އެމްޑީޕީގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
23 ފެބުރުއަރީ 2020 - 18:48
ވެރިކަން ހިންގަނީ ސަރުކާރުންތޯ ނުވަތަ ރައްޔިތުންގެ މަޖިލީހުންތޯ އޮޅުންނުފިލާ ދަރަޖައަށް ކަން ހިނގައި، އިންތިޚާބަށް ވީ ވައުދުތައް ނުފުދި، އޮޅުވާލުންތަކުން ރައްޔިތުން ހިތުގައި ޖައްސައި، ނުގުޑާ ފަދަ އަޒުމެއްގައި ތިބި އެމްޑީޕީގެ ވަފާތެރިން އެކަހެރިކުރުމުން މާޔޫސްވެއްޖެ ކަމަށް ބުނުން ފަދަ އެތައް ޝުއޫރުތަކުން އެމްޑީޕީއަށް މެސެޖްތައް ދީފި އެވެ.
މި މަހު "މިހާރު"ން ޝާއިއުކުރި ޚަބަރުތަކުގެ ތެރެއިން އެންމެ ގިނަ ކިޔުންތެރިން ކޮމެންޓްކުރީ، މިދިޔަ ހުކުރުދުވަހުގެ ރޭ އަލިމަސް ކާނިވަލުގައި އެމްޑީޕީން ބޭއްވި ޖަލްސާއިން ފެނުނު މަންޒަރާއި، އެ މަންޒަރު މާނަކޮށްދެއްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅޭ ގޮތުން ޖެހި ދެ ޚަބަރަށެވެ.
ސަޕޯޓަރުން ޖަމާވެ، ތަން ފުރާލާ ބިޔަ ބޮޑު ޖަލްސާތަކުގެ ރެކޯޑު އޮންނަ އެމްޑީޕީން އެންމެ ފަހުން ބޭއްވީ އެ ޕާޓީގެ ޖަލްސާއެކޭ ބުނާވަރު ވެސް ނުވާ އެއްވުމެކެވެ. ކައުންސިލް އިންތިޚާބުގެ ކެމްޕޭން ފަށަން އަޑުގަދަކުރާ އިން މުޅި މާލޭގައި ގޮވައި، ބޭއްވި ޖަލްސާ އަށް މީހުންނެއް ނުދިޔަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ބައިވެރިވެވަޑައިގަތް އެ ޖަލްސާގެ ގިނަ ގޮނޑިތައް ހުރީ ހުހަށެވެ.
އެމްޑީޕީގެ ޖަލްސާ ކުރިއަށް ދިޔައިރު ގިނަ ގޮނޑިތަކެއް ހުހަށް. --ފޮޓޯ: ނިޝާންއަލީ/މިހާރު
މިއީ، ވެރިކަން ކުރާ މައި ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުކުރާ މީހުންނާއި އެ ޕާޓީގެ މެމްބަރުން ނަގައިދިން ވަރަށް ވަރުގަދަ ފިލާވަޅެކެވެ! ޕާޓީ އަށް މަރުދޭ ސަޕޯޓަރުން ޖަލްސާ އަށް ނުގޮސް ދުރުގައި ބަލަން ތިބީ ސަބަބުތަކެއް ހުރެގެންނެވެ. "މިހާރު" އަށް ފޮނުވި ކޮމެންޓްތަކުގައި ސަރުކާރާއި ޕާޓީ އަށް އަޑުއިވި، ޝުއޫރުތައް އިހްސާސްވެ އެއްޗެއް ވިސްނޭ ވަރަށް ކޮމެންޓްތަކުގައި ނުރުހުން ފާޅުކޮށްފައިވެ އެވެ.
އުދާސްތައް ބޭރުކުރަން އެކަކު ފެށީ މިހެންނެވެ؛
"މިއީ، ހަޔާތުގައި ތިލަފަތާއި ދެކޮޅަށް ވޯޓުލާނެ ފުރަތަމަ އިންތިޚާބު! ފުދިއްޖެ! ދަސްވެ ބާވެއްޖެ! އަބަދަކު އެއް ބަޔަކު ބިރިޔާނި ކާން ހަލުވާ ބޯން ބޮޑު ގޮޑީގައި ތިބުން މި ޕާޓީން ނިންމަން ވެއްޖެ."
