ކުޑަކުދިންނަށް ރައްކާތެރިކަމާއި ހިމާޔަތުގެ ދޮރެއް ހުޅުވިއްޖެ

އުމުރުން 18 ނުފުރޭ ކުދިންނާ ކައިވެނިކުރުން ކުށަކަށް ހަދައި ވެކްސިން މަޖުބޫރުކޮށް، ތައުލީމުން މަހްރޫމްކުރުމުގެ އުޒުރުތަކަށް ގާނޫނީ ހައްލަކާއި ޖިންސީ ގޯނާ އާއި އަނިޔާތަކުން ކުދިން ހިމާޔަތްކޮށް، ހައްގުތައް ކަށަވަރުކޮށްދިނުމުގެ އާ ދޮރެއް، މިއަދު އަމަލުކުރަން ފެށި ކުޑަކުދިންގެ ގާނޫނުން ހުޅުވައިދީފި އެވެ.


ރައްޔިތުންގެ މަޖިލީހުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ފާސްކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގުކުރެއްވި އާ ގާނޫނަށް، އަމަލުކުރަން މި ފެށީ، ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމާއި އިހުމާލުވުމާއި ނާޖާއިޒު ފައިދާ ހޯދުމާއި އަޅާނުލުން ފަދަ މައްސަލަތަކުގައި ފިޔަވަޅު ނޭޅި ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކެއް ތިލަވެފައި ވަނިކޮށެވެ. މި ހުރިހާ އަނިޔާތަކަކުން، ކުދިން ރައްކާތެރިކުރެވޭނެ ވަށައި ޖެހޭ ނިޒާމެއް ދައުލަތުން ކަށަވަރުކުރަން އާ ގާނޫނުގައި މަޖުބޫރުކޮށްފައިވެ އެވެ.

ކުޑަކުދިން ނުރައްކަލަކަށް ހުށަހަޅޭ ފަދަ އަމަލުތަކާއި އަނިޔާ ދިނުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގާނޫނުގައި، އާއިލާ އާއި ބެލެނިވެރިންނާއި މުޖުތަމައު އާއި ދައުލަތަކަށް ޒިންމާތަކެއް މަތިކޮށްފައިވެ އެވެ. އެހީތެރިކަން ބޭނުންވާ ކުދިންނަށް ރައްކާތެރި މާހައުލު ކަށަވަރު ކޮށްދޭން ވެސް ލާޒިމެވެ.

ކުޑަކުދިންތަކެއް ވިއްސާރަޔާއި ތެމިގެން، މަގުމަތީގައި ދުވެ މަޖާކުރަނީ .---މިހާރު ފޮޓޯ: ހުސައިން ވަހީދު

ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން މައިމީހާގެ ބަނޑުގައި ކުއްޖާ އުފެދުނީއްސުރެ އެ ކުއްޖާ އާއި މައިމީހާ އަށް ސިއްހީ ފަރުވާ އާއި އެހެނިހެން ހައްގުތައް ކަށަވަރުކޮށްދޭން ޖެހެ އެވެ. ކުއްޖާގެ މަސްލަހަތާއި ކަރާމާތައި ކުއްޖާ ހެދި ބޮޑުވުމަށް ނޭދޭ އަސަރު ފޯރާ ހުރިހާ ކަމަކުން ރައްކާތެރިކޮށްދޭން ފިޔަވަޅު އަޅަމުންދޭތޯ ބެލުމަކީ ދައުލަތުގެ ޒިންމާއެކެވެ.

ބަލިތަކުން ސަލާމަތްވުމަށް ޖަހަން ޖެހޭ ވެކްސިން ޖެހުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. ކުދިންނަށް އެ ވެކްސިން ޖެހުމަށް އިއުތިރާޒްކުރުމުގެ ހައްގު މައިންބަފައިންނަށް ލިބިގެން ނުވާކަން ގާނޫނުން ވަނީ ކަނޑައަޅައިފަ އެވެ.

18 އަހަރު ނުވަނީސް ކައިވެނިކުރުވުމަކީ ކުށެއް

ކުޑަކުދިންނަކީ ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި މީހުންނާ އެއްވަރަކަށް ހެދި ބޮޑުވެފައިވާ ބައަކަށް ނުވާކަން ގާނޫނުގައި ފާހަގަކޮށްފައިވެ އެވެ. މިއަށް ބާރުދީ ކުދިންނަށް ރައްކާތެރިކަން ހޯދައިދޭން، ގާނޫނުއަސާސީގެ 35 ވަނަ މާއްދާއާ ހަވާލާދީ 18 އަހަރު ނުފުރޭ ކުދިންގެ ކައިވެނި އޮތީ މަނާކޮށްފަ އެވެ.

ކުޑަކުދިން ލައްވައި މަސައްކަތެއް ވެސް ނުކުރެވޭނެ އެވެ. އެ ކުއްޖަކަށް ތައުލީމާއި ތަމްރީން ދިނުން ނޫން ގޮތަކަށް އުމުރުން 16 އަހަރު ނުފުރޭ ކުއްޖަކު ވަޒީފާ ނުވަތަ މަސައްކަތް ކުރުވުމަކީ ވެސް ކުށެކެވެ.

