ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ބޭންކް އެކައުންޓް ހުޅުވަން އިތުރު މުއްދަތު ދިނުމަށް ޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮތް ގޮތުން ގާނޫނަށް އަމަލު ކުރަން ފަށާތާ ތިން މަސް ތެރޭގައި ބިދޭސީން ބޭންކް އެކައުންޓެއް ހުޅުވަން ޖެހޭނެ އެވެ. ހުށަހެޅި އިސްލާހުގައި ވަނީ މި މުއްދަތު ހަ ހަމަށް ބަދަލު ކުރުމަށެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅި ނަމަވެސް ފުރަތަމަ ކިޔުން މަޖިލީހަށް އަދި ނުއިއްވަ އެވެ.
ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ވަޒީފާ ދޭ މީހާ ތިން މަސް ތެރޭގައި ބިދޭސީ މުވައްޒަފުންގެ ނަމުގައި ބޭންކް އެކައުންޓެއް ހުޅުވަން ޖެހޭނެ ކަމަށް އޮތުމުން ވަޒީފާ ދޭ މީހާ އަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވަމުންދާ ކަމަށެވެ.
އެ ގޮތުން އެތައް ގިނަ ބިދޭސީން ފަޅު ރަށްތަކާއި ރާއްޖޭގެ އެކި ރަށް ރަށުގައި ތިބެ މަސައްކަތް ކުރަމުންދާއިރު، މިއިން ކޮންމެ ރަށެއްގައި ބޭންކްގެ ބްރާންޗުތައް ނުހުންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންވެ އެކައުންޓް ހުޅުވުމަށް ދީފައިވާ ތިން މަސް ދުވަހުގެ މުއްދަތަކީ އެކަށީގެންވާ ވަރަށްވުރެ ކުރު މުއްދަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފައިސަލް ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި، ވަޒީފާ ދޭ މީހުން ބިދޭސީ މުވައްޒަފުންގެ ނަމުގައި ބޭންކް އެކައުންޓެއް ހުޅުވައި ނިންމަން ވާނެ ކަމަށް ބުނެފަ އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި ވަނީ ވޯކް ވިސާ ލިބިފައިވާ ބިދޭސީންނާއި ވިސާ ލިބިގެން މެނުވީ ވަޒީފާ އަދާކުރުން މަނާ އެއްވެސް ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތުން މުސާރަ އާއި އިނާޔަތްތައް ޖަމާކުރަން ވާނީ ރަޖިސްޓްރީކޮށް ހިންގުމުގެ ހުއްދަ ލިބިފައިވާ ބޭންކެއްގައި އެ ބިދޭސީއެއްގެ ނަމުގައި އޮންނަ އެކައުންޓަކަށް ކަމަށެވެ.
ބިދޭސީންގެ މުސާރަ ބޭންކަށް ޖަމާނުކުރާ ނަމަ، ވަޒީފާ ދޭ ފަރާތް 10،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. ވަޒީފާ ދޭ ފަރާތްތަކުން ގާނޫނަށް އަމަލުނުކުރާ ނަމަ، ވަޒީފާ ދޭ ފަރާތަކަށް ސަރުކާރުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ހުއްޓާލުމުގެ ބާރު މި އިސްލާހުން ލިބިދެ އެވެ.