މިދިޔަ މަހު ދައުލަތުގެ އާމްދަނީ 12 ޕަސެންޓު އިތުރުވެ 1.4 ބިލިއަން ލިބުނު

މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 12 ޕަސެންޓް އިތުރުވެ 1.4 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.


މީރާއިން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން މިދިޔަ މަހު ލިބުނު 1.4 ބިލިއަން ރުފިޔާ އަކީ ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ ދެ ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން ބުނި ގޮތުގައި އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖާއި އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ކަމަށްވާ ބީޕީޓީ ލިބުނު މިންވަރު އިތުރުވުމެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ އާމްދަނީގެ އެންމެ ބޮޑު ޕަސެންޓެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ކަމަށްވާ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި 623 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނުއިރު ދެވަނައަށް އެންމެ ގިނައީ ބީޕީޓީގެ ގޮތުގައި ލިބުނު ފައިސާ އެވެ. އެގޮތުން ބީޕީޓީގެ ގޮތުގައި 412 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނު ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

އެ ހިސާބުތަައް ދައްކާ ގޮތުން މިދިޔަ މަހުގެ އާމްދަނީގެ ތެރެއިން 882 މިލިއަން ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 57.2 މިލިއަން ރުފިޔާ އެވެ.