އަނިޔާ ސިއްރުކުރުމުން ޖަލު ހުކުމެއް

އެއްވެސް މާހައުލެއްގެ ތެރެއިން ކުޑަ ކުއްޖަކު ނުރައްކަލަކަށް ހުށަހެޅި އަނިޔާ ލިބެމުންދާ ކަން އެނގިތިބެ ރިޕޯޓްނުކުރުން ގާނޫނުގައި އޮތީ ކުށެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. އޭގެތެރޭގައި ޖިންސީ އަނިޔާ އާއި ބޮޑެތި ޖިސްމާނީ އަދި ނަފްސާނީ އަނިޔާ އާއި އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިމެނެ އެވެ. މިއިން ކަމަކަށް ފެތޭ ކަމެއް ރިޕޯޓް ނުކުރުމުގެ އަދަބަކީ ދެ އަހަރަށް ޖަލަށް ލުމެވެ.

ކުޑަކުދިންނަށް ލިބޭ އަނިޔާ، ރިޕޯޓް ނުކުރީ އަމިއްލަ މަންފާ އަަށް ކަމަށްވާ ނަމަ އަދަބު ބޮޑެވެ. މި ކުށުގެ އަދަބަކީ ފަސް އަހަރަށް ޖަލަށް ލުމެވެ.

އަނިޔާގެ އަމަލުތައް ރިޕޯޓް ކުރަން ޖެހެނީ ފުލުހުންނާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ނުވަތަ ކުޑަކުދިންގެ މަސްލަހަތުގައި މަސައްކަތް ކުރާ ދައުލަތުގެ އިދާރާއަށެވެ.

ސްކޫލެއްގެ ކުދިންތަކެއް މަޑުކޮށްލައިގެން: އާ ގާނޫނަކީ ކުދިންގެ ރައްކާތެރިކަމަށް ހުޅުވުނު އާ ދޮރެއް.

ޒާތީ މައުލޫމާތު އާއްމުކުރުން މަނާ

ކުޑަކުދިން ކުރާ އުމުރާ ނުގުޅޭ ކަންކަމާއި އަޚުލާގީ މައްސަލަތައް ވީޑިއޯކޮށް އާއްމުކުރުމާއި ޖިންސީގޯނާ ލިބޭ ކުދިން އެނގޭ ގޮތަށް ޒާތީ މައުލޫމާތު އާއްމުކުރުމަކީ މިއަދުން ފެށިގެން ކުށެކެވެ.

އެކި ކުށްތަކުގައި ތުހުމަތު ކުރެވޭ ކުދިންނާއި ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެ ނޫން ސަަބަބުތަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި އެޑްރެހާއި ތައުލީމް ހާސިލްކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ސީދާގޮތުން ނުވަތަ ނުސީދާ ގޮތުން ވެސް އާއްމެއް ނުކުރެވޭނެ އެވެ.

ކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އާއްމުކުރާ މައުލޫމާތުތަކާ ގުޅިގެން ފިޔަވަޅު އަޅަން ގާނޫނު ލާޒިމްކޮށްފައިވެ އެވެ.

ކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކުމާއި ހައްގުތަކަށް އުނިކަން ލިބޭނެ ފަދަ ކަންކަމަށް ހިތްވަރު ދިނުން މަނާކޮށް، އެފަދަ ކަންކަން ކުރާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް، ފިޔަވަޅު އަޅަން ގާނޫނު ލާޒިމްކުރެ އެވެ.

"ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް" އުފައްދަން ޖެހޭ

ގާނޫނުގައި ބުނާ ގޮތުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް އެހީތެރިކަން ފޯރުކޮށްދޭނެ އިދާރާއެއް އުފައްދަން ޖެހެ އެވެ. ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ނަމުގައި އުފައްދާ މި އިދާރާ ހިންގާނީ ޖެންޑާ މިނިސްޓްރީގެ ދަށުންނެވެ.

މި އިދާރާ އަށް ކުޑަކުދިންނާ ގުޅޭ ބޮޑެތި ޒިންމާތަކެއް ހަވާލުކޮށްފައިވެ އެވެ.

ކުޑަކުދިންގެ ކައުންސިލެއް އުފައްދަން ޖެހޭ

ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން މިއަދުން ފެށިގެން 60 ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެ އެވެ. އެ ކައުންސިލަށް މެމްބަރުން އައްޔަންކުރުމުގެ ބާރު އޮތީ ރައީސަށެވެ. ޖެންޑާ މިނިސްޓްރީން އިދާރީ ކަންކަން ބަލަހައްޓާ މި ކައުންސިލް ޖަވާބުދާރީވާން ޖެހެނީ މިނިސްޓަރަށެވެ.

މި ކައުންސިލްގައި ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކޮށް، ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވާ ހުރިހާ އިދާރާތައް ހިމެނެ އެވެ. އޭގެ ތެރޭގައި ޖެންޑަ މިނިސްޓްރީ އާއި ފުލުހުންނާއި އެޑިއުކޭޝަނާއި ޕީޖީ އޮފީހާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރަން މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާ ހިމެނެ އެވެ.

މި ހައްލުތަކާ އެކު ގާނޫނު އޮތީ، ކުޑަކުދިންގެ ހައްގުތައް މިހާރަށް ވުރެން ބޮޑަށް ކަށަވަރުވެ، އިހުމާލުވާ ފަރާތްތަކަށް އަދަބު ލިބޭ ގޮތަށެވެ.