ޚިދުމަތް ދިނުމުގައި ހުރި މައްސަލަތައް ދެނެގަންނަން 54 ކައުންޓަރެއްގެ ޚާއްސަ އޮޑިޓެއް

މާލޭގައި ހިންގާ ސަރުކާރުގެ އޮފީސްތަކުގެ ތެރެއިން އާއްމުންނަށް ސީދާ ހިދުމަތްދޭ 54 ކައުންޓަރުތަކާ ގުޅޭ ސްޕޮޓް އޮޑިޓެއް ހަދައި، ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.


ރައީސް އޮފީހުން ބުނީ، އެ 54 ކައުންޓަރުތަކުން ހިދުމަތް ދޭ ގޮތާ ގުޅޭ ސްޕޮޓް އޮޑިޓެއް ހަދާފައިވާ ކަމަށެވެ. އެ އޮޑިޓުން ކައުންޓަރުތަކުން ހިދުމަތް ދިނުމުގައި ހުރި ދަތިތަކާއި ހިދުމަތް ހޯދާ ފަރާތްތަކުން ހިތްހަމަޖެހޭ ގޮތަށް ހިދުމަތް ނުދޭ މައިގަނޑު ސަބަބުތައް ދެނެގަނެ، އެ ތަންތަނުގެ ކައުންޓަރުތަކުން ހިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތް ބަލާފައި ވެ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، އާއްމުންނަށް ހިދުމަތްދޭ އޮފީސްތަކުގެ ކައުންޓަ ސާވިސް ޒަމާނީ އުސޫލުތަކާ އެއްގޮތަށް ރަނގަޅު ކުރަން ވަރަށް ގިނަ ކަންކަން ފާހަގަކުރެވެ އެވެ. އޮޑިޓުން ފާހަގަވި ކަންކަން ރަނގަޅު ކުރުމަށްޓަކައި އަޅަން ފެންނަ ފިޔަވަޅުތަކުގެ ތަފްސީލް، ކެބިނެޓާ ހިއްސާކޮށް، ވަޒީރުންގެ ހިޔާލު ހޯދާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

"ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، މި ކަމާބެހޭ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ކުރައްވަންޖެހޭ ކަންކަން މިހާރު ގެންދަވަނީ ކުރައްވަމުން،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.

ސަރުކާރުގެ އޮފީސްތަކުން ދޭ ހިދުމަތްތައް ލަސްވުމާއި ހިދުމަތްތަކުގެ ފެންވަރު ދަށްވުމުގެ ޝަކުވާ ކުރަމުންދާތާ އެތައް އަހަރުތަކެއްވެއްޖެ އެވެ. އެ ކަންކަމަށް އަދި ވެސް އެކަށީގެންވާ ހައްލެއް ނުލިބެ އެވެ.