ލަންކާގެ ބޮމުގެ ހާދިސާއާ ގުޅިގެން ދިވެއްސަކު ހައްޔަރެއް ނުކުރޭ: ފުލުހުން

ސްރީ ލަންކާގައި މިދިޔަ އޭޕްރީލް މަހު ދިން ބޮމުގެ ހަމަލާއާ ދިވެއްސަކާ ގުޅުމެއް ވާ ކަމަށް އެ ގައުމުގެ ކަމާ ބެހޭ އެއްވެސް ފަރާތަކުން އަންގާފައި ނުވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.


އެ ބޮމުގެ ހާދިސާއާ ގުޅިގެން ހަތަރު ދިވެއްސަކު ލަންކާއިން ހައްޔަރުކޮށްފައިވާ ކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުން މިއަދު ވަނީ ރިޕޯޓް ކޮށްފަ އެވެ.

އެކަމާ ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިއަދު ލަންކާއިން އެއްވެސް ދިވެއްސަކު ހައްޔަރު ނުކުރާ ކަމަށް އެ ގައުމުގެ ފުލުހުން އަންގާފައިވާ ކަމަށެވެ.

"ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާގައި ވެސް އެއްވެސް ދިވެއްސެއްގެ ބައިވެރިވުމެއް އޮތްކަން މިހާތަނަށް ސްރީލަންކާގެ އެއްވެސް ކަމާ ބެހޭ އިދާރާއަކުން މި ސާވިސް އަށް ކަށަވަރު ކޮށްދީފައެއް ނުވޭ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޓެރަރިޒަމާ ދެކޮޅަށާއި ދިވެހިންނަށް އަމާން ވެއްޓެއް ގާއިމްކޮށްދިނުމަށް ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ލަންކާގައި އަމިއްލަ އަށް މަރުވެގެން ދިން އީސްޓާ ބޮމުގެ ހަމަލާގައި 258 މީހުން މަރުވި އެވެ. ބޮން ގޮއްވާފައި ވަނީ ނޭޝަނަލް ތައުހީދު ޖަމާއަތަށް ނިސްބަތްވާ ނުވަ މީހެކެވެ.

އަވައްޓެރި ސްރީ ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ގައުމެކެވެ. ބޮމުގެ ހާދިސާއާ ގުޅިގެން އިއުލާން ކުރި ކުއްލި ހާލަތުގައި ހިންގި އޮޕަރޭޝަންތަކުގައި ދިވެހިން ހައްޔަރު ވެސް ކުރި އެވެ.