ދުވަސްވީ މީހެއް: ދުވަސްވީ މީހުންނާ ގުޅޭ މައުލޫމާތު އެއްކުރަނީ އެކަމާ ގުޅޭ އެހެން އިދާރާތަކުން ކަމަށް މިނިސްޓްރީން ބުނި - ފޮޓޯ: ހުސައިން ވަހީދު/ މިހާރު
25 މާޗް 2020 - 14:15
އުމުރުން ދުވަސްވީ މީހުންގެ މައުލޫމާތު، އެކަމާ ގުޅޭ އިދާރާތަކުން އެއްކުރަން ފެށުމާ ގުޅިގެން، ޓުވިޓާ މެދުވެރިކޮށް އެ މައުލޫމާތު ހޯދުމަށް ޖެންޑާ މިނިސްޓްރީން އިއްޔެ ފެށި މަސައްކަތް މިއަދު ހުއްޓާލައިފި އެވެ.
ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އިން އެންމެ ބޮޑު އަސަރެއް ކުރަނީ އުމުރުން ދުވަސްވީ މީހުންނަށެވެ. އެހެންވެ، އިމަޖެންސީ ހާލަތެއްގައި އެ މީހުންނަށް އަވަސްކަމާ އެކު ހިދުމަތް ދިނުމަށްޓަކައި، މައުލޫމާތު އެއްކުރަން ޓްވިޓާ މެދުވެރިކޮށް ޖެންޑާ މިނިސްޓްރީން އިއްޔެ ފޯމެއް ދައުރުކުރި އެވެ.
ނަމަވެސް މި މަސައްކަތް މިކަމާ ގުޅޭ އިދާރާތަކުން ކުރަން ފެށުމުން އެ ފޯމު މިހާރު ވާނީ ނަގާފައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އުމުރުން ދުވަސްވީ މީހުންގެ މަޢުލޫމާތު އެކަމާ ގުޅުން ހުރި ސަރުކާރުގެ އިދާރާތަކުގެ އެހީތެރިކަމާއެކު ހޯދުމުގެ މަސައްކަތް މި ވަގުތު ކުރެވެމުންދާތީ، މިނިސްޓްރީން ޓުވިޓަރ މެދުވެރިކޮށް އިއްޔެ ދައުރުކުރެވުނު ފޯމުގެ މަސައްކަތް ހުއްޓާލެވިފައިވާ ވާހަކަ ދެންނެވީމެވެ.
— Ministry of Gender, Family and Social Services (@MoGFSSmv) March 25, 2020
ޖެންޑާ މިނިސްޓްރީން މަސައްކަތް ކުރީ އުމުރުން ދުވަސްވީ މީހުންގެ އުމުރާއި އެ މީހުންގެ ދިރިއުޅުމުގެ ހާލަތުގެ އިތުރުން އެ މީހުންގެ ސިއްހަތާ ގުޅޭ މައުލޫމާތު އެއްކުރުމަށެވެ. މިނިސްޓްރީއާ އެކު ހިއްސާ ކުރާ މައުލޫމާތެއް އެއްވެސް އިތުރު ފަރާތަކަށް ހިއްސާ ނުކުރާނެ ކަމެއް ކަމަށް ވެސް އެތަނުން އިއްޔެ ބުންޏެވެ.
ފަރުވާއެއް މިހާތަނަށް ހޯދިފައިވާ ނުވާ ކޮވިޑް ބަލިން ރައްކާތެރިވާން އެޅޭނެ އެންމެ އެކަށީގެންވާ ފިޔަވަޅަކީ އަމިއްލަ ސާފުތާހިރުކަން ދަމަހައްޓައި، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމެވެ. މި ބަލި ރާއްޖެއިން ފެނުނު ފަހުން، ރާއްޖެ އޮތީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތެއްގައި ކަމަށް މި މަހު 12 ގައި ސަރުކާރުން އިއުލާން ކުރި އެވެ. އަދި މީހުން އެއްވެ އުޅުން މަދުކުރުމަށްޓަކައި ސްކޫލްތަކާއި ސަރުކާރު އޮފީސްތަކުގެ އިތުރުން ޖިމް ފަދަ ތަންތަން ވެސް ވަނީ ބަންދުކޮށްފަ އެވެ.
މި ބައްޔަށް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި 13 މީހުންނަކީ ރިސޯޓުތަކުގެ ބިދޭސީ މުވައްޒަފުން/ޓޫރިސްޓުންނެވެ. އޭގެ ތެރެއިން ފަސް މީހަކު ބަލިން ރަނގަޅުވި ނަމަވެސް ދުނިޔޭގައި މި ބަލި އަންނަނީ އަދިވެސް ބާރުމިނުގައި ފެތުރެމުން ކަމަށް ވުމުން، މިކަމާ މެދު ގެންގުޅޭ ސަލާމަތީ ފިޔަވަޅުތައް އަދިވެސް ދަމަހައްޓަން ޖެހޭނެ ކަމަށް ސަރުކާރުން އަންނަނީ ތަކުރާރު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަތްކައްކާ
25 March 2020
ނެޝަނަލް ރެޖިސްޓްރޭޝަން މީ ކީއްކުރަން އޮންނަ ތަނެކޯ؟ އެމީހުންއަތުގަ ހުންނާނެ ދޯ ތިކަހަލަ އިންފޯ؟
އާއިޒް
25 March 2020
ވުޒާރާތަކުގެ ކޯޑިނޭޝަން ނެތް ކަން މި ފެންނަނީ
ރަދީފްް
25 March 2020
ޖެންޑާމިނިސްޓްރީން އެއްވެސް ކަމެއް ރަނގަަޅަކަށް ނުކުރެވޭ! އެޓީމަކީވެސް އެވަރުގެ ގާބިލުކަމެއް އޮތް ޓީމެއްކަމަށް ނުބެލެވޭ! ކުޑަކުދިންގެ ކަންކަން ހަމަޔކަށް އަޅުވަން ނޭނގުނުބަޔަކު ކޮން މުސްކުޅި ދުވަސްވީމީހުންގެ ކަންކަމެއްތޯ ހައްލައް އަޅުވާނީ. މިނިސްޓަރަށް ނަންނޯޓް ހަފަރުކުރިއަސް އެއްމަސްވާއިރު ނުގުޅާތަނެއް.
ހައުލާ
25 March 2020
ސްޓުޕިޑިޓީ ޓު ދަ މެކްސް. ސާބަހޭ ޖެންޑަރ.