ކޮރޯނާވައިރަހާ ގުޅިގެން ރާއްޖޭގެ ހާލަތާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހެލްތު މިނިސްޓަރު އަމީން މިރޭ ދެއްވާއިރު، ޑރ. މޫސާ ހުސައިނާއި ޑރ. އިބްރާހިމް އަފްޒަލް އަރިހުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
01 ފެބުރުއަރީ 2020 - 21:19
ރާއްޖެ އިން ކޮރޯނާވައިރަހަށް ޝައްކު ކުރެވިގެން، އެކަހެރިކޮށްގެން ފަރުވާ ދެމުން އަންނަ ދިވެހި މީހާގެ ހާލަތު ކުރިއަށް ވުރެ ރަނގަޅު ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.
ކޮރޯނާވައިރަހަށް ޝައްކު ކުރެވިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ފަރުވާ ދެމުން އަންނަނީ ޗައިނާ އިން އައި އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
"އެންމެ ފުރަތަމަ ސަސްޕެކްޓް ކުރެވިގެން ގެންދިޔައިރު ފާހަގަވި އަލާމާތްތަކެއް މިވަގުތު ފެންނާކަށް ނެތް. އެންމެ ފަހުން އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުގައި، އެ ފަރާތުގެ ހާލަތު ރަނގަޅު. ދެން އަޅުގަނޑުމެން އިތުރަށް ބެލުމަށްޓަކައި މިހާރު އައިސޮލޭޓް ކުރެވިފައިވާ ފަރާތްތަކުގެ ވެސް އިތުރު އަލާމާތްތަކެއް ނެތް. އައިސޮލޭޓް ކުރެވުނުއިރު ހުރި އަލާމާތްތައް ވެސް މި ވަގުތު ނެތް،" މިނިސްޓަރު އަމީން ބޭއްވި ޕްރެންސް ކޮންފަރެންސްގައި ވިދާޅުވި އެވެ.
"އެހެންވީމާ އެ ބޭފުޅުންގެ ހާލު ރަނގަޅު."
އަމީން ވިދާޅުވީ، އެ ޒުވާނާގެ ޓެސްޓުގެ ސާމްޕަލް އިންޑިއާގެ ދިއްލީއާ ހިސާބަށް މިހާރު ފޯރާފައިވާ ކަމަށާއި ޓެސްޓް ހެދުމަށްޓަކައި ޕޫނޭ އަށް މިރޭގެ ވަގުތެއްގައި ގެންދެވޭނެ ކަމަށެވެ. އެހެންވެ، އަމީން އުންމީދު ކުރައްވަނީ ކުރިން ވިދާޅުވެފައިވާ ގޮތަށް މާދަމާ ރޭގެ ވަގުތެއްގައި ޓެސްޓުގެ ނަތީޖާ ލިބޭ ވަރުވާނެ ކަމަށެވެ.
ކޮރޯނާވައިރަސް އަށް ޝައްކު ކުރެވުނު މީހާގެ ސާމްޕަލްގެ އިތުރުން ސިއްހީ ދާއިރާގެ ކަމާ ގުޅޭ ބައެއް ފަރާތްތަކުން އިތުރަށް ބަލަން ބޭނުންވާ ބައެއް މީހުންގެ ސާމްޕަލްތައް ވެސް ޓެސްޓް ކުރަން ވަނީ އިންޑިއާ އަށް ފޮނުވައިފަ އެވެ. އެހެންވެ، ޖުމްލަ ތިން ސާމްޕަލެއްގެ ޓެސްޓު ހެދުމަށް މިހާރު ފޮނުވާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮރޯނާވައިރަހަށް ޝައްކު ކުރެވިގެން، ކްލިނިކަލީ ފަރުވާދޭ ހިސާބަކަށް [ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްގެން] ވެސް އެއްވެސް މީހަކު އަދިއެއް ނުދެ އެވެ.
އޭނާ ވިދާޅުވީ، ކޮރޯނާވައިރަހާ ގުޅިގެން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނި ވެސް ސްކްރީނިންގެ ކަންކަން 700 އަށް ވުރެ ގިނަ މީހުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އަތޮޅު ތެރޭގައި ކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ކަންކަން ވެސް މިއަދުން ފެށިގެން ކުރިއަށް ގެންދާ ކަމަށް އަމީން ވިދާޅުވި އެވެ. އެކަން ވެސް މި ތިން ދުވަސް ތެރޭގައި އެއްކޮށް ނިންމައިލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިންޑިއާގެ ޕޫނޭގެ އިތުރުން ތައިލެންޑުން ވެސް ކޮރޯނާވައިރަހަށް ޓެސްޓު ކުރުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި އިތުރަށް އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރައްވާ ކަމަށް އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ މީހުން އިވެކުއޭޓް ކުރުމަށްޓަކައި ހުޅުމާލެ ކައިރީގައި އޮންނަ ފަރުކޮޅުފުށި ޚާއްސަކޮށް، އެތަނުގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށް އެބަދެ އެވެ. އޭގެ ތެރޭގައި އިންފްރާސްޓްރަކްޗަރަށް ބަދަލު ގެނައުމާއި ސިއްހީ ސާމާނާއި ފަރުނީޗަރު ފަދަ ތަކެތި ގެންދިއުން ހިމެނެ އެވެ.
