޅަ ޖަހަން ފަށާފައިވާ ކަމަށް އަލީ ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ކޮމެޓީގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ އާއްމުކޮށް ހަޅަ ޖަހާގޮތާއި ހަޅަ ޖަހާ ދުވަސްތައް މިފަހަރު ބަދަލުވެފައިވާ ކަމަށް-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ތިމާވެށީގެ މައްސަލަތައް ހައްލު ކުރެވޭނެ ގޮތާ ގުޅޭގޮތުން ވާހަކަ ދައްކަމުން އަލީ ވިދާޅުވީ އަލަށް ރަށްތައް ހިއްކުން ފަސްކުރަން ޖެހޭ ކަމަށެވެ. ގުދުރަތީގޮތުން އުފެދިފައިވާ ރަށްތައް ހިމާޔަތް ނުކޮށް އިތުރު ރަށްތަކެއް ހިއްކަން ނުޖެހޭ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފަހަށް ޖައްސާލަންވީ 23 މީޓަރު ފުން ކަނޑެއް ހިއްކައިގެން ހަދަން އުޅޭ ބޮޑެތި މެގަ ޕްރޮޖެކްޓްތައް. ބޮޑެތި ބަނދަރުތައް. ބޮޑެތި ބްރިޖުތައް ހެދުން އިހަށް މަޑުޖައްސާލަންވީ،" އަލީ ވިދާޅުވި އެވެ.

މައްޗަންގޮޅި ދެކުނު ދާއިރާ މެމްބަރު އަހުމަދު ހައިތަމް ވަނީ ބައިނަލްއަގުވަމީ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމަށާއި އެކަމުގެ ނުރައްކާ އޮތް މިންވަރުގެ ރަނގަޅު ދިރާސާއެއް ކުރުމަށް ހުށަހަޅުއްވާފަ އެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގް ވިދާޅުވީ މިފަދަ މައްސަލަތަކުގައި ވަގުތީގޮތުން ހައްލު ގެނައުމަށް ބޮޑު ހިލަ ފަދަ ތަކެތި ރާއްޖެ ގެނެސް ބަހައްޓަން ޖެހޭ ކަމަށެވެ. ވަގުތީގޮތުން އެފަދަ ހާދިސާތަކުން ސަލާމަތް ވުމަށް ބޭނުންވާ ތަކެތި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގައި ހުންނަން ޖެހޭ ކަމަށް ތޯރިގް ވިދާޅުވި އެވެ.

ކޮމެޓީ ނިންމަވާލެއްވުމުގެ ގޮތުން ސަލީމް ވިދާޅުވީ މެމްބަރުންގެ ހުށަހެޅުންތައް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ތަޅުމުން ފާސްކުރާ ގޮތަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ކޮމެޓީގައި އާއްމުންގެ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމުން، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ އަހުމަދު މުހައްމަދު (ފޯމީ) ވަނީ އެ ކޮމެޓީގައި އިންނެވުމުގައި މުގައްރިރު ސަލީމްގެ މަސްލަހަތު ފުށުއަރާ ކަމަށް ބުނެފަ އެވެ. އެހެންވެ ސަލީމް އިސްތިއުފާ ދެއްވުމަށް އޭނާ ގޮވާލި އެވެ.

އެކަމަށް ރައްދު ދެއްވަމުން ސަލީމް ވިދާޅުވީ މަސްލަހަތު ހިމެނޭ އެއްވެސް ކަމެއްގައި އެ ކޮމެޓީގެ އެއްވެސް މެމްބަރަކު ބައިވެރިނުވާ ކަމަށެވެ.

ތިމާވެށީގެ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ސަލީމްގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެންވަޔަރްމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދަ އެވެ.