ރާއްޖޭގައި، 7.5 ޕަސެންޓަކީ އަވިން އުފައްދާ ކަރަންޓު: ރައީސް

ރާއްޖޭގައި، 7.5 ޕަސެންޓަކީ އަވިން އުފައްދާ ކަރަންޓު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.


ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ މައި ކުންފުނި، ސްޓެލްކޯ އަށް 70 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، މި ސަރުކާރުން ކަރަންޓުގެ ހިދުމަތް ދޭން ބޭނުން ވަނީ ވީހާ ވެސް ބޮޑަށް ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކޮށްގެން، ދެމެހެއްޓެނިވި ގޮތަކަށް ކަމަށެވެ.

އެގޮތުން، މިދިޔަ އަހަރު ވެސް އަވިން ކަރަންޓު އުފެއްދުމުގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި މިދިޔަ އަހަރު އެކަނި ވެސް 5.2 މެގަވޮޓުގެ ކަރަންޓު އަވިން އުފައްދާފައި ވެ އެވެ. މިއާ އެކު، މިހާރު ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 21.5 މެގަވޮޓު އުފައްދަނީ އަވިންނެވެ.

"އިތުރު 51 މެގަވޮޓުގެ ކަރަންޓު އުފެއްދުމަށް އިތުރު ރަށްރަށުގައި މި އަހަރުގެ ތެރޭގައި ސޯލާ ޕެނަލް ހަރުކުރެވޭނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ސްޓެލްކޯ އިން ހިންގާ 35 އިންޖީނުގެ އަށް އަހަރެއްގެ ތެރޭގައި 12 މިިލިއަން ލީޓަރުގެ ޑީސަލް ބޭނުން ވެ އެވެ. އަދި ހޫނު މޫސުމާ ދިމާކޮށް، ޑީސަލް ބޭނުންކުރާ މިންވަރު ކޮންމެ އަހަރަކު ވެސް ނުވަ ޕަސެންޓް އިތުރުވެ އެވެ.

ސްޓެލްކޯ އިން ހިންގާ ހުރިހާ ރަށެއް ހިމެނޭ ގޮތަށް 180 މެގަވޮޓުގެ ކަރަންޓް އުފައްދާ އިރު އޭގެ ތެރެއިން 3.14 މެގަވޮޓަކީ އިޔާދަކުރަނިވި ހަކަތަ އިން އުފައްދާ ކަރަންޓެވެ.

ރައީސް ވިދާޅުވި ގޮތުގައި، އަވިން އުފައްދާ ކަރަންޓުގެ 3.3 ކިލޯވޮޓުން ޑީސަލް ލީޓަރެއް ސަލާމަތް ކުރެވެ އެވެ. މިއާ އެކު، ދުވާލެއްގެ މައްޗަށް ސްޓެލްކޯ އިން މިހާރު ވެސް 3،500 ޑީސަލް ލީޓަރު ސަލާމަތް ކުރެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އޭގެ ނަތީޖާ އަކީ މަހެއްގެ މައްޗަށް 1.2 މިލިއަން ރުފިޔާ ސަލާމަތް ކުރެވުމެވެ.

އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ހަމައެކަނި ވަސީލަތަކީ އަވި ނޫން ކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، ވައިންނާއި އޮއިވަރުން ކަރަންޓު އުފެއްދުމަށްޓަކައި ރާއްޖޭގައި އެކަމާ ގުޅޭ ދިރާސާތައް ކުރެވެން ޖެހޭ ކަމަށެވެ.

ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލް މަދުކޮށް، އިޔާދަކުރަނިިވި ހަކަތަ އިތުރު ކުރުމަށްޓަކައި ފަސް އަހަރުގެ ހާއްސަ ޕްލޭނެއް ސްޓެލްކޯ އިން މިހާރު ވަނީ އެކުލަވާލައިފަ އެވެ.

"މި ޕްލޭނާ އެކު ކަރަންޓު އުފެއްދުމަށް ޑީސަލް ބޭނުން ކުރާ މިންވަރު ވަރަށް ބޮޑަށް ކުޑަކުރެވޭނެ. އޭރުން ތަރައްގީގެ އެހެން މަޝްރޫއުތަކަށް ބޭނުން ކުރާނެ ފައިސާ ވެސް އިތުރު ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.