ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި، ސޯޝަލް ހައުސިންގެ ދަށުން ފްލެޓުތަކެއް އަޅަނީ-.- ފޮޓޯ: ނިޝާން އަލީ/ މިހާރު
12 ފެބުރުއަރީ 2020 - 00:04
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމާ މެދު ވަކި ގޮތެއް ނިންމާފައިނުވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިރޭ ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިއްކި ސަރަހައްދުން ބިން ވިއްކަން ނިންމާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ހަބަރާ ގުޅިގެން އެޗްޑީސީން ނެރުނު ބަޔާނުގައި ބުނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ބިން ވިއްކުމާ މެދު އެޗްޑީސީގެ ބޯޑުން ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ. އެކަމާ ގުޅޭގޮތުން އިތުރު ވާހަކައެއް ބަޔާނުގައި ބުނެފައެއް ނުވެ އެވެ. ހުޅުމާލެެއިން ބިން ވިއްކާ ވާހަކައާ ގުޅިގެން އެކަން ނުކުރުމަށް އާންމުންގެ ގިނަ ބަޔަކު ވެސް ވަނީ ގޮވާލައިފަ އެވެ. އެހެންވެއްޖެ ނަމަ އެ ފުރުސަތު ލިބޭނީ ހަމައެކަނި މުއްސަނދިންނަށް ކަމަށް އާންމުން ބުނެ އެވެ.
އެ ކުންފުނިން ބުނީ ހުޅުމާލެއަކީ މާސްޓާ ޕްލޭނެއްގެ ދަށުން ތަރައްގީކުރަމުން އަންނަ ތަނަކަށް ވާއިރު، އެ ޕްލޭން ހަދާފައިވަނީ އެކި ބޭނުންތަކަށް ހާއްސަކޮށްގެން ކަމަށެވެ. ރެސިޑެންޝަލް، ކޮމާޝަލް، އިންޑަސްޓްރިއަލް އަދި ކޮމިއުނިޓީ ބޭނުންތަކަށް މާސްޓާ ޕްލޭނުން ޖާގަ ދީފައިވާ ކަމަށް ބުންްޏެވެ.
އެ ބިންތަކުގެ ބޮޑު ހިއްސާއެއް އަދާކުރަނީ އާއްމު ރައްޔިތުންނަށް އިޖުތިމާއީ އަދި އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދޭން ތައާރަފްކުރާ މަޝްރޫއުތަކަށް ކަން ފާހަގަކުރި އެވެ.
އެކަންކަމުގެ އިތުރުން، މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެ ކަމުގެ ލިޔުން ލިބި، މިހާތަނަށް ގޯތި ނުލިބޭ މީހުންނަށް މި އަހަރު ހުޅުމާލެއިން ގޯތި ދޫކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވެށިފަހި މާލެ ޕްރޮގްރާމުގެ ތެރެއިން ގޯތި ލިބޭނެކަމުގެ ލިޔުން ހަވާލުކޮށް، ނަމަވެސް ގޯތި ނުލިބޭ މީހުންނަށް މި އަހަރުގެ ތެރޭގައި ގޯތި ހަވާލުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
"މިއަހަރުގެ ތެރޭގައި ހައްގުވެރި ފަރާތްތަކަށް ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މި ކޯޕަރޭޝަނުން ކުރަމުންދާކަމުގައި ވެސް ފާހަގަކުރަމެވެ،" އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކަން ނިންމާފައިނުވާ ކަމަށް އެޗްޑީސީން ބުނިއިރު، މުއްސަނދިންނަށް އެތަނުން ބިން ވިއްކުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބައެއް މެމްބަރުން ވަނީ ވާހަކަދައްކަވައިފަ އެވެ. އެ ބޭފުޅުން ވިދާޅުވީ މާލޭގެ ތޮއްޖެހުމަށް ލުޔެއް ހޯދަން ހިއްކި 240 ހެކްޓަރުގެ ބިން "މުއްސަނދިންނަށް" ވިއްކުމަކީ އިންސާފެއް ނޫން ކަމަށެވެ.
މިކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ ބިން ވިއްކުން "މިހާރުން މިހާރަށް ހުއްޓުވަން ޖެހޭ" ކަމަށެވެ. މާލެއަކީ ތޮއްޖެހުން ބޮޑު، ފަގީރު ތަނެއްގެ ގޮތުގައި ބާއްވާފައި މުއްސަނދިންނަށް ބިން ވިއްކަން އުފެއްދި ކުންފުންޏަކަށް އެޗްޑީސީ ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮޑު އާބާދީއަކަށް އަމާޒުކޮށްފައިވާ އެތަނުގައި ސޯޝަލް ހައުސިން އަށް 7،000 ފްލެޓާ އެކު ގިނަ އިމާރާތްތަކެއްގެ މަސައްކަތް ކުރަމުން އެބަދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Dhivesseh
12 February 2020
އަޅުގަނޑު ހަމަ ކޮސްވެއްޖެ "ހުޅުމާލެއަކީ މާސްޓަރ ޕްލޭންއަކަށް" ތަރައްޤީ ކުރާ ތަނެއްގެ ގޮތުގައި ސިފަކުރުމުން. މައާފް ކުރައްވާ ޝުހޭލް ތިބުނާ ޕްލޭނެއް އޮންނަމަ އެއޮތީ އޮތްތާގައި - ސަރުކާރުތަކުން ހުޅުމާލެ ބޭނުންކުރީ ސިޔާސީ ފައިދާއަކަށް. އެއްގޮތަކަށް ދައުލަތާއި މުޅި ޖުމްލަ ދިވެހިންގެ ފައިދާއަކަށް ވިސްނާފައެއްނުން. ރަގަޅުވާހަކައް - ތަރައްޤީގެ ސިފަޖެހޭނީ ޒަމާނީ އިމާރަތްތަކެއްވެސް އެޅިގެން - ނަމަވެސް އެވެގެން ނުވާނެ ނިކަމެތިމީހާވެސް ބާކީވެގެން -
ރުޅި
12 February 2020
ސުހޭލު ބިރުގަތީ ޖޮބްލެސް ވެދާނެތީ. އަސުލު ސުހޭލަކީ ބިން އިންތިހާ ބޮޑު އަގުގައި ވިއްކަން ބޭނުންވާމީހެއް. ސިންގަޕޫރޭ ކިޔައިގެން ވޭތުވެދިޔަތާގައި އާދައިގެ މީހަކަށް ތިޔަ ހުޅުމާލޭން ބިންކޮޅެއް ނުލިބޭނެހާ ސިޔާސަތެއް ސުހޭލު ތަންފީޒުކުރި. އަދި މުއްސަދިންނަށް އިންވެސްޓް ކުރަންށޭ ކިޔައިގެން ބޮޑެތި ބިންދިން. ސޮނީ، އެސްޓަރސް، ރެޑްވޭވް، ޖައުސާ، ވިލާ ފަދަ ކުންފުނިތަކަށް އެރަށުން ބިންދިންގޮތްތައް ބަލަން ބޭނުން.
ބޮޑުމީހާ
12 February 2020
ޔަގީން ދެން މާގިނަ ދުވަހެއް ނުވެ އިއުލާން ކުރާނެ. ހުޅުމާލޭގެ މާސްޓާރ ޕްލޭން ހެދީ ކޮންބަޔެއްތަ؟ ޕާކް ކުރާނެ ޖާގައެއް ނެތް. ވެހިކަލްތަކުން މުޅި މަގުމަތިތައް ފުރާލާފަ
އިންސާފް
12 February 2020
މިރާއްޖޭގަ ހުރިހާ ކަމެއްވެސް މުއްސަދިންނަށް...
