ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން ހައި ކޯޓަށް ހުށަހަޅައިފި

ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް ފެތުރިފައިވާތީ، ހާލަތު ރަނގަޅު ވަންދެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހައި ކޯޓަށް ހުށަހަޅައިފި އެވެ.


މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ކޮވިޑް-19 ފެތުރިޔަ ނުދިނުމަށްޓަކައި އެޅި ފިޔަވަޅެއްގެ ގޮތުން، އަންނަ މަހުގެ 18 އަށް ފަސްކޮށްފައިވާ ކައުންސިލްތަކުގެ އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭ ގިނަ ކަންކަން މި ވަގުތަށް ހުއްޓާލާފައިވާ ކަމަށެވެ.

ގާނޫނު ބުނާގޮތުން، މިހާރު މި ހިނގާ ކައުންސިލްތަކުގެ ދައުރު ހަމަވުމުގެ މަސް ދުވަސް ކުރިން އާ ކައުންސިލަރުން އިންތިޚާބު ކުރަން ޖެހެ އެވެ. އެހެންކަމުން، މޭ މަހުގެ ތިން ވަނަ ދުވަހުގެ ކުރިން އިންތިޚާބީ ކަންކަން ނިންމަން ޖެހެ އެވެ. ނަމަވެސް މިހާރު ވަނީ އެ މުއްދަތުގައި އެ ކަންކަން ކޮށް ނިންމިދާނެ ކަމާ މެދު ސުވާލު އުފެދިފަ އެވެ. ގާނޫނު ބުނާ މުއްދަތަށް ވުރެ އިންތިޚާބު ފަސްވާ ނަމަ އީސީން ޖެހެނީ ހައި ކޯޓުގެ ލަފަޔަކަށް އެދޭށެވެ.

ޝަރީފް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން، އަންނަ މަހުގެ 18 އަށް ފަސްކޮށްފައިވާ ކައުންސިލްތަކުގެ އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭ ގިނަ ކަންކަން މި ވަގުތަށް ހުއްޓާލާފައިވާ ކަމަށެވެ.

"އިންތިޚާބު އަލުން ބާއްވާ ނަމަ އިތުރު ހަރަދުތަކެއް ދާނީ. އެއީ އަލުން އިންތިޚާބެއް ބޭއްވުމަށް ކަންތައްތަކެއް ކުރަން ޖެހުން. އެކަމަކު ވޯޓްލާ ދުވަސް ފަސްކޮށްގެން އެ ހަރަދުތަކެއް ނުދާނެ،" ޝަރީފް

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިހާތަނަށް ރާއްޖެ އިން ވަނީ ކޮވިޑް ބަލީގެ 11 މީހަކު ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައި ވެ އެވެ. ނަމަވެސް އޭގެ ތެރެއިން ބިދޭސީންނާއި ޓޫރިސްޓުންގެ އަދަދެއް އެ އިދާރާ އިން ނުބުނެ އެވެ. ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި އެޗްޕީއޭ އިން މިދިޔަ ބުރާސްފަތު ދުވަހު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފަ އެވެ.

މިހާތަނަަށް ކޮވިޑް-19 އަށް ޕޮޒިޓިވްވީ، ބިދޭސީން ނުވަތަ ޓޫރިސްޓުން ކަމަށް ވާތީ، ފިޔަވަޅުތައް ބޮޑަށް އަމާޒު ކޮށްފައި ވަނީ ރިސޯޓުތަކަށް ނުވަތަ ޖުމްލަކޮށް ޓޫރިޒަމް ދާއިރާ އަށެވެ.

އީސީގެ ރައީސް ޝަރީފް ވިދާޅުވި ގޮތުގައި ހައި ކޯޓުގައި އެދިފައި ވާނީ އެޗްޕީއޭ އިން ރާއްޖޭގެ ހާލަތު ރަނގަޅުވެއްޖެ ކަމަށް އިއުލާން ކުރާ ދުވަހުން ފެށިގެން އިންތިޚާބު ބާއްވަން 30 ދުވަހުގެ މުއްދަތެއް ދިނުމަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނިއުސް ބްރީފިންގައި އެ ކޮމިޝަންގެ ރައީސް ޝަރީފް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އޭނާ ވިދާޅުވި ގޮތުގައި، އިންތިޚާބަށް ވާން ޖެހޭ ގިނަ ތައްޔާރީތައް މިހާރު ވަނީ ނިމިފަ އެވެ. އަދި ވޯޓްލާ ދުވަސް ފަސްކުރި ނަމަވެސް އިތުރު ޚަރަދުތަކެއް ނުދާނެ ކަމަށް ވިދާޅުވި އެވެ.

"އިންތިޚާބު އަލުން ބާއްވާ ނަމަ އިތުރު ހަރަދުތަކެއް ދާނީ. އެއީ އަލުން އިންތިޚާބެއް ބޭއްވުމަށް ކަންތައްތަކެއް ކުރަން ޖެހުން. އެކަމަކު ވޯޓްލާ ދުވަސް ފަސްކޮށްގެން އެ ހަރަދުތަކެއް ނުދާނެ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ކުރިން ވިދާޅުވީ އިންތިޚާބު ފަސް ކުރާނަމަ އިތުރަށް 30 މިލިއަން ރުފިޔާ ޚަރަދު ކުރަން ޖެހޭނެ ކަމަށެވެ.

އާ ކައުންސިލަރުން އިންތިޚާބު ނުކުރެވިއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހައި ކޯޓުގައިވާ މައްސަލަ އަށް ތަދައްހުލު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އަންނަ މަހުގެ 18 ގައި އިންތިޚާބު ބާއްވައިފި ނަމަ ކެމްޕެއިން ކުރަން އެކަށީގެންވާ މުއްދަތު ނުލިބޭތީ ސިޔާސީ ޕާޓީތަކުން ޝަކުވާ ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އާއްމު އެއްވުންތައް މަނާކޮށް ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ އަންނަ މަހުގެ 11 އާ ހަމައަށެވެ. އެހެންކަމުން އެ މަހުގެ 18 ގައި އިންތިޚާބު ބާއްވާނަމަ ކެމްޕެއިން ކުރަން ލިބޭނީ މަދު ދުވަސްތަކެކެވެ.

ކޮވިޑް-19 އާ ގުޅިގެން ކެމްޕެއިން ހަރަކާތްތައް ވެސް ހުރިހާ ޕާޓީއަކުން ވަނީ ހުއްޓާލާފަ އެވެ. ގިނަ ކެންޑިޑޭޓުން މިހާރު ކެމްޕެއިން ކުރަމުން އަންނަނީ ސޯޝަލް މީޑިއާގަ އެވެ.