27 ފެބުރުއަރީ 2020 - 20:14
ކޮވިޑް-19 ފެތުރޭތީ، އުމްރާ އަށް މީހުން ދިއުމާއި މަސްޖިދުއް ނަބަވީ އަށް ޒިޔާރަތްކުރުން ސައޫދީ ސަރުކާރުން ވަގުތީ ގޮތުން މަނާކޮށްފައިވާތީ އުމްރާގެ އަޅުކަމަށް ދިއުމަށް ކުރަންޖެހޭ ކަންކަން މަޑުޖައްސާލުމަށް އިސްލާމިކް މިނިސްޓްރީން މިއަދު އަންގައިފި އެވެ.
އުމްރާގެ އަޅުކަމަށް ސައޫދީ ރައްޔިތުން ނޫން އެހެން މީހުން ދިއުން އެ ގައުމުން މިއަދު ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އުމްރާ އަށް ވިސާ ދޫކުރުން ސައޫދީން މިއަދު ހުއްޓާލާފައިވާކަން އިއުލާނުކޮށްފައިވާ ކަމަށާއި ވިސާ ދޫކޮށްފައިވާ ފަރާތްތަކަށް ވެސް ސައޫދީ އަށް އެތެރެ ނުވެވޭނެ ކަމަށް ނިންމާފައިވާ ކަމަށެވެ.
"އެހެންކަމުން ދިވެހި ރާއްޖެއިން އުމްރާ އަށް މީހުން ގެންދާ ކުންފުނިތަކާއި އުމްރާވެރިން، އުމްރާއަށް ދިއުމަށްޓަކައި ކުރަންޖެހޭ ކަންކަން މަޑުޖައްސާލުމަށް" މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އުމްރާގެ އަޅުކަމާ ގުޅޭ ގޮތުން ސައޫދީ ސަރުކާރުން ނިންމާ ގޮތަކާ ބެހޭ ގޮތުން މައުލޫމާތު ލިބޭ ވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އުމްރާއަށް އެހެން ގައުމުތަކުން މީހުން އެތެރެވުމުގެ ހުއްދަ ނުދޭން ސައޫދީން ނިންމާފައި ވިޔަސް ދިވެހި 49 މީހަކު މިއަދު ވަނީ އުމްރާއަށް ފުރައިފަ އެވެ. މިއަދު ހަވީރު ފުރި ނަވާ ހައްޖު އެންޑް އުމްރާ ގުރޫޕުގެ މީހުންނަށް ސައޫދީ އަށް ދެވޭނީ މިރޭގެ ވަގުތެއްގަ އެވެ.
ޗައިނާގައި މިދިޔަ އަހަރު ފެތުރެން ފެށި ކޮވިޑް-19 މުޅި ދުނިޔެ އަށް ފެތުރި ނުރައްކާ ވަނީ ބޮޑުވެފަ އެވެ. ނޭވާލާ ނިޒާމަށް ޖެހޭ މި ބަލި 80،000 އަށް ވުރެ ގިނަ މީހުންނަށް ޖެހި 2،770 މީހަކު ވަނީ މަރުވެފަ އެވެ. އަދި މިހާތަނަށް 46 ގައުމަކުން ވަނީ ބަލި ފެނިފަ އެވެ.
ކޮރޯނަވައިރަސްގެ ވައްތަރެއް ކަމަށްވާ މިޑްލްސް އީސްޓް ކޮރޯނާވައިރަސް (މާސް) 2018 ވަނަ އަހަރު ސައޫދީ އަރަބިއްޔާގައި ފެތުރިފައިވެ އެވެ. އެފަހަރު ވެސް ސައޫދީން ވަނީ ހައްޖާއި އުމްރާ އަށް މީހުން އެތެރެވުން ކޮންޓްރޯލްކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ނަމަވެސް ހައްޖާއި އުމްރާ އަށް މީހުން ގެނައުން ހުއްޓައެއް ނުލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަކީ
27 February 2020
ބަދަލު ލިބޭނެތޯ ކެންސަލްވުމުން މިއީ ވަރަށް އުފެދޭ ސުވާލެއް.
ކުނުފުނި
27 February 2020
މިހާލަތުގައި މަޑުޖައްސާލުމުން ކުންފުނި ތަކުން އުމްރާ ވެރިން ނަށް ބަދަލު ދޭން ޖެހޭނަމަ ދެން ކަންކުރަން އޮތް ގޮތެއް އަންގާލިނަމަ ރަގަޅުވީސް އަހަރީ ފީ ގެ ނަމުގައި ކޮންމެ ކުންފުޏެއް އަތުން 24000.00ރ ނަގާ އިރު މިވަރު ކަމެއް ހިގައިގެން އުޅޭއިރު އިސްލާމިކް މިންސްޓްރީން މި ޙިދުމަތްދޭ ކުންފުނިތަކާއި ބައްދަލު ކޮށް މިކަމުގެ ސަބަބުން އުމްރާވެރިން ނާއި ކުންފުނި ތަކަށް އެންމެ މަސްލަޙަތު އޮތް ހައްލެއް ހޯދަން މަސެއްކަތް ކުަރަންޖެހޭ އެބަ މިނިސްޓަރަށް މި މިސެޖް
1828
27 February 2020
ނެރެލި ބަޔާނަކުން ހުރިހާ ކަމެއް އެ ނިންމާލީ. ސަރުކާރު / އިސްލާމިކް މިނިސްޓްރީ މިއަށްވުރެއް ޒިންމާދާރުވާން ޖެހޭ. 'ކުނުފުނި' ބުނެފައިވާ ފަދައިން ސަރުކާރުން / އިސްލާމިކް މިނިސްޓްރީން އަމަލުކުރަން ޖެހޭ ކަމުގައި ދެކެން.
ޥާރިސް
27 February 2020
ޢިސްލާމިކް މިނިސްޓަރަށް އުމްރާގެ ކަންކަން އިންތިޒާމް ވެގެންދާ ގޮތް އަންގާދޭން ހޭލުން ތެރިކަމުގެ ޕްރޮގްރާމެއް ހިންގައިދޭން ބޭނުން މިމެސެޖް ވަޒީރު ބައްލަވާނެ ކަމަށް އުންމީދު ކުރަން
މިސަރުކާރު
28 February 2020
ކަލޭމެން ތިތަނަށް ނުދާނަމަ ތިކަމެއް ދިމާ ނުވާނެ