މާލޭގެ ތޮއްޖެހުމަށް ލުޔެއް ހޯދަން ހިއްކި ހުޅުމާލޭގެ ދެ ވަނަ ފޭހުން "މުއްސަނދިންނަށް" ބިން ވިއްކުމަކީ އިންސާފެއް ނޫން ކަމަށް ވިދާޅުވެ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނިންމުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ތެދުވެއްޖެ އެވެ.
ކުރީގެ ސަރުކާރުގައި ހުޅުމާލެ ދެ ވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. ބޮޑު އާބާދީއަކަށް އަމާޒުކޮށްފައިވާ އެތަނުގައި ސޯޝަލް ހައުސިން އަށް 7،000 ފްލެޓާ އެކު ގިނަ އިމާރާތްތަކެއްގެ މަސައްކަތް ކުރަމުން އެބަދެ އެވެ.
އެޗްޑީސީން ނިންމާފައި ވަނީ މި އަހަރުގެ ތެރޭގައި އަލަށް މީހުން އާބާދުވާން ފަށާ ހުޅުމާލެ ދެ ވަނަ ފިޔަވަހިން ބިން ވިއްކަން ވަރަށް އަވަހަށް ހުޅުވާލުމަށެވެ. އެ ތައްޔާރީތައް ފަށާފައިވާ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ.
މިކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ ބިން ވިއްކުން "މިހާރުން މިހާރަށް ހުއްޓުވަން ޖެހޭ" ކަމަށެވެ. މާލެއަކީ ތޮއްޖެހުން ބޮޑު، ފަގީރު ތަނެއްގެ ގޮތުގައި ބާއްވާފައި މުއްސަނދިންނަށް ބިން ވިއްކަން އުފެއްދި ކުންފުންޏަކަށް އެޗްޑީސީ ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ މުއައްސަސާތަކުގެ ސަމާލުކަމަށް މައްސަލަ ގެންނަވައި އޭނާ އެދިވަޑައިގަތީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ދެއްވުމަށެވެ. ހުޅުމާލެ އިން ބިން ވިއްކަން އުޅުމުގެ ކަންބޮޑުވުން މި އުފެދުނީ، ބޯހިޔާވަހިކަމުގެ ސްކީމްތަކުން ވެސް މާލޭގެ ގިނަ ރައްޔިތުން މަހްރޫމްވެ، ބޯހިޔާވަހިކަން ނުލިބި ތިބެން ޖެހުމުގެ ޝަކުވާ ބޮޑުވެ، މަޖިލީހަށް ވެސް އެ މައްސަލަ ހުށަހަޅައި ބަހުސް ފެށިފައި ވަނިކޮށެވެ.
މާލެ އަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރަން ގޮވާލައި މަޖިލީހަށް މިއަދު ވެސް ގަރާރެއް ހުށަހަޅައިފަ އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވީ ހުޅުމާލެ ހިއްކީ މާލޭގެ ބޯހިޔާވަހި ކަމަށް ލުޔެއް ގެންނަން ކަމަށެވެ. މުއްސަނދިންނަށް ހުޅުމާލޭގެ ބިން ވިއްކުމުން އެ މަގްސަދް ހާސިލް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ އިން ބިން ވިއްކާނެ އުސޫލު އެޗްޑީސީން އަދި އާއްމެއް ނުކުރެ އެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުމަށް ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓްރީން ވެސް ހުޅުވާލި އެވެ. އެ ފަހަރު ގޯއްޗެއް ވިއްކަން ހުޅުވާލީ ހަތަރު ލައްކަ ރުފިޔާ އަށެވެ.
ހުޅުމާލެ ދެ ވަނަ ފޭހުން ކުރިން ވެސް ވަނީ ބިން ވިއްކައިފަ އެވެ. އެކަމަކު އޭރު ފެށޭ އަގަކަށް ހަމަޖެއްސީ އަކަފޫޓެއް 3،000ރ. އަށެވެ. އެ އަގުން ބަލާ ނަމަ 1،000 އަކަ ފޫޓެއްގެ ގޯއްޗެއްގެ އަގު ތިން މިލިއަން ރުފިޔާ އަށް އަރަ އެވެ.