ކޮރޯނާވައިރަހާ ގުޅިގެން ރާއްޖޭގެ ހާލަތާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރައްވަން މިރޭ ބޭއްވި ނިއުސް ބްރީފިންގައި، ހެލްތު މިނިސްޓަރު އަމީން، ނޫސްވެރިއެއްގެ ސުވާލު އަޑު އައްސަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"އިއްޔެ ހުރި ކެޕޭސިޓީ އަށް ވުރެ މިއަދު ހުރި ކެޕޭސިޓީ އިތުރު. އެހެންވީމާ ވަރަށް ބޮޑަށް މަސައްކަތް އެބަކުރެވޭ ކެޕޭސިޓީ އިތުރު ކުރަން،" އަމީން ވިދާޅުވި އެވެ.
ދުނިޔޭގެ އެހެން ގައުމުތަކޭ އެއްގޮތަށް ރާއްޖޭގައި ވެސް ކޮރޯނާވައިރަހާ ގުޅިގެން ފިޔަވަޅު އަޅާނީ ގައުމު އޮތް ހާލަތާއި ނުރައްކާ އޮތް މިންވަރުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ. ކޮންމެ ދުވަހަކު ވެސް އެ ހާލަތާ ގުޅިގެން ފިޔަވަޅު އަޅާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފައާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އެޕިޑޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ސާމްޕަލްގެ ނަތީޖާ ލިބެންދެން އައިސޮލޭޓްކޮށްގެން އެމީހުންނަށް ފަރުވާ ކުރާނެ ކަމަށެވެ. އެކަހަލަ އެންމެ ކޭސް އެއް ފެނުނު ކަމުގައި ވިއަސް ރައްކާތެރިކަމުގެ ގޮތުން ވަރުގަދަ ފިޔަވަޅު އަޅާނެކަމަށް ވިދާޅުވި އެވެ.
ވައިރަހުގެ ބިރަށް، ކުދިން ސްކޫލަށް ފޮނުވަން ބައެއް ބެލެނިވެރިން ދަނީ ދެކޮޅު ހަދަމުންނެވެ. ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑރ. މޫސާ ހުސައިން އެކަމަށް ޖަވާބު ދެއްވަމުން ވިދާޅުވީ އެއްވެސް ރޯގާއެއް އުޅޭ ނަމަ އެންމެ ރަނގަޅުވާނީ ފަރުދީ ޒިންމާއެއްގެ ގޮތުން ދަރިފުޅު ސްކޫލަށް ނުފޮނުވުން ކަމަށެވެ. ކޮރޯނާވައިރަސް ކަން ޔަގީންވާ އެއްވެސް މީހަކު ނެތްއިރު އަދި ޝައްކުކުރެވުނު މީހާގެ އަލާމާތްތައް ވެސް ކުރިއަށް ވުރެ ރަނގަޅުއިރު، މި މާހައުލުގައި އެ ބަލި އެކެއްގެ ގައިން އަނެއްކެ ގަޔަށް މިހާތަނަށް އަރާފައިނުވާކަމަށް ވިދާޅުވި އެވެ.
"އެކަހަލަ ހާލަތަކަށް ގޮސްފިއްޔާ ވަގުތުން މި ހުރިހާ ރެކޮމެންޑޭޝަންތަކެއް ތަފާތުވާނެ. އޭރުން ސްކޫލު ވެސް ބަންދުކުރަންޖެހިދާނެ އެކަހަލަ ގޮތަކަށް އެކަން ގޮސްފިއްޔާ. އެކަމަކު މިވަގުތު އަޅުގަނޑުމެން ހޯދާ ހޯދުންތަކާއި ބަލާ ބެލުންތަކުގައި އަޅުގަނޑުމެންނަށް އެކަހަލަ އެވިޑެންސެއް އަދި އަދި ފެންނާކަށް ނެތް މިރެއާ ހިސާބަށް. މާދަމާ ތަފާތުވެދާނެ،" ޑރ. މޫސަ ވިދާޅުވި އެވެ.
ކޮރޯނާވައިރަހަށް ބާރަ ހާހަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވާއިރު 259 މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮމްޗައި
02 February 2020
މމމިވަރިރަސްއަަކީ އިންސާނުން ދެމެދުގައިންގަޔަށްއަރާ ވައިރަހެއް ނޭވާލާ ނިޒާމަށް އިންފުލުއެންޒާޙެން ޖެހެމުންއަންނަނީ
ރެދަން
02 February 2020
ތީ ހަމަ ސައެއްބޯލާވަރުގެ ބޮޑު ކުރިއެރުމެއް!