"އޭރުގައި އޮތް ވެރިކަމަށް ރައްޔިތުންގެ ބޮޑު މެޖޯރިޓީއެއް ނޫނެކޭ ބުނީ އެއަށް ވުރެ ރަނގަޅު ގޮތެއް ބޭނުންވާތީ އެވެ. ނަމަވެސް ކަންވެގެން ދިއައީ އެއާ މުޅިން އިދިކޮޅަށެވެ. ވޯޓުދިން މީހުންނަށް އޮތީ ތެޔޮ ނާށި އެވެ. ގޮތް ނޭނގޭ ވައިރަސްއެއް ސަރުކާރުގެ ތެރެއަށް ފެތުރި ގަދަވެގަތްްގަތީނުން ރައްޔިތުން ހޮވި ވެރިމީހާގެ ބާރުކެނޑި ރަމްޒީ މީހަކަށް ވެއްޖެ އެވެ."
ގިނަ މީހުން ލިއެފައިވާ ގޮތުގައި، ކުރީގެ ސަރުކާރުގެ ގޯސްތައް ތަކުރާރު ނުވާނެ ކަމުގެ އުއްމީދުގައި އާ ވެރިކަމެއް ގެނަޔަސް ކަންކަން ބަދަލެއް ނުވެ އެވެ. ބަދަލުވީ "ތޮށިގަނޑު އެކަނި" ކަމަށް ސިފަކުރީ، މުއައްސަސާތަކާއި އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުންގެ އަމަލުން ތަފާތެއް ނުފެންނާތީ ކަމަށް ބުނެ އެވެ.
ބޯހިޔާވަހިކަމުގެ ވައުދުގެ ތެރޭގައި ހިމެނި އިންސާފުން ފްލެޓް ދޫކުރުމާއި ޕެންޝަން ފަންޑުން ހައްޖަށް ފޮނުވަން ވީ ވައުދާއި ބޭސްފަރުވާ އަށް ސަލާން ޖަހަން ނުޖެހުމާއި ރިސޯޓް މުވައްޒަފުންނަށް ހައްގު މިންވަރު ހޯދައި ދިނުމާއި ނުހައްގުން ވަޒީފާ އިން ވަކިކުރި މީހުންނަށް ވަޒީފާ އިޔާދަކޮށްދިނުމުގައި އޮޅުވާލާފައިވާ ކަމަށް ކޮމެންޓް ކުރި ބައެއް މީހުން ބުނެފައިވެ އެވެ. ދައުލަތުގެ ބަޖެޓުން ބަދަލު ދޭ އުސޫލާ މެދު ނުރުހުންވެ ތިބިއިރު، މަގާމްތައް ދެނީ އެކްޓިވިސްޓުންނާއި ގާތް މީހުންނަށް ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
ކޮމެންޓް ކުރި މީހުންނަށް އެކަކު ބުނެދިން ވާހަކައަކީ ޖަލްސާ ވަނދުކޮށް ދިޔައީ މާލޭގައި އެކަނި ނޫން ކަމެވެ. ރަށްރަށުގައި ބޭއްވި ޖަލްސާތަކުގައި ވެސް ކަންވީ އެހެންނެވެ.
އެންމެ ގިނަ މީހުންނަށް ކަމުދިޔަ ނުވަތަ ލައިކްދީފައިވާ ކޮމެންޓު ކުރި މީހާ ބުނެފައި ވަނީ މި ވެރިކަމާ މެދު އޭނާގެ އުއްމީދެއް މިހާރަކު ނެތް ކަމަށެވެ. ބޮޑު ތަނުން ފޭލްވާނެ ކަމަށް އޭނާ ހުރީ ނިންމައިގެންނެވެ.
