ފަރުވާ އަށް ފައިސާ ބޭރުނުކޮށް، ރާއްޖޭގެ ސިއްހީ ހިދުމަތް ކުރިއެރުވުމަށް ވިސްނަންޖެހޭ: އަފްއާލް

ސިއްހީ ކަންކަމަށް ރާއްޖެ އިން ފައިސާ ބޭރުނުކޮށް، މި ގައުމުގެ ސިއްހީ ހިދުމަތް ކުރިއެރުވުމަށް ޕޮލިސީ ލެވެލްގައި ވިސްނަންޖެހޭ ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވެއްޖެ އެވެ.


ނިއުރޯ އެންޑޯ ވެސްކިއުލާގެ ހިދުމަތް ތައާރަފުކޮށް، އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައި، ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ އެއް ހޮސްޕިޓަލް ހިންގުމުގައި އިސް ދައުރެއް އަދާކުރައްވާ އަފްއާލް ވިދާޅުވީ ގާތްގަނޑަކަށް 50 އަހަރުވަންދެން ދިވެހިން ބޭރަށް ފޮނުވައި ބޭސް ފަރުވާދީފައިވާ ކަމަށެވެ. އެ ފައިސާ އިން މި ސަރަހައްދުގެ ބައެއް ހޮސްޕިޓަލްތައް ތަރައްގީކޮށް ވަސީލަތްތައް އިތުރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މިއަދާ ހަމައަށް ވެސް ކަންތައް ކުރަމުން ދަނީ އެހެން ކަމަށްވާތީ، ރާއްޖޭގައި އެ ފައިސާ ބަހައްޓައިގެން ގައުމުގައި ސިއްހީ ހިދުމަތް ކުރިއަރުވާނީ ކިހިނެއްތޯ ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަފްއާލް ވިދާޅުވީ، ބޭރުގެ އެ ހޮސްޕިޓަލްތަކުން ދިވެހިން ފަރުވާ ހޯދާ މިންވަރު މަދުވެއްޖެނަމަ އެ ގައުމުގެ ނޫސްތަކަށް ވެސް، އެކަން އަރާ ކަމަށެވެ. އޭގެ މާނައަކީ، ފަރުވާއަށް ދިވެހިން ހޭދަކުރަނީ ވަރަށް ބޮޑު އަދަދެއް ކަމަށް ވިދާޅުވި އެވެ.

އޭޑީކޭ ހޮސްޕިޓަލުން މި ފަހުން ތައާރަފުކުރި ނިއުރޯ އެންޑޯ ވެސްކިއުލާގެ ހިދުމަތަށް އަދި އާސަންދައެއް ނުލިބެ އެވެ. އެ ފަރުވާ އަށް ބަލި މީހާގެ އަތުން ބޮޑު ހަރަދެއް ހިނގާކަމަށް އައްފާލް ވިދާޅުވިއަސް އެކަމަށް ސީދާ ހަރަދުވާ ވަރެއް ހާމައެއް ނުކުރައްވަ އެވެ.

ނިއުރޯ އެންޑޯ ވެސްކިއުލާގެ ހިދުމަތް ދެނީ ސިކުނޑި އަށް ލޭ ފޮނުވާ ހޮޅިތަކުގައި އުފެދޭ އެނިއުރިޒަމް ބައްދައި، އެ ބޮޑުވިޔަ ނުދިނުމަށެވެ.

އެނިއުރިޒަމް އަކީ ސިކުނޑި އަށް ލޭ ފޮނުވާ ބައެއް ނާރުތަކުގައި އުފެދޭ ކުޑަކުޑަ ކޮތަޅެއް ކަހަލަ އެއްޗެކެވެ. އެތަނަށް ލޭ އެޅި ބޮޑުވެ، ގިނަ ފަހަރަށް ނާރު ފަޅައިގެންދެ އެވެ. އެ ފަދަ ހާލަތްތަކުގައި މީހާގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު ކުޑަ އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންގެ ކަންތައްތައް ކަނޑައަޅުއްވަން ތިއްބަވާ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ތަންކޮޅަކީ، އިންޑިއާ އަށް ދިޔައީމަ މިއަށްވުރެ 15 ޕަސެންޓް އަގުހެވޭ، އެހެންވީމަ އިންޑިއާ އަށް ފޮނުވާލިއްޔާ މާ ރަނގަޅޭ މިކަން ކުރަން. ރާއްޖޭގައި މާ އަގުބޮޑީއޭ،" އަފްއާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ނިއުރޯ އެންޑޯ ވެސްކިއުލާ އަށް ޔޫރަޕަށް ދިޔަކަމުގައި ވިއަސް ފަރުވާ ލިބޭނީ އެ ފެންވަރުގައި އެއަށް ވުރެ 50-60 ޕަސެންޓް އަގުބޮޑުކޮށް ކަމަށެވެ.

