އޮފީހުގެ އިސް ވެރިޔާ ސޮއިނުކޮށް އުއްތަމަ ފަނޑިޔާރަށް ލިޔުން ފޮނުވޭ ގޮތް ހަދައިފި

ސުޕްރީމް ކޯޓަށް ފޮނުވާ ސިޓީތަކާއި ލިޔުންތައް އުއްތަމަ ފަނޑިޔާރަށް އެޑްރެސް ކުރުމަށާއި އެފަދަ ލިޔުންތަކުގައި އެ އިދާރާއެއްގެ އެންމެ އިސް ވެރިޔާ ސޮއިކުރަންޖެހޭ ގޮތަށް ނެރެފައިވާ ސާކިއުލާ އާއި އެ ކޯޓުގެ ކުރީގެ ބައެއް ސާކިއުލާތައް އެ ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.


ސުޕްރީމް ކޯޓުން 2018 ވަނަ އަހަރު ނެރެފައިވާ ސާކިއުލާއެއްގައިވާ ގޮތުން އެ ކޯޓަށް ފޮނުވާ ލިޔުންތަކާއި ސިޓީތައް އެޑްރެސްކުރަން ޖެހެނީ އުއްތަމަ ފަނޑިޔާރަށެވެ. އަދި އޭގައި ސޮއިކުރަން ޖެހޭނީ އެ ފޮނުވާ އިދާރާއެއްގެ އެންމެ އިސް ވެރިޔާ އެވެ.

ސުޕްރީމް ކޯޓުން ކުރި ޓްވީޓެއްގައި ބުނީ ހުރިހާ ސިޓީތަކާއި ލިޔުންތައް އުއްތަމަ ފަނޑިޔާރަށް އެޑްރެސް ކުރަން ޖެހޭ ގޮތަށް އޮތް ސާކިއުލާ އާއި އެ ކޯޓުގެ ކުރީގެ ސާކިއުލާތަކުގެ ތެރެއިން އިތުރު ދެ ސާކިއުލާއެއް ބާތިލް ކޮށްފައިވާ ކަމަށެވެ. އެގޮތުން ރަސްމީ ސިޓީތަކުގައި ސޮއި ކުރުމާއި އެޑްރެސް ކުރުމާ ބެހޭ ސާކިއުލާ އާއި ހައި ކޯޓުގެ ހުކުމަކީ ނިިހާއީ ހުކުމެއްކަން ކަށަވަރު ކުރަންޖެހޭ ދުސްތޫރީ މައްސަލަތަކާ ބެހޭ ސާކިއުލާ ވެސް ބާތިލް ކޮށްފައިވާ ކަމަށް އެ ޓްވީޓްގައިވެ އެވެ.

ހައި ކޯޓުގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރުކުރަން ޖެހޭ ދުސްތޫރީ މައްސަލަތަކާ ގުޅޭ ސާކިއުލާ އަކީ ހައި ކޯޓުން އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގެ ބައެއް ބާތިލްކޮށްފި ނަމަ، އެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން އަންގާފައިވާ ސާކިއުލާ އެކެވެ.

މީގެކުރިން ސުޕްރީމް ކޯޓުން އެކި ކަންކަމުގައި ސާކިއުލާތައް ނެރެފައިވެ އެވެ. އޭގެ ތެރެއިން ބައެއް ސާކިއުލާތައް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންގެ ބެންޗް އޮތްއިރު ވެސް ބާތިލް ކޮށްފައިވެ އެވެ.