"... އަދިވެސް ގައުމު ވިއްކައި ދުނިޔެ ވަށައި ބުރުޖެހޭތޯ ބަލާ ގައުމު ތަރައްގީ ނުވިއަސް. ނަޝީދު ހުރެގެން ދެން އެމްޑީޕީއަކަށް އަހަރުމެންގެ ތާއީދެއް ނެތް. ހުދުމުހުތާރުކަން ފެންނަން ފެށީ ހުރިހާ ބާރެއް މުށުތެރެއަށް ލެވުނީމާ. މި ފަހަރު ބޮޑުތަނުން ފޭލިވާނެ ބަލަން ތިބޭ. ޔާމީނު ކައިކައިފައި ވެސް ތަރައްގީ ގެނެސްދިން... އެ ވަރުވެސްނުވި،" ޖުމްލަ 179 މީހުން ލައިކްކުރި ކޮމެންޓުގައިވެ އެވެ.
ޖަލްސާ އަށް މީހުން ނުދިޔަ ނުވަތަ އެމްޑީޕީ އަށް އޮތް ތާއީދު ދަށްވާ، އޭނާ އަށް ގަބޫލުކުރެވޭ 10 ސަބަބު އެކަކު ލިއެފައިވެ އެވެ. އޭގެ ތެރޭގައި، ދީނަށް ފުރައްސާރަކުރުމާއި ސަރުކާރުގެ ބާރު ނެތުމާއި އެމްޑީޕީގެ ސަޕޯޓަރުންނަށް އިހާނެތިކޮށް ހެދުމާއި ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މާފް ނުދިނުމާއި ކެބިނެޓުގެ ބައެއް ވަޒީރުން ހުތުރު ބަހުން ވާހަކަ ދައްކަވައި ކޮރަޕްޝަން ހިންގާ އިރު އަޅާނުލުން ހިމެނޭ ކަމަށް ބުނެފައިވެ އެވެ.
އަމަލީ ސިފަ ނުގެންނަވާ ވާހަކަފުޅުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަކުރާރުކޮށް ދައްކަވަމުން ގެންދަވާތީ ވެސް އެއް ބަޔަކު ނުރުހުންވި އެވެ.
އެމްޑީޕީގެ ގިނަ ސަޕޯޓަރުންގެ ނުތަނަސްކަމާ ގުޅިފައިވާ އެހެން ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ކޯލިޝަން ވެރިކަމުގެ ފޮނިކަން އެހެން ޕާޓީތަކަށް ލިބުމެވެ.
ކޯލިޝަނަކުން ވެރިކަން ކުރުމާ އެއްކޮޅަށް، އަދި ދެކޮޅަށް ވެސް ޝުއޫރު ފާޅުކޮށްފައިވާ އިރު ވެރިކަން ލިބުނު ގޮތް ހަނދާން ނައްތާލައި، ކޯލިޝަނާ ދުރުވެ، އެމްޑީޕީ ފޮނިވެ، ވެރިކަން އެކަނި ހިންގަން އުޅުމަކީ ވެސް ރައްޔިތުން ނުރުހުންވާ އެއް ސަބަބު ކަމަށް އެކަކު ލިއެފައިވެ އެވެ.
"މަ ނުދިޔައީ ލައްކަ ސަބަބާ ހުރެ. ވަރަށް ބޮޑު އުއްމީދެއް ކުރިން ސަރުކާރާ މެދު. ދެރަ ވެސް ވޭ، އެކަމަކު ސަރުކާރު ވެސް، މަޖިލިސް ވެސް ރަނގަޅެއް ނުވޭ. ވެރިކަން ލިބުނީމަ އަނެއްކާވެސް ކެއުން. [ޓޫރިޒަމް މިނިސްޓަރު] އަލީ ވަހީދު ވާހަކަ ވެސް އޮއްބާލީނުން،" އަލްފާގެ ނަމުގައި ކުރި ކޮމެންޓެއްގައި ބުނެފައިވެ އެވެ.
މި ވާހަކައާ ގުޅުވައި އެހެން މީހަކު ހިތްހަމަނުޖެހުން ފާޅުކުރީ ފްލެޓް ކޮމިޓީއެއް ހަދައި 7،000 ފްލެޓް ހައްގުވާ މީހުން ހޮވަން އުޅޭ ގޮތާ މެދުގަ އެވެ.
