ކުޑަކުދިންނަށް ޖިންސީގޯނާކުރުމުގެ މައްސަލަތަކުގައި އިންސާފަށް ހުރަސްއެޅިފައި ވަނީ ބައެއް މުއައްސަސާތަކުގެ އިހުމާލުން ކަމަށާއި އާ ގާނޫނަށް އަމަލުކުރަން ފެށުމުން ކުދިން ރައްކާތެރިކުރުމުގެ މަަސައްކަތް މިހާރަށް ވުރެން ހަރުދަނާ ކުރެވޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވައިފަ އެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރަން މަޖިލީހުން މިދިޔަ އަހަރު ފާސްކުރި ގާނޫނަށް އަމަލުކުރަން ފަށާނީ މި މަހުގެ 20ގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން، ކޮރޯނާވައިރަހުގެ ބިރުވެރިކަމުން ގައުމު އޮތް ހާލަތަށް ފަހު ދެ ވަނަ އަށް ކަންބޮޑުވުންފާޅުކުރެއްވީ ކުޑަކުދިންނަށް ޖިންސީގޯނާކުރުމާއި އިހުމާލުވުމުގެ މައްސަލަތަކާ ގުޅިގެންނެވެ.
ރައީސް ވިދާޅުވީ ދެ އަހަރު ނުފުރޭ ކުއްޖަކު އަމިއްލަ އާއިލާ ތެރެއިން ޖިންސީ ޝިކާރައަކަށް ވެގެން ދިއުމަކީ ހިތްދަތި އިހްސާސެއް ކަމަށެވެ. އެ މަނިކުފާނު ވެސް ތަކުރާރު ކުރެއްވި ގޮތުގައި، އެ އުމުރުގެ ކުއްޖަކަށް ލާއިންސާނީ ގޮތެއްގައި ޖިންސީ އަނިޔާކުރަން ފުރުސަތު ލިބުނީ އެފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ ބައެއް މީހުންނާ އަދުލުއިންސާފު އަރައި ހަމަ ނުކުރުމުންނެވެ. އެއާއެކު، ދައުލަތުގެ ބައެއް އިދާރާތަކުން އިހުމާލުވުން ކަމަށް ވެސް ވިދާޅުވި އެވެ.
"ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން، ދައުވާކުރަން ފޮނުވި މައްސަލަތަކުގެ ތެރެއިން 2012 ވަނަ އަހަރުން ފެށިގެން ކޯޓަށް ހުށަހަޅާފައި ހުރި މައްސަލަ ވެސް ނުނިމި އެބަހުރި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޝަރުއީ ކޯޓުތަކާއި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އިހުމާލުގެ ސަބަބުން އެފަދަ މައްސަލަތައް ނުނިމި ދިގުލައިގެންދާ ކޮންމެ ހިނދުކޮޅަކީ ކުޑަކުދިންގެ ހައްގުތަކަށް އަރައިގަނެ އެ ކުދިންނަށް ގޯނާކުރާ ފަރާތްތަކަށް ލިބޭ ހިތްވަރެކެވެ.
އެމަނިކުފާނު ވިދާޅުވީ އާ ގާނޫނަށް އަމަލުކުރަން ފެށުމުން މި މައްސަލަތަކަށް ހައްލެއް ލިބިގެންދާ ކަމަށެވެ. މި ސަރުކާރުން އެ ގާނޫނު ފާސްކުރީ، ކުރީގެ ސަރުކާރުތަކުން އެ ގާނޫނު ފާސްކުރުމުގެ ވާހަކަ ދައްކާތާ 20 އަހަރު ފަހުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ފިކުރުގެ މައިންބަފައިންގެ އިހުމާލުން ދަރިން ހައްގުތަކުން މަހްރޫމްވަމުންދާ މައްސަލައިގައި ވެސް ރައީސް ކަންބޮޑުވުންފާޅުކުރެއްވި އެވެ.
ދަރިންގެ އުފަންދުވަހުގެ ސެޓްފިކެޓް ނުހެދުމާއި ވެކްސިން ނުޖެހުމާއި ދަރިން ސްކޫލަށް ނުފޮނުވައި ގެންގުޅުމަކީ އާ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން އިޚްތިޔާރެއް ނޫން ކަން ރައީށް ފާހަގަކުރެއްވި އެވެ. އެފަދަ ކުދިން ތިބިތޯ ބަލައި އެ ކުދިންނަށް ވެކްސިން ދީ ސްކޫލަށް ފޮނުވުމުގެ ކަންތައް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.