ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުން މިއަދު ވެސް ކެންސަލްކޮށްފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބަށް ހަތް ދައުވާއެއް ދައުލަތުން ކްރިމިނަލް ކޯޓުގައި ކުރެ އެވެ. އެއީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާއެއްގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެކެވެ.
އެ މައްސަލަތަކުގެ ޝަރީއަތް މިއަދު މެންދުރު ބާއްވަން ހަމަޖެއްސުމަށް ފަހު ކެންސަލްކުރީ މިދުވަސްވަރު ނުރަސްމީ ގަޑީގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ނޫނީ ނުކުރަން ނިންމާފައި ވާއިރު، އެ ޝަރީއަތް ނުރަސްމީ ގަޑިއަކާ ދިމާވުމުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ނުރަސްމީ ގަޑީގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ނޫނީ ނުކުރަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން(ޑީޖޭއޭ) އިން އިއްޔެ ވަނީ ކޯޓުތަކަށް އަންގައިފަ އެވެ.
އަދީބުގެ ޝަރީއަތް މިއަދު ކެންސަލް ކުރިއިރު، މީގެކުރިން ވެސް އެ މައްސަލާގެ އަޑުއެހުންތައް ކެންސަލް ކޮށްފައިވެ އެވެ.
ތަފާތު ތިން މައްސަލައެއްގައި އަދީބު 33 އަހަރަށް ޖަލަށްލާން ކުރިން ހުކުމް ކުރިޔަސް، ފަހުން މަތީ ކޯޓުތަކުން ވަނީ އެ ހުކުމްތައް ބާތިލްކޮށްފަ އެވެ.