"ފުލެޓް ހައްގުވާ މީހުން ދެނެގަންނަން ތި ބޭނުން ކުރާ މިންގަނޑަކީ ކާކުގެ މާ މޮޅު ހިޔާލެއްތަ؟ ގޭތެރޭގައި ހިފައި ގެންގުޅޭ އިސްތިރި، މޭޒު، ތަށި ސަމުސާ، ރައިސްކުކަރު، އިސްތިރި މޭޒު، އެނދު، ސޯފާ، ގޮދަޑި، އަލަމާރި، ފުރިޖު! ބަލަ ތިޔާ ހައްތަހާ ވެސް ކުރެޑިޓް ސްކީމްތަކުން ނަގާފައި ހުންނަ ދަރަނި! ބީތާ ކަމުން އަދި ތި ފުލެޓު ކޮމިޓީ ރައްޓެހިންނަށް ގުޅާފައި އެބަ ބުނޭނު އެނދާއި އަލަމާރި ނެރޭށޭ! ލިބޭނީ އޭރުންނޭ! ކުއްޔަށް ހޭދަކުރާ ވަރާ ކުއްޔަށް އުޅުނު ދުވަސް މުހިއްމެއް ނުވޭ؟!" އޭނާ ސުވާލުކޮށްފައިވެ އެވެ.
އެކަކު ކިޔައިދިނީ، އޭނާ އަށް ކުރެވިފައި ހުރި ތަޖުރިބާ އާއި ކަން އޮންނަ ގޮތަށް ބަލައި ކައުންސިލް އިންތިޚާބުގައި ކުރިން ވެސް ވާ ގޮތެވެ. ކައުންސިލް އިންތިޚާބުގެ ކެމްޕޭން ޖަލްސާތަކުގެ މީހުން މަދުވެގެން ވާހަކަ ދައްކާއިރު މިއީ، އަލަށް ވީ ކަމެއް ނޫން ކަން އޭނާ އުޅުނީ އާއްމުންނަށް ވިސްނައިދޭށެވެ.
"އެއްވެސް އިރެއްގައި ރިޔާސީ އިންތިޚާބު ނިންމާ ޖަލްސާއާ އެއްވަރަށް މަޖިލިސް އިންތިޚާބު ޖަލްސާތަކަށް މީހުން ނުދޭ. މަޖްލިސް އިންތިޚާބު ޖަލްސާތަކާ އެއްވަރަށް ވެސް ކައުންސިލް އިންތިޚާބުތަކަށް މީހުން ނުދޭ. ވޯޓުލާ މީހުންގެ އަދަދު ވެސް ހަމަ މިގޮތަށް މަދު. މިއީ އަބަދުވެސް ކަން ހިނގާ ގޮތް،" އަލިހޮއްކޮކެފޭގެ ނަމުގައި މީހަކު ލިއުނެވެ.
އޭނާގެ ވާހަކަ އަށް ތާއީދުކުރި އެހެން މީހަކު ބުނީ "މުޅި ރާއްޖޭގައި އެއް ވަގުތެއްގައި ޖަލްސާ ބޭއްވީމާ އެއްވެސް ތަނެއް ނުފުރޭނެ" ކަމަށެވެ. އެމްޑީޕީން ކެމްޕޭން ޖަލްސާ ވެސް ބޭއްވީ، އެ ޕާޓީން ބުނިގޮތުގައި، ލާމަރުކަޒު ކޮށެވެ. މާލެ އަށް ވާދަކުރާ 18 ކެންޑިޑޭޓުންނާ އެކު ޖަލްސާ ބޭއްވި އިރު، އެކި ރަށްތަކުގައި ޕާޓީގެ އިސް ބޭފުޅުން ޝަރަފްވެރިކޮށްދެއްވި ޖަލްސާތައް އޮތެވެ.
