އަދުހަމްގެ ވާހަކަ ބަދަލުވެއްޖެ: ގާސިމް މަރާލީ އަހަންނެއް ނޫން

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް ކުރިން އެއްބަސްވީ މަސްތުގެ ހާލުގައި ހުރެގެން ކަމަށާއި ނަމަވެސް އޭނާ މަރާލާފައި ނުވާނެ ކަމަށް އެ މައްސަލާގެ ދައުވާ ލިބޭ އަދުހަމް މުހައްމަދު ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.


މިދިޔަ އަހަރުުގެ ޑިސެމްބަރު މަހު، ގާސިމްގެ ކާރުގައި ހުޅުމާލެއަށް ގެންގޮސް ކަރަށް ތޫނު އެއްޗަކުން ހަމަލާދީ އޭނާ މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ޅ. ހިިންނަވަރު ބޮޑުހިޔާގޭ އަދުހަމްގެ މައްޗަށެވެ. އެ ދައުވާއަށް އޭނާ ކުރިން ވަނީ ކޯޓުގައިި އެއްބަސްވެ، އެކަމަށް މައާފަށް ވެސް އެދިފަ އެވެ.

އަދުހަމް ކުށަށް އެއްބަސްވެފައި އޮތުމުން އެ މައްސަލައިގެ ހުކުމް އިއްވަން މިއަދު ބޭއްވި މަޖިލީހުގައި އަދުހަމްގެ އިއުތިރާފާ ގުޅޭ ގޮތުން ގާޒީ އިސްމާއިލް ރަޝީދު ސުވާލު ކުރެއްވުމުން އަދުހަމްގެ މުޅި ވާހަކަ ބަދަލުވި އެވެ. އޭނާ ބުނީ އެ ދައުވާއަށް އިންކާރުކުރާ ކަމަށާއި ގާސިމް މަރާލީ އޭނާ ނޫން ކަމަށެވެ.

މިހާރު ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުރި އަދުހަމް ބުނި ގޮތުގައި ކުރިން ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ކޯޓަށް ގެންދަނީ މަސްތުވާއެއްޗެހި ދީގެންނެވެ. އެހެންވެ، މަސްތުގެ ހާލުގައި ހުރެގެން ކޯޓުގައި ދެއްކިފައިވާ ވާހަކަތައް އޭނާއަށް ނޭނގޭ ކަމަށް ބުންޏެވެ.

އަދުހަމް ބުނި ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށުގަައި އޭނާ ބެހެއްޓީ ވެސް ޚާއްސަ އިނާޔަތްތަކެއް ލިބޭ ގޮތަށެވެ. އެކަމަކު އޭނާއަށް ހަމަ ހޭވެރިކަން ލިބުނީ ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ދާދި ފަހުން ބަދަލު ކުރުމުން ކަމަށް ބުންޏެވެ.

"ހަމަ ބުއްދީގައި ހުރެގެން އަޅުގަނޑު މިހާރު މި ބުނަނީ އަޅުގަނޑު ކުރި ކަމެއް ނޫން އެއީ،" ކުށުގެ އެތައް ރެކޯޑެއް އޮތް އަދުހަމް ބުންޏެވެ.

ދައުލަތުގެ ފަރާތުން އޭނާއަށް ހަމަޖައްސައިދިން ވަކީލް ވިދާޅުވީ އަދުހަމް ދައުވާއަށް އިންކާރު ކުރާކަން އެނގިވަޑައިގަތީ ވެސް މިއަދު ކަމަށެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު ބައްދަލުވި ކަމަށާއި އެކަމަކު ޖަލަށް ބަދަލުކުރި ފަހުން ބައްދަލު ނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

ވަކީލް ވިދާޅުވީ އަދުހަމް ކުރާ ތުހުމަތުތައް ބަލަން ޖެހޭ ކަމަށެވެ. އެކަމަކު އެފަދަ ވާހަކައެއް ކުރިން އޭނާ ބުނެފައި ނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ. އެހެންވެ އެދިވަޑައިގަތީ އެކަންކަން އިތުރަށް ބެލުމަށް ފުރުސަތު ދޭށެވެ.

އަދުހަމް ދައުވާއަށް އިންކާރު ކުރުމުން ތަހުގީގު ފުރިހަމަ ކުރަން އިތުރު ފުރުސަތެއް ބޭނުން ވޭތޯ ގާޒީ ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ ބޭނުންވަނީ މައްސަލަ ކުރިއަށް ގެންދަން ކަމަށާއި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތް ކުރަން އެދޭ ކަމަށެވެ.

ގާޒީ އިސްމާއިލް ވިދާޅުވީ ދެން އޮންނާނީ އެ މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް ކަމަށެވެ.

ދައުވާއަށް އަދުހަމް އިންކާރު ކުރިއިރު، އަދުހަމްއާ އެކު ދައުލަތުން ކުރިން އޮތީ އިއުތިރާފްގެ އެއްބަސްވުމެއް ވެސް ހަދައިފަ އެވެ. އެ އެއްބަސްވުން އޮތް ގޮތުން ގާސިމްގެ ވާރިސުން މަރަށް މަރު ހިފަން ބޭނުން ނުވާ ނަމަ، އަދުހަމްގެ މައްޗަށް އަންނާނީ 17 އަހަރުގެ ޖަލު ހުކުމެކެވެ.