ޕްލޭނެއް އެބައޮތް، އުފާވެރި، ތަހުޒީބު ސިޓީއަކަށް މާލެ ބަދަލުވާނެ: އަނަސް

މާލޭގެ ރައްޔިތުންގެ ޒަމާންވީ ޝަކުވާތަކާއި އުދާސްތަކާއި ދަތިތަކަށް ހައްލު ހޯދަން އެމްޑީޕީން އެކުލަވައިލާފައިވާ ޕްލޭނާ އެކު މާލެ އަކީ ހިތްފަސޭހަ، ތަހުޒީބު ވެފައިވާ ނަމޫނާ ސިޓީ އަކަށް ބަދަލުކުރައްވާނެ ކަމަށް އެ ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އަނަސް އަބްދުއްސައްތާރު ރޭ ވިދާޅުވެއްޖެ އެވެ.


އަންނަ އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އެމްޑީޕީގެ ކެމްޕޭން "ރަށްވެހި ފަތިސް" ފަށަން އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި އަނަސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފިކުރެއް ކަމަށާއި އެ ޕާޓީން ކައުންސިލް އިންތިޚާބަށް ނުކުމެ ތިބީ އެ ވިސްނުމާއި ފިކުރު ތަންފީޒުކުރަން ކަމަށެވެ. އެހެންވެ، ލާމަރުކަޒީ ވިސްނުން ބަލައިނުގަންނަ ބަޔަކަށް އެކަން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލޭ ރައްޔިތުންގެ އިހްސާސްތައް، މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތައް. މާލޭ ރައްޔިތުންނަށް ހުރި ދަތިތައް، މާލެ އަށް ހުރި އުނދަގޫތަކަކީ އަޅުގަނޑުމެންގެ އިހުސާސްތައް. އަޅުގަނޑުމެންގެ ކަންބޮޑުވުންތައް. އަޅުގަނޑުމެން އެންމެންނަށް ހުރި ދަތިތައް އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައިވާ އުނދަގޫތައް،" އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ވިދާޅުވި އެވެ.

އެމްޑީޕީގެ ކެމްޕޭން ފަށަން ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދާއި ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

"އަޅުގަނޑުމެން މި ނުކުންނަނނީ ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންގެ ނިޔާމަ ކަމާއި ފާގަތިކަމާ ގުޅިލާމެހިފައިވާ ދިވެހިރާއްޖޭގެ ލޮބޮވެތި ރައްޔިތުންގެ ފަޚުރުވެރި ރަށް ކަމުގައި މާލެ ސިޓީ ހެދުމަށް. ދިވެހި ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެރިރަށް މާލެ އަކީ ހިތްގައިމު ޖަޒީރާވަންތަ ރަށްތަކުގެ ވެރިކަންކުރާ އެންމެ ރީތި މަންޒިލްކަމުގައި ހެދުމަށް."

ދިވެހިން ރައްޔިތުންގެ ބުރަ މަސައްކަތާ ގުޅިފައިވާ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ ބައްޓަން ކޮށްފައި ވަނީ ރައްޔިތުން ބާރުވެރިކުރުވައި ހައްގު މިންވަރު އެކަށީގެންވާ ގޮތެއްގައި ލިބޭނެ ހަރުދަނާ އަސާސްތަކެއްގެ މައްޗަށް ކަން އަނަސް ފާހަގަކުރެއްވި އެވެ. އޭގެ ތެރެއިން ވެސް އެ ބާރު ސީދާ ގޮތެއްގައި ރައްޔިތުންނަށް ދޫކޮށްލާފައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޖާގަ ތަނަވަސްކޮށްދީގެން ކަމަށް ވިދާޅުވި އެވެ.

ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ރައްޔިތުން ބައިވެރިކޮށްގެން ހިންގަން އެމްޑީޕީން މަސައްކަތް ކުރި ނަމަވެސް ވާދަވެރިންގެ ވިސްނުން ލާމަރުކަޒީ ފިކުރާ އިދިކޮޅުވުމުން، ރައްޔިތުން ބާރުވެރިކުރުވަން ކުރި ކަންކަން އިދިފުށަށް ޖަހާފައިވާ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީ އަށް މާލޭގައި އޮތް ތާއީދަށް ބަލާއިރު ނިސްބަތުން މަދު ބަޔަކާ އެކު، ބޭއްވި ޖަލްސާގައި އަނަސް ވިދާޅުވި ގޮތުގައި އެ ކަންބޮޑުވުން މާލޭގެ ރައްޔިތުންގެ ވެސް އިންތިހާ އަށް އެބައޮތެވެ. އޭރު ވެސް އަދި މިހާރު ވެސް މާލެ ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ ދަތިތަކާއި މަގުތަކުގެ ތަރުތީބު ގެއްލި ވެހިކަލްތައް ގިނަވެ މަގުތައް ކާރޫބާރުބޮޑުވެފައި އޮތުމުގެ އިތުރުން އިމާރާތް ކުރުމާއި ގެދޮރު އެޅުމުގައި ހަމައެއްލަމައެއް ނެތް ކަމުގެ ޝަކުވާ ބޮޑު ކަމަށް އަނަސް ވިދާޅުވި އެވެ.

އެމްޑީޕީގެ ކެމްޕޭން ފަށަން ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދާއި ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާއާ އެކު މާލޭގެ ސިޓީ ކައުންސިލަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ހައްލުތަކެއް، ތަސައްވުރެއް އަދި ފިކުރެއް އެ މައްސަލަތައް ހައްލުކުރުމުގައި އެބައޮތް ކަމަށް އަނަސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕްލޭން އޮތީ ކުރެހިފައި. އަޅުގަނޑުމެން މި ނުކުންނަނީ ކަރުދާސް އޮނިގަނޑަކާ އެކު. ހާމަޔަށް ފެންނަން އޮތް އެޖެންޑާއަކާ އެކު،" އަނަސް

"ރައްޔިތުންގެ ބާރުވެރިކަން، ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލްކުރުން ހިމެނިފައި އޮތީ އަބަދުވެސް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުގައި ކަމީ ފެންނާން އޮތް ހަގީގަތެއް. ތިޔަބޭފުޅުން ނަގަހައްޓައި ދެއްވަންވީ އެ ހަގީގަތް."

އަނަސް ވިދާޅުވީ މާލެ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަކީ ލާމަރުކަޒީ ނިޒާމު ފުރިހަމަ ގޮތުގައި މުޅި ރާއްޖެ ޝާމިލްވާނެހެން ތަންފީޒުކުރެވިގެން ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމަށް، އެމްޑީޕީން އޮތީ ތައްޔާރުވެ ކަމަށާއި ކައުންސިލް އިންތިޚާބުގައި ރައްޔިތުން އެއްބާރުލުން ދޭންވީ އެ ނިޒާމު ފުރިހަމަކުރަން ކަމަށް ވިދާޅުވި އެވެ.