މި ވާހަކަތަކާ އެއްބަސްނުވި މީހަކު ހުއްޖަތުތަކެއް ދެއްކި އެވެ. އޭނާ ބުނިގޮތުގައި އެމްޑީޕީގެ އަމަލުތައް މިހާރު އިންސާފުވެރިއެއް ނޫނެވެ. ހުރިހާ ކަމެއް ވެސް ކުރަނީ ވަކި ބަޔަކަށް ފައިދާވާ ގޮތަށެވެ. ކައުންސިލްތަކަށް ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމުގައި ވެސް ހަމަހަމަ އުސޫލެއް ނުގެންގުޅެ އެވެ.
"ޕާޓީގެ އާންމު މެމްބަރުންގެ އިހުސާސްތަކެއް ނޭނގޭ. ވަޒީފާތައް ދެނީ މެމްބަރުންނާއި ދާއިރާ ރައީސުންނާއި ޕާޓީ ބޮޑުންގެ އާއިލާ އަށް. ގާބިލް، ޕާޓީ މީހާ ހުންނަން މި ޖެހެނީ ހުސް އަތާ."
އެމްޑީޕީގެ ޖަލްސާގައި އެ ޕާޓީގެ މެމްބަރުންތަކެއް ބައިވެރިވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
އެމްޑީޕީގެ ޖަލްސާ އަށް ލިބުނީ ފިނި ތަރުހީބެއް ކަން ގަބޫލުކޮށް، އެކަމާ ގުޅޭ ގޮތުން އެމްޑީޕީން ވާހަކަ ދައްކައިފި އެވެ. އެމްޑީޕީގެ އޮފީހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ޕްރެސް ކޮންފަރެންސެއް ބާއްވަވައި ނުތަނަވަސްވެފައި ތިބި އާއްމު މެމްބަރުން ހަމައަކަށް އަޅުވަން މަސައްކަތްޕުޅު ކުރެއްވި އެވެ.
އެމްޑީޕީގެ ބައެއް އާއްމު މެމްބަރުން އިންތިހާ އަށް ރުޅިގަދަވެ އެކަން ޖަލްސާގައި ދައްކައިދީފައިވާ ކަން ނަޝީދު ގަބޫލުކުރެއްވި އެވެ. އެމަނިކުފާނު ވެސް ވިދާޅުވީ ރައްޔިތުންނަށް ފުއްދަން ޖެހޭ ވައުދުތަކެއް އެބަހުރި ކަމަށެވެ. އެކަމުގައި، އެ ޕާޓީ ކުރިއަށް ވުރެން ބާރު ސްޕީޑުގައި ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
ނަޝީދުގެ އެ ވާހަކަފުޅަށް ހިޔާލުފާޅުކުރި އެތައް ސަތޭކަ މީހުންގެ ތެރެއިން، ކޮމެންޓު ކުރުމުގެ މިންގަނޑަށް ފެތޭ 200 އަށް ވުރެ ގިނަ ކޮމެންޓް ވަނީ ޕަބްލިޝްކޮށްފަ އެވެ. މި ކޮމެންޓްތަކުގައި، ނަޝީދަށް ރައްދު ދިން ގިނަ މީހުން ބުނީ ވައުދުތަކާއި ދައްކަވާ ވާހަކަތަކަށް އިތުބާރެއް ނެތް ކަމަށެވެ. ކުރަން އޮތް ކަމަކީ ވާހަކަ ގިނަ ނުކޮށް، އަމަލު ގިނަ ކުރުން ކަމަށް އެދުނެވެ.
"ދެން ފޮނި އަނގަތައް ނުތަޅުވައި އަމަލު ކޮށްބަލަ! މުސްކުޅިން ބުނެއުޅޭ ބަސް މަދުކޮށް އަމަލު ގިނަކުރާށޭ! ކަތިވަޅިޔާ މަރިޔަބާ ދަނޑުތައް ވެސް ތިޔަ އޮތީ ހިތަކަށް ދީފަ. ދެން ރައްޔިތުންނަށް ގޮވާން ކޮށްދީބަލަ!ސިސްޓަމް ރަނގަޅުކުރަން ޖެހެންޏާ އެކަން ވެސް ކުރުމުގެ ފުރިހަމަ ބާރު މި ސަރުކާރަށް އެބަ އޮތް! ދެން ކައުންސިލޭ، ކޯލިޝަނޭ ކިޔައި ބަހަނާ ނުދައްކާ ތިޔަ ހުރިވަރެއް ދައްކާބަލަ! ތީ އަނގައިން 1، އަމަލުން 0،" އުނިމާގެ ނަމުގައި އެކަކު ކޮމެންޓް ކޮށްފައިވެ އެވެ.
