ކުރެއްދޫ އައިލެންޑު ރިސޯޓު: އެރިސޯޓްގައި ކަރަންޓީން ކުރި މީހުންގެ ތެރެއިން 32 މީހުން މިހާރު ވަނީ ދޫކޮށްލާފައި.
20 މާޗް 2020 - 14:18
ކޮވިޑް-19 އަށް ރާއްޖޭން ބަޔަކު ފުރަތަމަ ޕޮޒިޓިވްވި ކުރެއްދޫ އައިލެންޑް ރިސޯޓުގައި ކަރަންޓީނު ކުރި މީހުންގެ ތެރެއިން 14 ދުވަހުގެ މުއްދަތު ހަމަވުމުން ދޫކޮށްލައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކުރެއްދޫން ކަރަންޓީނުގެ މުއްދަތު ހަމަވި 32 ބިދޭސީން ދޫކޮށްލީ މިހާރު އަމަލުކުރަމުން އަންނަ އުސޫލުން ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާރަށް ފެތުރެމުންދާ ކޮވިޑް-19 ގެ ރާއްޖޭގެ ފުރަތަމަ ކޭސް ފެނުނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ.
ކޮވިޑް-19 އަށް ކުރެއްދޫން ބަޔަކު ޓެސްޓްކުރީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކޮށްފައި އެނބުރި ގައުމަށް ދިޔަ އިޓަލީ މީހަކު އެ ބައްޔަށް ޕޮޒިޓިވް ވުމުން އޭނާ އެކަން އެންގި ހިސާބުންނެވެ. އިޓަލީގެ އެ މީހާ އަށް ރިސޯޓްގައި ފަރުވާދިން ޑޮކްޓަރާއި ނަރުސް ފަހުން އެ ބައްޔަށް ޕޮޒިޓިވް ވި އެވެ. އެހެންވެ ރިސޯޓަށް އަރައި ފޭބުން މަނާކޮށް، މުޅި ރަށް ކަރަންޓީނު ކުރި އެވެ.
ރާއްޖެ އަށް ބަލި ފެތުރުމުގަައި ކުރެއްދޫގެ މެނޭޖްމަންޓްގެ އިހުމާލެއް އޮތް ކަަމަށް މިހާރު ވަނީ ތުހުމަތު ކުރެވިފަ އެވެ.
އިޓަލީގެ ޓޫރިސްޓް ރާއްޖޭގައި ހުރިއިރު އެ ވައިރަސްގެ އަލާމާތްތައް އޭނާގެ ކިބައިން ފެނުނަސް، ކުރެއްދޫ ރިސޯޓުން އެކަން ކަމާ ބެހޭ އިދާރާތަކަށް އަންގާފައި ނުވާ ކަމަށް ފުލުހުން ފުުލުހުން އިއްޔެ ބުންޏެވެ.
ގިނަ ގައުމުތަކެއްގައި ބާރަށް ފެތުރޭ ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް ނެގީ 517 ސާމްޕަލެކެވެ. އޭގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވީ 13 މީހެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަލި ޖެހުނު މީހުންގެ އަދަދު މިއަދު ވަނީ 245،00 އަށް ވުރެ މައްޗަށް އަރައިފަ އެވެ. ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 10،000 އަށް އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރަންޖީި ހާޖީ
20 March 2020
ހުރިހާކުދިންނަށް މަރުހަބާ! ބަސްއަހައިގެން އުޅޭން ހަނދާންކުރާތި.