ޕްރައިމަރީ ގްރޭޑުން ފެށިގެން ކޯޑު ކުރަން ދަސްކޮށްދެނީ

ޕްރައިމަރީ ގްރޭޑުތަކުން ފެށިގެން ސްކޫލުތަކުގައި ކޯޑިން ދަސްކޮށްދޭން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލިސް، މި ދައުރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ތަރައްގީގެ އަމާޒުތަކަށް ވާސިލް ވުމުގައި ސަރުކާރަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރެވޭނީ ޒަމާނީ އާ ޓެކްނޮލޮޖީގެ ބޭނުން ހިފި ވަރަކުން ކަމަށެވެ. އެގޮތަށް ދުނިޔޭގެ އިގުތިސޯދީ ދުވެއްޔާ ފައި ހަމަކޮށް، އީޖާދީ ގޮތްތަކުގެ ބޭނުން ހިފައިގެން ވިޔަފާރި އާއި މަސައްކަތް ހޯދާނެ ޖީލެއް އުފެއްދުމަށް ދަރިވަރުންނާއި ޒުވާނުން ޓެކްނޮލޮޖީ އަދި ސައިންސަށް އަހުލުވެރި ކުރުވަމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ވިދާޅުވި އެވެ.

އެ މަސައްކަތުގެ ތެރެއިން، ގައުމީ މަންހަޖަށް ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިން އަދި މެތުމަޓިކްސް (ސްޓެމް) ގެ މާއްދާތައް ތަރައްގީކޮށް، ޕްރައިމަރީ ސްކޫލުން ފެށިގެން ކޯޑިން ދަސްކޮށްދޭން ސަރުކާރުން މަސައްކަތް ފަށާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ ކުރިން ކޯޑުކުރަން ދަސްކޮށްދިނުމަކީ ސަރުކާރުން އެހާ ބޮޑަށް ސަމާލުކަމެއް ދިން ކަމެއް ނޫނެވެ. ނަމަވެސް ސައިންސް އެންޑް ޓެކްނޮލޮޖީ އަށް ވަކިން އާ މިނިސްޓްރީ އަށް ހަދައި ކޯޑުކުރަން ދަސްކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ވެ އެވެ. އޭގެ އިތުރުން މަންހަޖުގެ ތެރެއަށް އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީ (އައިސީޓީ) ތައާރަފުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައި ވެ އެވެ.

ރާއްޖޭގެ ބައެއް ސްކޫލުތަކެއްގައި މިހާރު ވެސް ކޯޑުކުރަން ދަސްކޮށްދެ އެވެ. އޭގެ ތެރެއިން އެއް ސްކޫލަކީ ތ. ތިމަރަފުށީ ސްކޫލެވެ. އޭގެ އިތުރުން ހުޅުމާލޭގައި ހުންނަ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގައި ވެސް އަންނަނީ ކޯޑިން ދަސްކޮށްދެމުންނެވެ. އަދި ތ. ކިނބިދޫ ސްކޫލްގެ ކުދިންގެ ޓައިމް ޓޭބަލްގައި ހިމަނައިގެން ވަކި މާއްދާއެއްގެ ގޮތުގައި މިހާރު ކޯޑިން ދަސްކޮށްދެ އެވެ.

މީގެ އިތުރުން، ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ސްކޫލެއްގައި ކޯޑް ކްލަބެއް އުފެއްދުމުގެ މަސައްކަތް ޓެކްނޮލޮޖީ މިނިސްޓްރީން މިހާރު ވަނީ ފަށައިފަ އެވެ. އޭގެ ތެރެއިން، އއ. ބޮޑުފުޅަދޫ ސްކޫލްގައި ވަނީ ކޯޑް ކްލަބެއް އުފައްދައިފަ އެވެ.

އަދި "ކޯޑް ކްލަބް ވޯލްޑް" އާ ގުޅިގެން ޓެކްނޮލޮޖީ މިނިސްޓްރީން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ 300 ކުދިންނަށް "އަވާ އޮފް ކޯޑް" ހިންގައިފަ އެވެ.