ހަތަރު ކިލޯ ޑްރަގްސްއާ އެކު ލަންކާ އިން ތިން ދިވެއްސަކު ހައްޔަރުކޮށްފި

ސްރީ ލަންކާގައި ގިނަ އަދަދެއްގެ ދިވެހިން އުޅޭ ދެހިވަލަ ސަރަހައްދުން ހަތަރު ކިލޯގެ ހެރޮއިންއާ އެކު ތިން ދިވެއްސަކު ރޭ ހައްޔަރުކޮށްފި އެވެ.


މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ތިން ދިވެހިންނާ އެކު އިތުރު ތިން މީހަކު ވެސް ހައްޔަރުކުރި އެވެ. އަދި އެ މީހުން ބޭނުންކުރި ދެ ކާރެއް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ހައްޔަރުކުރި މީހުން މިއަދުގެ ވަގުތެއްގައި ކޯޓަށް ހާޒިރުކުރާނެ އެވެ.

ރާއްޖޭން ބޭރުގައި ދިވެހިންގެ އާދާބީ އެންމެ ބޮޑު ލަންކާގައި، މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން ވެސް ގިނަ އަދަދެއްގެ ދިވެހިން ހައްޔަރުކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް 21 ވަނަ ދުވަހު ލަންކާގެ ލަގްޒަރީ ބައެއް ހޮޓާތަކާއި ކްރިސްޓިއަން ފައްޅިތަކެއްގައި އަމިއްލަ އަށް މަރުވެގެން ބޮން ގޮވައި 259 މީހަކު މަރާލި ޓެރަރިސްޓް ހަމަލާތަކަށް ފަހު އެ ގައުމުގައި ހިންގި އޮޕަރޭޝަންތަކުގައި ވެސް ގިނަ އަދަދެއްގެ ދިވެހިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުގީގު ހިންގި އެވެ. އަދި މިދިޔަ ހަފުތާގައި ލަންކާ ފުލުހުން ވަނީ ބޮމުގެ ހަމަލާއާ ގުޅުން ހުރި ހަތަރު ދިވެއްސަކު ފާހަގަކުރެވިފައިވާ ކަމަށް ބުނެފަ އެވެ.