"ސިޔާސީ ކަންކަމުގައި އުޅެއްޏާ މި ގައުމު ރަނގަޅަށް ދަސްކުރޭ. ވަކި ޕާޓީއެއްގެ ބަޔަކަށް ނުވަތަ ވަކި ރަށެއްގެ ބަޔަކަށް ކަންތައްތަކެއް ކޮށްދީގެން މި ގައުމުގައި ލީޑު ނުނެގޭނެ. އެއަށް ވުރެ މި ގައުމުގެ އާބާދީ މަދު. މި ގައުމުގައި ސިޔާސީ ގޮތުން ކުރި ލިބޭނީ އެންމެންނަށް ވެސް ހަމަހަމަ އުސޫލަކުން އަދި އެ މީހަކު ބަލައިގަންނަ ގޮތަށް ސަރުކާރުގެ ސިޔާތުތައް ބައްޓަންކޮށްގެން. މީކީ އިންޑިއާއެއް ނޫން. ހަމައެކަނި ހިންދޫން ރުއްސައިގެން ވެރިކަންކުރާކަށް."
ޖަލްސާގެ މަންޒަރު ކުރުކޮށް ކިޔައިދީ ނިންމާލަމުން ބުނެފައި ވަނީ، "އެމްޑީޕީއަކީ މަގުމައްޗަށް ގަދަ، ހިންގުން ދެރަ ޕާޓީއެއް" ކަމަށެވެ. ކައުންސިލް އިންތިޚާބުގައި ޕީޕީއެމަށް ވޯޓު ނުދޭން އިލްތިމާސްކުރައްވައި ނަޝީދު ވަނީ އެ ޕާޓީއަކީ "ޑުރެކިއުލާ"ގެ ގޮތުގައި ސިފަކުރައްވައި ބްލަޑް ބޭންކް ހަވާލުނުކުރަން އެދިވަޑައިގެންފަ އެވެ. އެއީ، ލޭ ބޯލާނެތީ ކަމަށް ނަޝީދު ވިދާޅުވެ އެވެ.
"ބްލަޑް ބޭންކު ދިނީމަ ވާއެތި ބަލަން މިފަހަރު ހުނަނާނީ. މަނިކުފާނަށް ބުލަޑް ބޭންކް ހިތަކަށް ދީގެން ތިބެތިބެ ވީ ކަމެއް ނެތް،" ނަޝީދަށް ރައްދު ދީ ކުރި ކޮމެންޓެއްގައިވެ އެވެ.
އެހެން މީހެއްގެ ޖަވާބަކީ މި އެވެ! "މިއަށް ކިޔަނީ މިޑް ޓާމް ކްރައިސިސް. ދިވެހިންގެ ހުންނަ ވެރިކަން ފުރޮޅާ އާދަކާދައިގެ ދަށުން ދެ އަހަރު ވެރިކަމަށް ވީމާ އޮންނަނީ ފޫހިވެފައި. [އައިފޯނަށް ވެސް ވާ ގޮތަށް] ދެން ވެރިކަން ވެއްޓިބަލަ، ތިޔަ ތަން އޮންނާނެ މަގުތަކާ އެކު ފުރިފައި."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހީމްސ
25 February 2020
މިފަހަރު ވޯޓުލާންވީކޮޅެއް ނޭގިގެން މިއުޅެނީ
އިބްބޭ
25 February 2020
ސަޕޯޓާރސް އާރ އޮން ރެސްޓް މޫޑް، އާފްޓާ އޯލް ދީޒް އިޔާސް އޮފް ހާޑް ވޯރކް، ވެން ޕާރޓީ ނީޑްސް ދެމް، ޔޫ ވިލް ސީ ދެމް. ޑޯންޓް އަންޑާ އެސްޓިމޭޓް.