ރުޅި
12 February 2020
ހަމަވިއްކަންވީ ހަރުދަނާ އުޞޫލަކުން. އެހެންނޫނީ ދައުލަތަށް އެކައްޗެއްވެސް ނުލިބޭނެ. ދެންވީ ތިޔަ އެޗްޑީސީއަށް ދައުލަތުން ސަބްސިޑީދޭން. އެ ސަބްސިޑީއަކީ އަހަރެމެންގެ ޓެކްސްފައިސާ އެއްބަޔަކަށް ހިލޭ ގޯތިދީގެންނުވާނެ.
ދެރަވ
12 February 2020
ތިޔަ ބިމަކީ މާލޭމީހުންގެ އެކަނިތަނެއްނޫން. އެމީހުންފަހުރުވެރިވާ މާލެ މިއޮތީ އެމީހުންގެ ނަށް ދީ ފުރިފަ. ތިޔައީ ދިވެހި އެންމެހާ ރައްޔިތުންގެ ހައްގެއް. އެންމެންނަށްވެސް ބިމަށް ކުރިމަތިލެވެންޖެހޭނެ. އެނޫން ގޮތަކަށް ކަންކޮށްފިނަމަ އެމްޑީޕީގެ ސިޔާސީ ހަޔާތް ނިމުނީ. ހުޅުމާލެ އެއީ މާލޭގެ ފަޅުގެ ބައެއްވެސް ނޫން. ދެން ތިޔަހެން އުޞޫލުހަދަންޏާ ގުޅީފަޅު ހިއްކާފަވެސް ބުނަންވީ އެއީ ގުޅިމާލެއޭ. ކިޔާފަ މާލޭ މީހުންނަށް އެކަނިދޭންވީ.
ގަސްކަރަ
12 February 2020
އަންނި އާއި ސުހެއިލު ބޭނުންވާ ގޮތަކަށްނޫން ތިތަނުން ރައްޔަތުންނަށް ބިން ދޭންޖެހޭނީ , އެންމެ އާދައިގެ މީހާ އަށް ވެސް ބިން ލިބެންޖެހޭނެ , އަދި ބިމަށް އެދި ލެވެން ޖެހޭނެ.
ސެމަ
12 February 2020
ސާބަސް ދޮގުހަދާ ހަދާ އެތައްކަމެއްގެ ދޮގު މަކަރުވެރި ސަރުކާރު
އިބްތި
12 February 2020
ހަމައެކަނި މާލޭމީހުން ނަކަށް ނޫން ބިންކޮޅު ބަދަލުގަ ތިތަނުން ބިންދޭންޖެހޭނީކީ. އަހަރުމެން ރަށަކު އެންމެ އަސާސީ ހިދުމަތްތަށްވެސް ނުލިބޭ ވަޒީފާއެއްނެތް ތައުލީމެއްނެތް އާބާދީ މަދުވީމަ އެކަށީގެންވާ ފުރުސަތުތަކެއްނެތް. އެހެންވެ މަޖުބޫރުވެގެން މާލެއައިސް ލިބޭހާ ލާރިއެއް ކުއްޔަށް ދީގެން މިގަނަތެޅެނީ. އަހަރުންގެވެސް ރަށުގަ 5000 އަކަފޫޓުގެ ބިމެއް އެބައޮތް އެބިންކޮޅުގެ ބަދަލުގަ އަހަރުންނަށްވެސް ދައުލަތުން ތިތަނުން އެކަށީގެންވާ ވަރުގެ ބިން ލިބެންވާނެ
ލަބީބު
12 February 2020
މި ސަރުކާރަށް އަޅުގަޑު އިތުބާރު އެބައޮތް. ހުޅުމާލޭގެ މާސްޓަރ ޕްލޭންގައި ބިން ވިއްކާ ބައެއް ސަރަހައްދުވެސް އެބަހުރި. ނަމަވެސް ބޮޑުބައި އޮތީ ފްލެޓް އަޅަން ޚާއްސަކޮށްފައި.