ބަނދަރު ހެދުން ފަދަ މަޝްރޫތައް ރާއްޖޭގައި މިހާރު ކުރިއަށް ގެންދަނީ ތިމާވެއްޓަށް ގެއްލުން ވާ ގޮތަށް ކަމަށާއި ފްލޯޓިން ކޮންސެޕްޓަށް އެކަން ބަދަލު ކުރަންޖެހޭ ކަމަށް، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު ޗެއާ ކުރައްވާ ކޮރަލް އިންސްޓިޓިއުޓުން މިދިޔަ ދެ ދުވަހު "ކޮރަޕް ފެސްޓިވަލް" ގެ ނަމުގައި ކ. ތުލުސްދޫގައި ކުރިއަށް ގެންދިޔަ ހަރަކާތާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ކޮންފަރެންސެއްގައި ވިދާޅުވީ، ބަނދަރު ހެދުން ފަދަ މަޝްރޫތަކުގައި ތިމާވެށީގެ ގެއްލުން ކުޑަކުރުމަށްޓަކައި އެންމެ ރަނގަޅު ޓެކްނޮލޮޖީ ބޭނުން ކުރަންޖެހޭ ކަމަށެވެ.
"ބަނދަރުތައް ހެދުމުގައި ބައިލޮޖީ އާއި ކޮންސްޓްރަކްޝަން ދާއިރާގައި ލުއި ގޮތްތައް އިހުތިޔާރު ކުރަންޖެހޭ،" ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވި ކޮންފަރެންސްގައި ނަޝީދު ވިދާޅުވި އެވެ.
އެ ބަދަލު ގެނައުމަށް ބޭނުންވާ ޑިޒައިންތައް ހަދާފައި އެބަހުރި ކަމަށާއި މަދު ވަނީ އިންޖިނިއަރިންގެ ބައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، ފެސްޓިވަލްގައި ބައިވެރިވި ބޭރުގެ ތަޖުރިބާކާރުން ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖެއާ އެންމެ ގުޅޭ އެއް ކޮންސެޕްޓަލީ ފެންމަތީގައި ތަރައްގީ ކުރާ ފްލޯޓިން ކޮންސެޕްޓް ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ފަރުތަކަށް ގެއްލުން ކުޑަވާނެ ގޮތަށް ޕްރޮޖެކްތްތައް ހިންގުމަށް ސައިންސްވެރިންގެ އިރުޝާދު އެ އިންސްޓިޓިއުޓުން ހޯދާނެ އެވެ. ދެ ދުވަހުގެ ސެމިނާގައި، މުރަކަ އާލާކުރުމާއި ގުދުރަތީ ވަސީލަތްތައް އިތުރުކޮށްގެން ރާއްޖެ ހިމާޔަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ތަޖުރިބާކާރުންނާއި ސިޔާސަތުތައް ތަންފީޒު ކުރާ ފަރާތްތަކާ މެދު ވަނީ މަޝްވަރާ ކޮށްފައި. މުރަކަ އާލާ ކުރުމާއި ތަރައްގީގެ މަޝްރޫތައް ހިންގުމުގައި ތިމާވެއްޓަށް ގެއްލުން ކުޑަ ކުރެވޭނެ ގޮތްގޮތާ މެދު މަޝްވަރާ ކުރިން،" ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ކޮންފަރެންސްގައި ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، މޫސުމީ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކޮންމެ އަހަރަކު އެއް ފަހަރު އެ ފެސްޓިވަލް ބާއްވާނެ ކަމަށެވެ.
ކޮރަލް އިންސްޓިޓިއުޓަށް ލަފާ ދިނުމަށް އެކި ގައުމުގެ ސައިންސްވެރިންގެ ޓީމެއް ވަނީ އެކުލަވާލައިފަ އެވެ. މި ފަހަރުގެ ފެސްޓިވަލަށް ހަރަދު ކުރީ ކެނެޑާގެ ސަރުކާރުންނެވެ.
ކޮންފަރެންސްގައި، ކެނެޑާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ޑޭވިޑް މެކިނަން ވިދާޅުވީ ވޭތުވެދިޔަ ދެ ދުވަހު ބޭއްވި ސެމިނާގެ ސަބަބުން ތިމާވެށީގެ މައްސަލަ އަކީ ކިހާ ބޮޑު ކަމެއްކަން އެނގިވަޑައިގެންނެވި ކަމަށެވެ.
"ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ނުރައްކާތަކާއި އެ ކަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ މުހިއްމުކަން މީހުންނަށް ދެނެގަނެވޭނެ ގޮތަށް ކިޔައިދިނުމުގައި ހުރި ދަތިތައް އެނގިއްޖެ،" ޑޭވިޑް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސިޔާސަތުތައް ކަނޑައަޅާއިރުގަ އާއި ބޮޑެތި ނިންމުންތައް ނިންމާއިރު ތިމާވެށީގެ މައްސަލަތަކަށް ވިސްނަން ޖެހެ އެވެ.
ތިމާވެށީގެ މައްސަލަތަކަށް އާއްމުން ހޭލުންތެރި ކުރުވުމަށް ތަޖުރިބާކާރުންނާ އެކު ބޭއްވި ކޮރަލް ފެސްޓިވަލްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައެއް މިނިސްޓަރުންވެސް ބައިވެރިވެވަޑައިގަތެވެ.