ކައުންސިލަރުން ފެއިލްއެއް ނުވޭ؛ ޔާމީން ސަރުކާރުން ކައުންސިލްތައް ފެއިލްކޮށްލީ: ނަޝީދު

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ނެރޭނެ ކެންޑިޑޭޓުން ހޮވަން އިއްޔެ ބޭއްވި ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންނެވި މޭޔަރުން ފެއިލްވީ ނޫން ކަމަށާއި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ކައުންސިލްތައް ފެއިކްކޮށްލީ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ނަޝީދު މިހެން ވިދާޅުވީ އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި މާލޭގެ މޭޔަރު ސިފާ މުހައްމަދަށް ޕްރައިމަރީގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީ އަކީ އެ ބޭފުޅުން ފެއިލްވުން ކަމަށް ދެކެވަޑައިގަންނަވާތޯ ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ފެއިލްވީ ކުރީގެ ސަރުކާރުން އިނގޭތޯ. ފޭލް ކޮށްލައިގެން މިއުޅެނީ. އަޅުގަނޑުމެންގެ ސިޓީކައުންސިލްތަކަށް އެނގިވަޑައިގަންނަވާނެ މަސައްކަތް ނުކުރެވުނު އެންމެ ބޮޑު ސަބަބަކީ ރައީސް ޔާމީނު ލާމަރުކަޒީ ގާނޫނު ރޫޅާލުމާ ސިޓީ ކައުންސިލްތައް ހަލާކުކޮށްލުމާ،" ޔާމީންގެ ސަރުކާރުން ސިޓީ ކައުންސިލްތަކާއި ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް ގާނޫނަށް ގެނައި އިސްލާހުތަކަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ކުރީގެ މޭޔަރުންގެ ތަޖުރިބާ ބޭނުންކުރެވޭނެ ގޮތްތަކެއް ސިޓީކައުންސިލްތަކުގައި ހިމެނެން ޖެހޭ ކަމަށް، އައްޑު އާއި މާލޭގެ މޭޔަރުކަމުގެ ޓިކެޓް ލިބިވަޑައިގެންނެވި ދެ ބޭފުޅުން ވިދާޅުވި ކަމަށެވެ. އައްޑޫގެ މޭޔަރުކަމުގެ މަގާމަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ނިޒާރާއި މާލޭގެ ޓިކެޓް ލިބިވަޑައިގެންނެވި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާ ހަވާލާދެއްވައި ނަޝީދު ވިދާޅުވީ ކުރީގެ މޭޔަރުންގެ ތަޖުރިބާ ބޭނުންކުރަން އެކި ބޯޑުތަކާއި އެޑްވައިޒަރުން ކައުންސިލްތަކުގައި ހިމެނެން ޖެހޭ ކަމަށެވެ. އެތެރޭގެ އިންތިހާބަށް ފަހު ޕާޓީގެ އެތެރޭގެ އެއްބައިވަންތަކަަން ދެމެހެއްޓުމަށް ޓަކައި އެކި ކެންޑިޑޭޓުންނަށް މިއަދު ގުޅުއްވާނެ ކަަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ބަލިވި ކެންޑިޑޭޓުންނަށް ހުރިހާ އެއްޗެއް ގެއްލޭކަށް ނުޖެހޭ. މިސާލަކަށް އަޅުގަނޑު ގާތުގައި މިއަދު އައްޑޫގެ ކެންޑިޑޭޓް، ނިޒާރު ވެސް އަދި އަޅުގަނޑާ މިއަދު ބައްދަލުވި އަނަސް ވެސް، އެ ދެބޭފުޅުން ވެސް ވިދާޅުވޭ ކުރީގެ މޭޔަރުން ކޮށްދެެއްވާފައި ހުރި މަސައްކަތާ އަދި އެބޭފުޅުންގެ ތަޖުރިބާއާ އަދި އެބޭފުޅުންގެ ބައިވެރިވުމާ، މި ގާނޫނު މިހާރު މި ލިބިދީފައި އޮތް ފެންވަރުން، އެކި އެކި އެޑްވައިޒަރުންނާއި އެކި އެކި ބާވަތުގެ ބޯޑުތައް ކައުންސިލް ތަކުގައި ހިމެނެން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި މާލޭގެ މިހާރުގެ މޭޔަރު ޝިފާ އާއި މިދިއަ ތިން ދައުރު އައްޑޫގެ މޭޔަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ސޯދިގު (ސޯބެ) ގެ އިތުރުން ފުވައްމުލަކުގެ މިހާރުގެ މޭޔަރު އަބްދުﷲ ފަލާހަށް ވެސް ކުރިމަތިވީ ނާކާމިޔާބީ އެވެ. ފުވައްމުލަކުގެ މޭޔަރުކަމަށް، އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ އިސްމާއިލް ރަފީގެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީ އަށް 60 ޕަސެންޓް ގޮނޑި ކާމިޔާބު ކުރެވޭނެ އެވެ.