މީހަކު އަތަށް ފައިސާ ދެނީ: އޮޅުވާލައިގެން ފައިސާ ހޯދުމުގެ ހަރަކާތްތަކެއް ބައިނަލްއަގްވާމީ ފެންވަރެއްގައި ކުރަމުންދާތީ އެކަމަށް ސަމާލުވާން ވަނީ އެދިފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
16 މާޗް 2020 - 15:27
ކޮރޯނާ ވައިރަސްއާ ގުޅިގެން އޮޅުވާލައިގެން މީހުންގެ އަތުން ފަައިސާ ހޯދުމުގެ ހަރަކާތްތަކެއް ބައިނަލްއަގްވާމީ ފެންވަރެއްގައި ކުރަމުންދާތީ އެކަމަށް ސަމާލުވާން ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ކޮރޯނާ ވައިރަސްއާ ގުޅިގެން އާންމުން ކަންބޮޑުވުމެއްގައި ތިއްބާ އިންޓަނެޓް މެދުވެރިކޮށް އޮޅުވާލައިިގެން ފައިސާ ހޯދުމުގެ ހަރަކާތްތަކެއް ދުނިޔޭގައި މިހާރު ހިންގަމުންދާ ކަމުގެ މައުލޫމާތު ބައިނަލްއަގްވާމީ ފުލުހުންގެ ޖަމްއިއްޔާ ކަމަށްވާ އިންޓަޕޯލް އިން ދީފައިވާ ކަމަށެވެ. އެގޮތުން އިންޓަނެޓް މެދުވެރިކޮށް ފޭކް ފިހާރަތަކާއި ވެބްސައިޓްތަކާއި އީމެއިލް އެކައުންޓްތައް އިތުރުވެފައިވާ ކަމަށް އިންޓަޕޯލް އިން ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެގޮތަށް ގިިނަ ފައިސާތަކެއް އާންމުންގެ އަތުން އޮޅުވާލައިގެން އަތުލަމުންދާ ކަމަށާއި އަދި ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގެ ނަމުގައި މީހުންނަށް ގުޅައި، އެ މީހުންގެ އާއިލާގެ މީހެއްގެ ގައިން އެ ވައިރަސް ފެނުނު ކަމަށް ބުނެ ފަރުވާ ކުރަން ފައިސާ ހޯދަން އުޅުމާއި އަދި ސިއްހީ މާހިރުންގެ ނަމުގައި މީހުންގެ ޒާތީ މައުލޫމާތާއި ޕޭމަންޓް މައުލޫމާތުތައް ހޯދަން ވެސް އެދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ބަޔާނުގައި ފުލުހުން އެދިފައިވަނީ އޮންލައިންކޮށް އެއްޗެހި ގަތުމުގައި އެ ތަކެތި ވިއްކާ ފަރާތްތައް ކަށަވަރު ކުރުމަށާއި އެއީ ސައްހަ ވެބްސައިޓެއްތޯ ބެލުމަށާއި އަދި ކުންފުނި ހުރި ގައުމުގެ ބޭންކް އެކައުންޓް ނޫން އެހެން ގައުމެއްގެ އެކައުންޓަކަށް ފައިސާ ފޮނުވަން އެދޭ ނަމަ، އެކަން ފުލުހުންގެ ސަމާލު ކަމަށް ގަންނަން ވެސް ފުލުހުން އެދިފައިވެ އެވެ. އަދި އެފަދަ އީމެއިލްތައް ނުހުޅުވުމާއި އެއަށް ޖަވާބު ނުދިނުމަށް ވެސް ފުލުހުން އެދިފައިވެ އެވެ.
ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް މިހާތަނަށް 170،000 އަށް ވުރެ ގިނަ މީހުންގެ ގައިން ވަނީ ފެނިފަ އެވެ. އަދި 6،500 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު، ރާއްޖެއިން ވެސް މިހާތަނަށް ވަނީ އެ ވައިރަސް ހުރި 13 މީހަކު ފެނިފަ އެވެ. އެކަމާ ގުޅިގެން ރާއްޖޭގައި ވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޚާއްސަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޝާމް
17 March 2020
ފޮރެކްސްއަކީ ބޮޑު އޮޅުވާލުމެއް
ހަގިއްޔަތު
16 March 2020
އޮޅުވައިލުމާއި، މަކަރުހެދުމާއި، ދޮގުހެދުން، ދުނިޔޭގަމިއޮތީ ޢާންމުވެފައެވެ. ވެރިން ރައްޔިތުންނަށް އެބައޮޅުވާލައެވެ. ފަހުގެ މިސާލަކަށް ބަލާލައިފިނަމަ، އެމްއެމްޕީއާރުސީގެމައްސަލައަކީ އިހަކަށްދުވަހުގެ މިސާލެކެވެ. ދައުލަތުގެ ބޭތުލްމާލަށްވާގޮތް ބަލަހައްޓަން ޙަވާލުކޮށްފައިހުރިމީހާ އެވާކަދެއްކުމުން ވީގޮތާއި، ކަންހިނގިގޮތާއި، އެކަން މިހާރުހިނގަމުންދާގޮތަކީ ރައްޔިތުންނަށް ނުފެންނަ، އޮޅިފައޮތްކަމެއްނޫނެވެ!