އިތުރު އެއް ހަފުތާ އަށް ބަންދު، އޮން އެރައިވަލް ވިސާ ކެންސަލް ކުރަނީ

ކޮރޯނާވައިރަސްއާ ގުޅޭ ގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޚާއްސަ ނިއުސް ކޮންފަރެންސެއް މިއަދު ހަވީރު ބާއްވަވަން ނިންމަވައިފި އެވެ.


މި ނިއުސް ބްރީފިން އޮންނާނީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގާ ދަރުބާރުގޭގައި މިއަދު ހަވީރު 4:45 ގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މިއީ، ރާއްޖެ އިން ކޮވިޑް ބަލީގެ މީހުން ފެނުނު ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބާއްވަވާ ފުރަތަމަ ނިއުސް ބްރީފިން އެވެ. އެކަަމަކު، އެ މަނިކުފާނު ވަނީ މި މަހުގެ 12 ވަނަ ދުވަހު، އެކަމާ ގުޅޭ ގޮތުން ގައުމާ މުޚާތަބު ކުރައްވައިފަ އެވެ. އެއީ، ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށްޓަކައި ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރި ދުވަސް ވެސް މެ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން، ރައީސް ގައުމާ މުޚާތަބު ކުރެއްވި ދުވަހު ވަނީ އިގްތިސޯދީ ގޮންޖެހުންތަކާއި އެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ.

ކޮވިޑް ބައްޔާ ގުޅޭ ގޮތުން، ރައީސް ކޮންމެ ދުވަހަކު މީޑިއާ ބްރީފިން ނުބޭއްވެވި ނަމަވެސް ސަރުކާރުގެ ފަރާތުން ތަރުޖަމާނެއްގެ ގޮތުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވަނީ ހަމަޖައްސައިފަ އެވެ. އޭނާ ގެންދަވަނީ ދުވާލަކު ދެ ފަހަރު ނޫސްވެރިންނާ ބައްދަލުކުރައްވައި ކޮވިޑާ ގުޅޭ މައުލޫމާތު އާންމު ކުރައްވަމުންނެވެ.

ރާއްޖެ އިން މިހާތަނަށް 13 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު ފަސް މީހަކު ވަނީ ރަނގަޅުވެފަ އެވެ.