ކޮވިޑް-19: މިއީ ކަންބޮޑުނުވެ، އިރުޝާދުތަކަށް އަމަލުކުރަންވީ ވަގުތު: ރައީސް

ކޮވިޑް-19 އަށް ރާއްޖެ އިން ދެ މީހަކު ޕޮޒިޓިވް ވުމުން ސަރުކާރުން އިސްކަން ދިނީ ރައްޔިތުންނާ ހަމައަށް އެ ޚަބަރު ގެނެސްދީ ހަގީގަތް ހާމަކުރަން ކަމަށާއި ނަމަވެސް މިއީ ކަންބޮޑުނުވެ، ސަރުކާރުން ދޭ އިރުޝާދުތަކަށް އަމަލުކުރަންވީ ވަގުތު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.


ރޭ ދަންވަރު ރައީސް އޮފީހުން އާންމުކުރި ހަބަރެއްގައި އެގޮތަށް ބުނީ ޅ. ކުރެއްދޫ ރިސޯޓްގައި ބޭރު ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ބޭއްވި ކެބިނެޓްގެ ކުއްލި ބައްދަލުވުމަށް ފަހު އެވެ.

ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނީ ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ އެ ބަކިން ރައްޔިތުން ސަލާމަތްކުރަން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ވަގުތުން ވަގުތަށް އެޅުމަށް ކަމަށެވެ.

ރާއްޖޭގައި ކޮރޯނާވައިރަސް އިތުރަށް ފެތުރެމުން ހިނގައިދާނެތީ، މިހާރުން މިހާރަށް ކަންކަން ގެންދާނެ ގޮތްތަކާ ބެހޭ ގޮތުން ކެބިނެޓްގައި ވަނީ މަޝްވަރާކޮށްފަ އެވެ. އެގޮތުން ގިނަ މީހުން ބައިވެރިވާ ގޮތަށް ބާއްވާ އެއްވުންތައް މަދުކޮށް، ވީހާ ވެސް ހަރަދުތައް ކުޑަކުރަން ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަން ޖެހޭ މިނިސްޓަރުން ވިދާޅުވި ކަމަށް، ރައީސް އޮފީހުން ބުނެ އެވެ.

ރާއްޖެ އަކީ ޓޫރިޒަމަށް ބަރޯސާވެފައިވާ އިގުތިސާދެއް އޮތް ގައުމެކެވެ. އެހެންކަމުން ދުނިޔޭގެ ދަތުރުފަތުރަށް އަންނަ ހުއްޓުމާއި ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ އާއި އިޓަލީން މީހުން އައުން މަނާކުރުމުން އިގުތިސާދަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަަމަށް ބެލެވެ އެވެ. އެހެންކަމުން ރާއްޖެއަށް ކުރިމަތިވާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ވެސް ކެބިނެޓްގައި ވަނީ މަޝްވަރާކޮށްފަ އެވެ.

ކުރެއްްދޫ އައިލެންޑް ރިޒޯޓްގެ ބިދޭސީ ދެ މުވައްޒަފުންގެ ފަރާތުން ކޮޑިވް-19 ގެ އަލާމާތްތައް ހުރުމުން ޓެސްޓްކުރަން ޖެހުނީ، އެ ރަށަށް ދިޔަ އިޓަލީ ޓޫރިސްޓަކު އެނބުރި އިޓަލީއަށް ދިޔަ ފަހުން، އެ ބައްޔަށް ޕޮޒިޓިވްވުމާ އެކު އެކަން އޭނާ ރިސޯޓަށް އެންގުމުންނެވެ.

އެ ދެ މުވައްޒަފުން މިހާރު ތިބީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިމެނޭ ކުރީގެ ފަރުކޮޅުފޮށީގައި ކަރަންޓީންކޮށްފަ އެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްކޮންފަރެންސްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ޕޮޒިޓިވްވި ދެ މީހުންނާ ބައްދަލުވި ފަރާތްތައް ދެނެގަނެ، ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.