ފަރުވާ އަށް ބޭރަށް ފޮނުވުން ހަރަދުކުޑަ ކަމަށް ވިއަސް އެކަމަށް ހަގީގަތުގައި ބޮޑު ހަރަދެއް ހިނގާނެ ކަމަށް އައްފާލް ވިދާޅުވި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ބަލި މީހާއާ އެކު އާއިލާގެ އެހެން މީހުން ދިއުމުން އެ މީހުންގެ އުފެއްދުންތެރިކަން ގެއްލުމާއި އާމްދަނީ ހޯދަން އޮތް ދޮރު ބަންދުވުމެވެ.

"..މިއަދާ ހަމައަށް ވެސް އަޅުގަނޑުމެން ކުރަމުން މި އަންނަނީ އެކަމޭ. އެހެންވީމަ އަޅުގަނޑުމެންގެ ޕޮލިސީތަކާ އެއްޗެހި ހައްދަވަން ތިއްބެވި ބޭފުޅުން އެބަ ވިސްނަންޖެހޭ ކިހިނެއްތޯ އަޅުގަނޑުމެން އެ ފައިސާ މި ގައުމުގައި ބަހައްޓައިގެން، މި ގައުމުގައި އަޅުގަނޑުމެންގެ ސިއްހީ ހިދުމަތް ކުރިއަރުވާނީ،" އަފްއާލް ވިދާޅުވި އެވެ. "އަޅުގަނޑުމެން މިސާލަކަށް އަގުބޮޑޭ ބުނެފައި އެކަމަކު އޭގެ އިމްޕެކްޓް އަޅުގަނޑުމެންގެ މުޅި އިކޮނޮމީއަށް، އަޅުގަނޑުމެންގެ ޑޮކްޓަރުން ތަމްރީނުކުރުމާއި އަޅުގަނޑުމެން ނަރުހުން ތަމްރީނުކުރުމާއި އަޅުގަނޑުމެންގެ އިންފްރާސްޓްރަކްޗާ ކުރިއެރުމާއި މި ހުރިހާ ކަމަކަށް ހުރަސް އެޅޭ. މިއީ މުސްތަގުބަލުގައި ވަރަށް ބޮޑަށް ޕޮލިސީ މޭކާސް ވިސްނަންޖެހޭ މުހިއްމު ކަމެއް،"

ރާއްޖޭގައި ފަރުވާއަށް ކަނޑައަޅާފައިވަނީ ބޭރުގެ އެހެން ހޮސްޕިޓަލުތަކާ ބަލާއިރު ވަރަށް ކޮމްޕެޓިޓިވް އަގުތަކެއް ކަމަށާއި ހިދުމަތް ހޯދައިދޭން މަސައްކަތް ކުރަނީ އެގޮތަށް ވެސް ވިސްނައިގެން ކަމަށް އައްފާލް ވިދާޅުވި އެވެ.

ނިއުރޯ އެންޑޯ ވެސްކިއުލާގެ ޑިޖިޓަލް ސަބްޓްރެކްޝަން އެންޖިއޯގްރަފީ (ޑީއެސްއޭ)ގެ 12 ޓެސްޓެއް ހަދައި ތިން ޕްރޮސީޖަ ފުރިހަމަކޮށްފައިވާ ކަމަށް، އޭޑީކޭގެ ނިއުރޯސާޖަން ޑރ. އަލީ ނިޔާފު ވިދާޅުވި އެވެ. އެ ޕްރޮސީޖާ ޓީމުގައި ދެން ހަރަކާތްތެރިވެވަޑައިގަންނަވަނީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ޑރ. ކިރަން އަދި އިންޑިއާގެ އެއިމްސް ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ އިންޓަވެންޝަނަލް ރޭޑިއޮލިސްޓް، ޑރ. އަރްވިންދެވެ.

އޭޑީކޭ އިން އެ ހިދުމަތް ދެނީ ނިއުރޯ އެންޑޯ ވެސްކިއުލާގެ ފަރުވާ ދިނުމުގައި 11 އަހަރު ދުވަހު މަސައްކަތް ކުރައްވާފައިވާ އަރްވިންދު އެހީތެރިކަމާއެކުގަ އެވެ.