އެގުނީ
25 February 2020
އެގުނު އެއްޗަކީ އެވަރަކުން ވާހަކަ ހަދަހަދައިގެން ގިނަ ކޮމެންޓް ކުރަނީ ރައްޔިތުންގެ ވޯޓުން ބަލިވާ އިދިކޮޅޭމެން ކަން !
މޮހޮނާދު
25 February 2020
ޔަގީނުންވެސް މިފަހަރު މަށާއި މަގޭ އާއިލާގެ އެއްވެސް މީހަކު އެމްޑީޕީ އަކަށް ވޯޓް ނުދޭނެ.ވަރަށް ސާފު.މީވެސް މަދުވެގެން 80 ވަރަކަށް ވޯޓް ޔަގީނުންވެސް.ގިނަ ވިއްޔާވާނީ.
ރިތި މޫސަ
24 February 2020
އަންނިޔަކީ ގުދޯގުދޯ ގޮވާ މީހެއް އޭނަ މައުމޫނާ ދިމާލަށް ގޮވީ ވިއްކަމުން ވިއްކަމުންގޮސް މަންމަގެ ފައްޓަރުބައިވެސް ވިއްކަނީޔޯ އެކަމުމިހާރު އެކަންވެސްކުރަނީ އަންނި ހުރިހާމުއައްސަސާއެއްވެސް ހުރީ މައުމޫތަގަޔޭ ގޮވިމީހާގެ ހާލުހުރިގޮތް ނިކަންދެކިބަލާ ހުރިހާތަނެއް ބަނޑުދަށައްލައިގެން މިހާރު ހުރީ އަންނި
ނަސީދު
24 February 2020
އަންނީ ޖޯކޮޖެހީ ރައީސް މައުމޫނައް ޑިފެންސް މިނިސްޓަރ މައުމޫން އެމްއެމްއޭ މައުމޫނު ، މިހާރު ނަސީދު އެކުރައްވަނީ ހަމައެއްކަމެއް
ދަތްނެތްކުއްޖާ
24 February 2020
މމޑޕ ބޯންއުލޭ ބޮނޑި މިހާރު އެތިބީ ބޮއެގެން. ކައުންސިލްގެ މެޖޯރިޓީވެސް ނުލިބޭނެކަން ޔަޤީން. މިވެރިން ހީކުރީ ރައްޔިތުންގެ ރައުސުލްމާލު މިވެރިން ބޭނުންވާ ބަޔަކަށް ބަހާލިއަސް ރައްޔިތުން ހެވިފައި ތިބޭނެކަމަށް. މިހާރު ހުންނާނީ ރާކަނިމަސް ކެވިފާ. ދެންފަހަރަކުން ވެރިކަން ލިބުނަސް ރަގަލު.
ޠުއާގު
24 February 2020
ތިޔަމީހުންނަ ހަރަދު ކުރިމީހުންނަ ބަދަލްދެނީ..... ތިޔަމިހުއަބަދުވެސް އުޅެނީގައުމު ވިއްކަން...
ރޮކެޓު
24 February 2020
މީ އިބުރާމެންގެ އިހުލާސްތެރިކަން!!! ވ.ވެދުން އެމްޑީ÷ އަށް
ައޮހެއި
24 February 2020
ކުރިއަ ރެވިފައޮތީ ކުންފުނިތަކުގެ ސީއޮއިންނަ ބޭރުންމިހުންގެނެސް މަގާމުހަވާލު ކުރުން ބަލަންތިބޭ
ޕަބްލޯ
25 February 2020
ބޭރުމީހުންނަށް ސީއީއޯކަން ދިނުމަކީ ރަގަޅުކަމެއް. އެކަން ބީއެމްއެލްއަށް އަންނަ ބަދަލުތަކުން ފެންނާނެ. ތަޖުރިބާއާއި ހިލްމެއް ނެތް ތިމާގެ މީހުންނާއި ޕާޓީ މެންބަރުންނަށް ސީއީއޯކަން ދީގެން ކުންފުނިތައް ނުހިގާ ބަގުރޫޓުވަމުން ދަނީ