އިތުރު ބައެއް ތަކެތިން ވެސް ޑިއުޓީ ކަނޑާލައިފި

ކޮރޯނާ ވައިރަސްއާ ގުޅިގެން އިތުރު ބައެއް ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލައިފި އެވެ.


ދުނިިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުމާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. އެކަމާ ގުޅިގެން ކުރިން އޮތީ ސާޖިކަލް މާސްކާއި ހޭންޑް ސެނިޓައިޒާ އިން ވެސް ޑިއުޓީ ކަނޑާލައިފި އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި އެތެރެކުރާ ތަކެތީގެ ތެރެއިން އަލަށް ޑިއުޓީ މައާފްކުރަން ނިންމީ ޕްރޮޓެކްޓިވް މާސްކާއި ފޭސް ޝީލްޑާއި ޕްރޮޓެކްޓިވް އަންގި އާއި ހޭންޑް ވޮޝް އަދި ޑިސް އިންފެކްޓެންޓް އިންނެވެ.

އިމްޕޯޓް އެކްސްޕޯޓް ގާނޫނު އޮންނަ ގޮތުން ބައެއް ކަންކަމާ ގުޅިގެން ރާއްޖެ އެތެރެކުރާ ބައެއް މުދަލުން ޑިއުޓީ ނުނަގަން ނިންމުމުގެ ބާރު ރައީސަށް އޮންނާނެ އެވެ.

ކޮރޯނާ ވައިރަސް ހުރި 13 މީހަކު ރާއްޖެއިން ފެނުނަސް، އޭގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ފަރުވާއަށް ފަހު ރަނގަޅުވެފަ އެވެ. އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނުނަސް، ބައެއް ގައުމުތަކުން މީހުން އައުން މަނާ ކުރުމާއި ފަތުރުވެރިން ރަށްރަށަށް އެރުވުން މަނާ ކުރުމުގެ އިތުރުން ސްކޫލްތަކާއި އޮފީސްތައް ވެސް ވަގުތީ ގޮތުން ވަނީ ބަންދުކޮށްފަ އެވެ.