ކޯޓުން ބޭރުގައި ކައިވެނިކޮށް ދިނުމާއި ބަންދު ދުވަސްތަކުގައި ކައިވެނިކޮށް ދިނުން މަޑުޖައްސާލައިފި

ކޮރޯނާ ވައިރަސްއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކޯޓުން ބޭރުގައި ކައިވެނިކޮށް ދިނުން މަޑުޖައްސާލުމަށާއި ބަންދު ދުވަސްތަކާއި ނުރަސްމީ ގަޑިތަކުގަައި ވެސް އާންމު އުސޫލުން ކައިވެނިކޮށް ނުދޭން ފެމިލީ ކޯޓުން ނިންމައިފި އެވެ.


ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުމާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ދަނީ އަޅަމުންނެވެ. އެހެންވެ، ކޯޓުތަކުން ވެސް ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތަކެއް އަޅަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވެސް އިއްޔެ ވަނީ އަންގައިފަ އެވެ.

ޑީޖޭއޭގެ އެ އެންގުމާ ގުޅިގެން ފެމިލީ ކޯޓުން މިހާރު ނިންމާފައިވަނީ ކޯޓުން ބޭރުގައި ކައިވެނިކޮށް ދިނުން މަޑުޖައްސާލުމަށާއި ބަންދު ދުވަަސްތަކުގައި ކައިވެނިކޮށް ނުދިނުމުގެ އިތުރުން އާންމު އުސޫލުން ނުރަސްމީ ގަޑީގައި ކައިވެނިކޮޮށް ނުދޭން ވެސް ވަނީ ނިންމައިފަ އެވެ. އެކަމަކު ކޯޓުން ބޭރުގައި ކައިވެނިކޮށްދޭނެ ކަމުގެ ލިޔުން ދޫކޮށްފައިވާ ތިބި ފަރާތްތަކުން ބޭނުންވާ ނަމަ، އެ ކައިވެނިތައް ކޯޓުން ބޭރުގައި ކޮށްދޭން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ކޯޓުގައި ކައިވެނި ކުރާއިރު ވެސް، ހާޒިރުވާން ޖެހޭ މީހުން ފިޔަވައި އިތުރު މީހުންނަށް ކައިވެނީގެ މަޖިލީހަށް ނުވަދެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި އެއް މަޖިލީހަކަށް ގިނަ މީހުން ނުވައްދާ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށާއި ކައިވެންޏަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް ވެސް މަޑުޖައްސާލުމަށް ފަހު، އެ ޕްރޮގްރާމްގެ ލިޔުންތައް ކައިވެނިކުރާ މީހުންނަށް ފޮނުވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ކައިވެންޏަށް ފޯމް ހުށަހަޅާއިރު، ފޯމްގެ މައުލޫމާތު ވަގުތުން ޗެކް ކުރުމުގެ ބަދަލުގައި، ސްލިޕެއް ދޫކުރުމަށް ފަހު މައުލޫމާތު ފަހުން ޗެކް ކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އަދި ފޯމްގެ މައުލޫމާތު ފުރިހަމަ ނުވާ ނަމަ، އެކަން އިސްލާހު ކުރުމަށް 24 ގަޑިއިރުގެ ތެރޭގައި ފޯނުން އެންގުމަށާއި ފޯމްގެ ފީ އާއި ރަޖިސްޓްރޭޝަން ފީ އެއްކޮށް ދައްކަން ޖެހޭ ގޮތަށް ވެސް ފެމިލީ ކޯޓުން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ގޭގެއަށް ގޮސް ހަދަންޖެހޭ އެސެސްމަންޓްތައް ވެސް، ކޮންމެހެން ހަދަންޖެހޭ ހާލަތްތައް ފިޔަވައި، އެހެން ހާލަތްތަކުގައި 14 ދުވަހަށް މަޑުޖައްސާލުމަށާއި ސުލްހައިގެ މަޖިލިސްތައް ވެސް މިދުވަސްވަރު އާންމު އުސޫލުން މެދުކަނޑާލަން ވަނީ ނިންމައިފަ އެވެ. އެކަމަކު ތިން މަސް ހަމަވާން ގާތްވެފައިވާ މައްސަލަތަކާއި ގެވެށި އަނިޔާގެ މަައްސަލަތަކުގައި ސުލްހައިގެ މަޖިިލިސް ކުރިއަށް ގެންދާނެ ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.

ލިޔުންތަކާއި ފައިސާ ބަލައިގަތުމުގައި ވެސް މުވައްޒަފުން އަންގި ލެއްވުމާއި ސޯޝަލް މީޑިއާ މެދުވެރިކޮށް، ކޯޓަށް ހާޒިރުވުމުގެ އަމުރު ހަވާލުކުރަން ވެސް ނިންމާފައިވާ ފެމިލީ ކޯޓުން ބުންޏެވެ.

ކޮރޯނާ ވައިރަސް ހުރި 13 މީހަކު ރާއްޖެއިން މިހާތަނަށް ފެނިފައިވާއިރު، ރިސޯޓްތަކަށް ދަތުރު ކުރުން އާންމު އުސޫލުން މަނާކޮށް، ފަތުރުވެރިންނާއި ރިސޯޓްތަކުގެ މުވައްޒަފުން ވެސް ރަށްރަށަށް އެރުން ވަނީ މަނާކޮށްފަ އެވެ. އަދި ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވާސިޓީތައް ވެސް ވަކި މުއްދަތަކަށް ވަނީ ބަންދުކޮށްފަ އެވެ.