ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާރަށް ފެތުރޭ، ކޮވިޑް-19 ޖައްސާ ކޮރޯނާ ވައިރަހަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އަލަށް ޕޮޒިޓިވް ވި 50 މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނިއްޖެ އެވެ.
އެ ގައުމުގައި ކޮރޯނާވައިރަހަށް އަލަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ރާއްޖެއާ އެކު މި ސަރަހައްދުގެ އެހެން ބައެއް ގައުމުތަކުގެ މީހުން ވެސް ހިމެނެ އެވެ.
ޔޫއޭއީގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ޚަލީޖް ޓައިމްސް އިން އެ ގައުމުގައި މިއަދު އަލަށް އިއުލާނު ކުރި، ކޮރޯނާ ވައިރަހުގެ 50 މީހުންގެ ތެރޭގައި ހިމެނެނީ މީގެ ކުރިން އެ ގައުމުން ބަލި ޖެހުނު މީހުންނާ ކޮންޓެކްޓްވި މީހުންނާއި ބޭރު ގައުމުތަކުން އައި މީހުންނެވެ. ރާއްޖޭގެ މީހާ ހިމެނެނީ އޭގެ ތެރެއިން ކޮން ބައެއްގެ ތެރޭގައި ކަމެއް ނުބުނެ އެވެ.
މިއަދު އިއުލާނު ކުރި މީހުންނާ އެކު ޔޫއޭއީގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 248 އަށް އަރައިފަ އެވެ. އެ ގައުމުގައި ވެސް ބަލި ޖެހުނު މީހުން ރަނގަޅުވަމުން އަންނަ އިރު، ހަތަރު މީހަކު ރަނގަޅުވިކަން ވެސް މިއަދު އިއުލާނުކުރި އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާރަށް ފެތުރެމުންދާ ކޮވިޑް-19 ގެ 13 ކޭހެއް ރާއްޖޭން މިހައިތަނަށް ފެނުނަސް މިހައިތަނަށް ދިވެއްސަކު އެބައްޔަށް ޕޮޒިޓިވްވި މިއީ ފުރަތަމަ ފަހަރެވެ.
މިކަމާ ބެހޭ ގޮތުން ސަރުކާރުން ބުނީ އެކަން ބަލަމުން އަންނަ ކަމަށާއި އެކަން މިހާތަނަށް އެ ގައުމުން ރާއްޖެ އަންގާފައި ނުވާ ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮރޯނާވައިރަހަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިއަދު ވަނީ 400،000 އަށް އަރައިފަ އެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދަކީ 17,507 އެވެ.