ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އެސްޖޭ އަށް ދިނީ ސެލެކްޓިވް ބިޑިންއަކުން

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އެޅުމުގެ ބޮޑު މަޝްރޫއު އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރީ ސެލެކްޓިވް ބިޑިންއަކުން ކަމަށް، ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.


އެ މިނިސްޓްރީން ބުނީ 74.9 މިލިއަން ރުފިޔާގެ އެ މަސައްކަތް، އާންމު ބިޑަކަށް ނުލައި، ސެލެކްޓިވް ބިޑިންއަކަށް ހުޅުވާލަން ރައީސް އޮފީހުގެ ހުއްދައާ އެކު އެޑިއުކޭޝަން މިނިސްޓްރީން ސިޓީއެއް ހުށަހެޅި ކަމަށެވެ. އެއާއެކު އެއް އަހަރު ދުވަހުގެ ތެރޭގައި އާ އިމާރާތް ނިންމަން އެސްޖޭ އާ ހަވާލުކުރީ ސެލެކްޓިވް ބިޑިންއަކުން ކަމަށް މިނިސްޓްރީން ބުނެ އެވެ.

ދަރުމަވަންތަ އިމާރާތުގެ އިތުރުން، އެސްޖޭ ކޮންސްޓްރަކްޝަނުން މި ފަހުން ވަނީ ތިލަފުށީގައި ގުދަން ހެދުމުގެ މަޝްރޫއު ވެސް ކާމިޔާބުކޮށްފަ އެވެ. އެ މަސައްކަތް ފުރަތަމަ ހަވާލުކުރަން އުޅުނީ ބިޑަށް ހުޅުވާނުލަ އެވެ. ނަމަވެސް އާއްމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމުން އެތަން ބިޑަށް ހުޅުވައި އެސްޖޭއޭ ހަވާލުކުރީ 9.5 މިލިއަން ރުފިޔާ އަށެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ރެސްޓްރިކްޓް ބިޑިން ނުވަތަ ސެލެކްޓިވް ބިޑިންއަކަށް ދިޔައީ، މާލިއްޔަތު ގަވާއިދުގެ ދަށުން އާއްމުކޮށް އިއުލާނުކޮށްގެން ކުރިއަށް ގެންދާނެ އެކަށީގެންވާ ވަގުތު ނެތުމުން ކަމަށެވެ. އެހެންވެ އެ ބީލަމަށް ޝަރުތު ހަމަވާ، ގްރޭޑު އެކެއްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ނޭޝަނަލް ޓެންޑާއިން ކުރިއަށް ގެންގޮސްފައިވާ ބީލަންތަކުގައި ބައިވެރިވެފައިވާ ނުވަ ކުންފުންޏަކަށް ދައުވަތު ދިނީ ކަމަށް ވިދާޅުވި އެވެ.

މާލިއްޔަތު ގަވާއިދުގެ 10.26 ގައި ބުނެފައިވާ ގޮތުން، ކުއްލި ހާލަތެއް ނުވަތަ ކުއްލި ހާލަތެއްގައި ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިއަށް ގެންދާނީ، ގާނޫނުގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއި އިންސާނެއްގެ ފުރާނަ އަށް ގެއްލުމެއް ލިބިދާނެ ނުވަތަ ދިމާވާ ހާދިސާއަކާ ގުޅިގެން، ބައެއްގެ ދިރިއުޅުމުގެ ފެންވަރަށް ނުވަތަ ތިމާވެއްޓާ ނުރައްކާތެރި ކަމެއް ކުރިމަތިވުމުންނެވެ. އޭގެ އިތުރުން ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތަކަށް ހުއްޓުން އަރާ ފަދަ ހާލަތެއް މެދުވެރިވުމާއި ހޯދަން ބޭނުންވެފައިވާ ކުދިކުދި ތަކެތި ނުލިބުމުގެ ސަބަބުން ޕްރޮޖެކްޓެއްގެ މަސައްކަތް އެކަށީގެންވާ ވަރަށް ވުރެ ލަސްވުމުން ކަމަށް ވެސް އެ މާއްދާގައި ބުނެފައި ވެ އެވެ.

ބީލަމުގައި ބައިވެރިވެ އާއްމު އުސޫލުގެ ދަށުން ސުވާލު ހުށަހެޅުމަށް ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ އަށް ފުރުސަތު ދީފައިވާ ކަމަށާއި ބީލަންތައް ހުޅުވާލާފައި ވަނީ ބީލަން ހުށަހެޅި ހަތް ފަރާތުގެ ހާޒިރުގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އިވެލުއޭޝަން ނިންމުމަށް ފަހު ނޭޝަނަލް ޓެންޑާ ބޯޑަށް ހުށަހެޅި، އެ މަޝްރޫއު ވަނީ އެވޯޑު ކުރެވިފައި،" އޭނާ ވިދާޅުވި އެވެ.

ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސްބިމުގައި އަޅާ ސްކޫލުގެ މަސައްކަތު އެއްބަސްވުމުގައި މިދިޔަ އަންގާރަ ދުވަހު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އެސްޖޭ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރު ޝިހާދު އިބްރާހިމް ސޮއިކުރައްވާފައި ވެ އެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ޑިޒައިންކޮށްފައި ވަނީ 1،000 ދަރިވަރުންނަށް ކިިޔަވައިދެވޭ ގޮތަށް، 41 ކްލާސް ރޫމް ހިމެނޭ ގޮތަށެވެ. ކޮންމެ ކްލާހެއްގައި ގިނަވެގެން 25 ކުދިން ކިޔަވާނެ އެވެ. ސްކޫލުގައި ދެ ބުރީގެ ލައިބްރަރީއަކާއި އިތުރު ހަރަކާތްތައް ހިންގާނެ ރޫމުތައް ވެސް ހިމެނެ އެވެ.