ތާރު އަޅަން ފަށާނީ ތަޖުރިބާތަކަށް ފަހު: އާރުޑީސީ

މާލޭގެ މަގުތަކުގައި ތާރު އަޅާނީ އޭގެ ޕައިލެޓް ޕްރޮޖެކްޓެއް ހިންގުމަށް ފަހު ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ބުނެފި އެވެ.


މާލޭގެ މަގު ހެދުމުގެ އާ މަޝްރޫއާ ބެހޭ ގޮތުން އާރްޑީސީގެ ޕްރޮޖެކްޓް މެނޭޖަރު އިސްމާއިލް މިއުރާޖު މިއަދު ވިދާޅުވީ، ކަނބައައިސާރަނި ހިނގުން ސަރަހައްދުގައި އިއްޔެ ފެށީ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށެވެ. ފުރަތަމަ އަތުރާނީ ގާ ކަމަށާއި މާލޭގެ މަގުތަކުގައި ތާރު އަޅަން މުޅިން ނިންމާނީ، އެ ޕްރޮޖެކްޓުގެ ދަށުން ކުރާ ދިރާސާތަކުން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު މި މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދު އިއްޔެ ވިދާޅުވެފައި ވަނީ މަޝްރޫއު ނިމޭ އިރު މާލޭގެ ހުރިހާ މަގުތަކެއްގައި ހުންނާނީ ތާރު އަޅާފައި ކަމަށެވެ. މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތަކުގައި 18.08 ކިލޯމީޓަރުގެ ތާރު އަޅާނެ ކަމަށް ޝިފާ އިއްޔެ ވިދާޅުވި އެވެ.

"ތާރު އަޅާނެކަން ވެސް ނިންމާނީ އެ ދިރާސާތަކުގެ ނަތީޖާ އަށް ބެލުމަށް ފަހު. އަޅުގަނޑުމެންގެ އުންމީދަކީ މާލޭގެ ހުރިހާ މަގުތަކެއްގައި ތާރު އެޅުން،" މިއުރާޖު

މިއުރާޖު ވިދާޅުވީ، ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ކުރާ ދިރާސާގައި ބޮޑަށް ބަލާނީ މާލޭގެ މަގުތަކުގެ އަޑީގެ ހާލަތެވެ. އޭގެ ތެރޭގައި ވަޅުލާފައިވާ ހޮޅިތައް ހުރި ގޮތާއި ވަޔަރުތައް ހުރި ގޮތް ވެސް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަގުތަކުގައި ދެން އަތުރާނީ އާ ގާ ކަމަށާއި ގާ އެތުރުމަށް ފަހު ބަލަން ޖެހޭ އިތުރު ޓެކްނިކަލް ކަންތައްތައް ވެސް އާރްޑީސީ އިން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަގު ހެދުމުގެ ރަސްމިއްޔާތުގައި އިއްޔެ ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ތާރު އަޅާނެކަން ނިންމާނީ، އެ ދިރާސާތަކުގެ ނަތީޖާ އަށް ބެލުމަށް ފަހު. އަޅުގަނޑުމެންގެ އުންމީދަކީ މާލޭގެ ހުރިހާ މަގުތަކެއްގައި ތާރު އެޅުން،" މިއުރާޖު ވިދާޅުވި އެވެ.

މި ޕައިލެޓް ޕްރޮޖެކްޓަށް 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަ ކުރާނެ އެވެ. ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ކަނބާއައިސާރަނި ހިނގުން ސަރަހައްދުގެ އަށް މަގެއް ހިމެނޭ 1.96 ކިލޯމީޓަރުގެ ސަރަހައްދެއް ދެ މަހާއި ދެ ހަފްތާގެ ތެރޭގައި ނިންމާނެ ކަމަށް ޝިފާ އިއްޔެ ވިދާޅުވި އެވެ.

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު އާރްޑީސީ އާ ހަވާލުކުރީ މިދިޔަ މަހެވެ. މާލޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މި މަޝްރޫއަށް 462 މިލިއަން ރުފިޔާ ހަމަޖައްސާފައި ވެ އެވެ. މި މަޝްރޫއު އެއްކޮށް ފުރިހަމަކުރަން ދެ އަހަރު ދުވަސް ނަގާނެ އެވެ.