އެމެރިކާ ރައީސްގެ ޑޫމްސްޑޭ މަތިންދާބޯޓު ރާއްޖޭގައި ޖައްސައިފި

ހަނގުރާމަވެރި ހާލަތްތަކާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެމެރިކާގެ ރައީސާއި އިސްވެރިން ދަތުރު ކުރައްވާ މަތިންދާބޯޓު ކަމަށްވާ ޑޫމްސްޑޭ ޕްލޭން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޖައްސައި، ޕާކްކޮށްފި އެވެ.


ނުރަސްމީ ގޮތެއްގައި ޑޫމްސްޑޭ ޕްލޭންގެ ނަމުން ނަން ދީފައިވާ ބޯއިން މަރުކާގެ އެ މަތިންދާބޯޓަކީ އެމެރިކާގެ ރައީސް ދަތުރު ކުރައްވާ އެއާ ފޯސް ވަންގެ ބެކަޕެއްގެ ގޮތުގައި ބޭނުންކުރާ މަތިންދާބޯޓެކެވެ. އެމެރިކާ އިން ބޭރަށް އެ ގައުމުގެ ރައީސް ކުރައްވާ ކޮންމެ ދަތުރުފުޅެއްގައި އެއާ ފޯސް ވަންއާ އެކު ޑޫމްސްޑޭ ޕްލޭން ވެސް ގެންދާނެ އެވެ. އޭގެ ބޭނުމަކީ ހަނގުރާމަވެރި ހާލަތެއް އަތުވެއްޖެ ނަމަ، އެ މަތިންދާބޯޓުގައި ހުންނަވައިގެން ގައުމުގެ ކަންކަން ހިންގެވުމުގެ ފުރުސަތު ރައީސަށް ދެއްވުމެވެ.

ޑޫމްސްޑޭ ޕްލޭން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޖެއްސީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޑިއާއަށް މިހާރު ވަޑައިގެންފައި ވަނިކޮށެވެ. އެކަމަކު މަތިންދާބޯޓުގައި ރާއްޖެ އައީ ހަމައެކަނި އޭގެ ދެ ޕައިލެޓުން ކަމަށްވެ އެވެ.

މިއީ އެމެރިކާ ރައީސުން ބޭނުން ކުރައްވާ މަތިންދާބޯޓެއް ފަހުގެ ތާރީޚެއްގައި ރާއްޖޭގެ އެއާޕޯޓެއްގައި ޖެއްސި ފުރަތަމަ ފަހަރެވެ.

ޑޫމްސްޑޭ ޕްލޭން އުފެއްދީ ފިނި ހަނގުރާމައިގެ ދުވަސްވަރު އެމެރިކާގެ ރައީސަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްކޮށް، މަތިންދާބޯޓުގައި ހުންނަވައިގެން ގައުމުގެ ކަންކަން ބެލެހެއްޓުމަށް ފުރުސަތު ދެއްވުމަށެވެ. ޖުމްލަ 223 މިލިއަން ޑޮލަރުގެ އަގުހުރި އެ މަތިންދާބޯޓަކީ ނިއުކްލިއާ ބޮމުގެ އަސަރު ވެސް ނުކުރާ ފަދަ ގޮތަކަށް ތައްޔާރު ކޮށްފައިވާ ބޯޓެވެ. އެ ބޯޓުގެ އެއް ގަޑިއިރުގެ ދަތުރަކަށް ވެސް 160،000 ޑޮލަރު ހޭދަވެ އެވެ.

އާންމު ހާލަތްތަކުގައި އެމެރިކާގެ ދަތުރު ކުރައްވާ ބޯއިން މަރުކާގެ އެއާ ފޯސް ވަން މަތިންދާބޯޓަކީ ވެސް ސަލާމަތީ ގިނަ އާލާތްތަކާއި ފިޔަވަޅުތައް ހުންނަ މަތިންދާބޯޓެކެވެ.