އިތުބާރު ނެތްކަމުގެ މައްސަލައިގައި ޝިދާތާ ވާހަކަ ދައްކަވަން ބޭނުމެއް ނުވޭ

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕް ނިންމި ނަމަވެސް އެކަމާ ގުޅޭ ގޮތުން އަދި ވާހަކަ ދައްކަވަން ބޭނުން ނުވާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.


ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަމަށް ވަޑައިގެންނެވި ޝިދާތާގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމީ މިއަދު ބޭއްވި އެ ގުރޫޕުގެ ބައްދަލުވުމަށް ވަޑައިގެންނެވި 45 މެމްބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ވަނީ ޝިދާތާގެ އިސްތިއުފާ އަށް ގޮވާލައްވައިފަ އެވެ. އަދި އިސްތިއުފާ ނުދެއްވައިފި ނަމަ މަގާމުން ވަކިކުރުމަށް ބައެއް މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވައިލެއްވި އެވެ. އެކަން ނުކުރައްވާ ނަމަ، ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ޝިދާތާ ވަކި ކުރާނެ ކަމުގެ އިންޒާރު ވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން މިއަދު ދިނެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އެމްޑީޕީން ތައްޔާރު ވާތީ، އޭނާގެ ބަހެއް ހޯދަން "މިހާރު" ން ގުޅުމުން ޝިދާތާ ވިދާޅުވީ، ވަކި އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ.

ޝިދާތާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އެމްޑީޕީން ނިންމީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ އަހުމަދު ހިޝާނަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތައް އެނގި ތިބެ، އެކަމުގައި ޖެންޑާ މިނިސްޓްރީ އިހުމާލުވެ، މިނިސްޓަރު ޝިދާތާ "ހޫނުފެނަށް" ވެއްޓިފައި ވަނިކޮށެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި މެމްބަރުން ވަނީ އުމުރުން 19 އަހަރުގެ ޒުވާނެއްގެ ބެލެނިވެރިކަން ފެމިލީ ކޯޓުން ނުދިނުމުން ވެސް އެ ޒުވާނާ ހިޝާންގެ ބެލުމުގެ ދަށުގައި ގެންގުޅުނު އިރު އެކަމުގައި އިހުމާލު ވެފައިވާތީ ޝިދާތާ އިސްތިއުފާ ދެއްވުމަށް ގޮވާލާފަ އެވެ.

މުޖުތަމައުއަށް އެހީވުމުގެ ދާއިރާއިން ގައުމީ އިނާމު ވެސް ހޯދާފައިވާ ހިޝާންގެ ސީރިއަސް މައްސަލަތަކެއް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އޭނާގެ މައްޗަށް ކުރަނީ ބައެއް ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމުގެ ތުހުމަތެވެ.

ހިޝާންގެ މައްސަލައިގެ އިތުރުން އުމުރުން ދެ އަހަރު ވެސް ނުވާ ކުޑަ އަންހެންކުއްޖަކާ، އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ބެހުނު ކަމަށް ދާދި ފަހުން ކުރި ތުހުމަތާ ގުޅިގެން ވެސް މިނިސްޓަރު ޝިދާތާ އަށް އެތައް ބައެއްގެ ފާޑުކިޔުމާއި ނުރުހުން ވަނީ އަމާޒުވެފަ އެވެ.