އޮންލައިން ބޭސް ސިޓީތަކަށް އާސަންދައިން ބޭސް ލިބޭނެ

އޮންލައިންކޮށް ޑޮކްޓަރަށް ދައްކާފައި ދޭ ބޭސް ސިޓީތަކަށް އާސަންދަ މެދުވެރިކޮށް ބޭސް ލިބޭނެ ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފި އެވެ.


އޭޑީކޭ ހޮސްޕިޓަލުން ތައާރަފްކުރި އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުގެ ވަސީލަތް މެދުވެރިކޮށް ޑޮކްޓަރުން ދޭ ބޭސް ސިޓީތަކަށް އާސަންދަ މެދުވެރިކޮށް ބޭސް ނުލިބޭކަމުގެ ޝަކުވާ ބައެއް މީހުން ދަނީ ކުރަމުންނެވެ.

"މިހާރު" އާ ވާހަކަދައްކަވަމުން އާސަންދަ ކުންފުނީގެ މީޑިއާ ކޯޑިނޭޓަރު އާޝިއާ ސޯލިހު ވިދާޅުވީ މިގޮތަށް ޑޮކްޓަރަށް ދެއްކުމަށް ފަހު ލިބޭ އޮންލައިން ބޭސް ސިޓީތަކަށް އާސަންދަ މެދުވެރިކޮށް ބޭސް ލިބޭނެ ކަމަށެވެ.

އެކަމަކީ މަޝްވަރާ ކުރުމަށް ފަހު ހުރިހާ ފާމަސީތަކަކަށް އަންގާފައިވާ ކަމެއް ކަމަށާއި އެކަން އެގޮތަށް ކުރެވޭނެ މަގު ވެސް ފަހިކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއަދުގެ ވަގުތެއްގައި އެކަން ރަސްމީކޮށް ލިޔުމުން އަންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންނަމަވެސް ބައެއް ފާމަސީތަކުން އެ އެންގުމާ ޚިލާފުވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެފަދަ ކަމެއް ދިމާވެއްޖެ ނަމަ އާސަންދަ ކުންފުންޏަށް ފާމަސީގެ ނަމާ އެކު ރިޕޯޓުކުރުމަށް އާޝިއާ އެދިވަޑައިގަތެވެ. އަދި

އޭނާ ވިދާޅުވީ މި ދަނޑިވަޅުގައި މީހުން އެއްވާ ތަންތަނަށް ނުދާން އަންގައި، ހޮސްޕިޓަލްތަކަށް ވެސް ދިއުން މަދުކޮށް އަދި ކޮންމެހެން ދާން މަޖުބޫރު ހާލަތެއްގައި ނޫނީ ނުދާން އަންގާފައިވާއިރު އޭޑީކޭއިން ފަށާފައިވާ މި ހިދުމަތަކީ ވަރަށް ރަނގަޅު ހިދުމަތެއް ކަމަށެވެ.

އޭޑީކޭގެ އާ އިމާރާތް:-- މިހާރު ފޮޓޯ: ނިޝާން އަލީ

ހޮސްޕިޓަލަށް މީހުން ދިއުން މަދުކުރުމަށްޓަކައި އޭޑީކޭއިން އޮންލައިން ފްލޫ ކްލިނިކްގެ ހިދުމަތް ދޭން ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެންނެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 8:00 ގެ ނިޔަލަށް 3313553 ނަންބަރަށް ގުޅައި އެޕޮއިންޓަމަންޓް ހެއްދޭނެ ކަމަށާއި ކިއު ތަރުތީބުން ކްލިނިކްގެ ޑޮކްޓަރެއް ގުޅުއްވައި، ބަލީގެ ތަފްސީލުތައް ހޯއްދަވާނެ ކަމަށް އޭޑީކޭއިން ބުނެފައިވެ އެވެ.

އަދި ގޭގައި ތިބެގެން ބޭސް ސިޓީ ވެސް ލިބޭނެ ގޮތް އޭޑީކޭއިން ވަނީ ހަމަޖައްސައިފަ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ބޭސް ސިޓީތައް ފޯރުކޮށްދެމުން އަންނަނީ ވައިބާ މެދުވެރިކޮށެވެ.

ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ 13 ކޭސް މިހާތަނަށް ރާއްޖެއިން ފެނިފައިވާއިރު އަދި އެ ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ހަމަ އެކަނި ޓޫރިސްޓުންނާއި ރިސޯޓުތަކުގެ ބިދޭސީ މުވައްޒަފުންނެވެ. ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ނުވަ މީހުންނަކީ އިޓަލީ ޓޫރިސްޓުންނެވެ.