ހަކީމް
02 February 2020
އަދިވެސް ޗައިނާއިން ގެސްޓުން އަންނަލެއް މަދެއް ނޫން. ސަރުކާރުން މަސަތްކަތް ކުރަނީ ދެމޮޅު ލިބޭތޯ. މިއީކީ އާދައިގެ ރޯގާއެއް ނޫން. އެތަށް ދުވަހެން ވަންދެން ބަލީގެ އަލާމާތެއް ބޭރަށް ނުފެނި ބަލިފަތެރޭ ކަމަށް ވާނަމަ މީވަރަސް ނުރައްކާ ކަމެއް.
ސައިމާ
02 February 2020
ޕީޕީ ޕަޕެޓް ކުދިންނަށް ހީވަނީ އެޗްވަންއެންވަން ޖެހިގެން ހުރިހާ ކަމެއް ތިމާމެން ފޮރުވީމަ ދެން އެހެން މީހުންވެސް ކުރާނީ އެގޮތަށް ކަމަށް. އެހެންވެ ޝައްކު ބަލީގައި އަބަދު ފިތުނަ އުފެއްދުމުގައި. އެކަމަކު އަހަރުމެން ބަލާލީމަ އެބަ އިނގޭ މިއީ ކިހާ ހުޅުވާލާފައި އޮތް ފޯރަމެއްކަން އަދި އެހާ ގިނައިން ޕްރެސް ބާއްވާ މައުލޫމާތު ހިއްސާ ކުރާއިރު ފޮރުވާނެ ޖާގައެއް ނެތްކަން.
ބައިމާ
02 February 2020
އެޗްވަން ޖެހިގެން އުޅުނުއިރު ޕީޕީ ނޫން ކުދިން ފިތުނަ ނުއުފައްދާ. އެހާ މާތްކުދިން އޭރު ތިބީ. ހަމަ ހައްޕުކިޔާލައިގެން ތިބީ.
ދަންނަކަލޯ
02 February 2020
ދިވެހިން އުޅޭނީ ކޮންމެ ކަމެސް ސިޔާސީކޮށް އެކަމުން ސިޔާސީ މަންފާ ނުނެގިގެން އަބަދުވެސް. މިއީ ދެން ބަޔަކު މީހުން ސިޔާސީކުރަންޖެހޭ ކަމެއްތޯ؟ މިއީ މުޅި ދުނިޔެއަށް ދިމާވެފައިވާ ސިއްހީ ގޮންޖެހުމެއް. އެހެން ގައުމުތަކޭ އެއްގޮތަށް އެއްބަކަޔު އަނެއް ބަޔަކަށް ސިޔާސީ މަންފާ ނެގުމުގެ ބަދަލުގައި އަތުގުޅާ މަަސައްކަތްކުރަންވީ ނޫންތޯ؟
ލަމްޔާ އަހްމަދު
02 February 2020
ދުނިޔޭގެ އެހެން ގައުމުތަކޭ އެއްގޮތަށް ރާއްޖޭގައި ވެސް ކޮރޯނާވައިރަހާ ގުޅިގެން ފިޔަވަޅު އަޅަމުންދަނީ ގައުމު އޮތް ހާލަތާއި ނުރައްކާ އޮތް މިންވަރުގެ މައްޗަށް ބަލާފައި. މިއީ ކޮންމެ ދުވަހަކު ބަދަލުވަމުންދާ ހާލަތެއް. އިއްޔެ ކުރިކަމެއްނޫން މިއަދު ކުރާނީ ނޫނީ އެވެމި ގައުމަކުން ކުރީމައެއްނޫން މި ގައުމުން ކުރާނީ. މިހާ ސާފުކޮށް އޮތް ކަމެއްގައި ބަޔަކު މީހުން ކުރިޔޭ ކިޔާފައި ސަރުކާރު ލައްވާ ކޮން ބަކައެއް ނުތެޅިގެން މި އުޅެނީ؟ ގަމާރުވިޔަސް ބޮޑުވަރު
ސަޅި،
02 February 2020
އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ
ޢިންސާފު ކުޑޭ
02 February 2020
ޓެސްޓުގެ ރިޕޯޓް އަދިވެސް ނުލިބެނީ 48 ގަޑިއިރު ނުވަނީތޯ؟ މި ވައިރަހާބެހޭގޮތުން އަދި މާގިނަ ކަންކަން ހޯދިފަނުވާއިރު، މީހާގެ ހާލަތު ޔަގީން ކުރެވޭނީ ޓެސްޓުގެ ނަތީޖާއިން، ބޭރުން ފެންނަ ކަންކަމަކުން ނޫން. ޢަޅުގަނޑު ތިޔަ ޓެސްޓް ރިޕޯޓުގެ އިންތިޒާރުގައި ހުންނަތާ ދެދުވަސް ވެއްޖެ.
ފަމީ
02 February 2020
ސަދަގާތް ދިނުމަކީ މުސީބާތްތަކުން ސަލާމަތްކޮށްދޭ ކަމެއް އަދި ބަލިތަކުގެ ޝިފާއެއް
މޮންކު
02 February 2020
މާސްކޭ ފަޅޮލޭ ބޮލު ރޮއްޖޭ މޮޔަ ވެދާނެ ކެތްތެރިވެބަލަ ޓެސްޓު ނަތީޖާ ލިބެންދެން ހެޔޮނުވާނެ