ކޮރޯނާވައިރަހަށް ޝައްކުވާ ޓޫރިސްޓެއް ފެނިގެން ކޮއްދިއްޕަރު މޮނިޓަރިން އަށް

މާލެ އަތޮޅުގައި އޮންނަ ގްރޭންޑް ޕާކް ކޮއްދިއްޕަރު މޯލްޑިވްސްގައި ހުރި ޓޫރިސްޓެއްގެ ކިބައިން، ކޮރޯނާވައިރަހުގެ އަލާމާތްތަކެއް ފެނިގެން، އެ ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.


ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނި ގޮތުގައި ޝައްކުވާ އެ ޓޫރިސްޓު މީހާ ޓެސްޓުކުރަން ސާމްޕަލް ނަގައި އޭނާ ހުރީ އެތަނުގައި އެކަހެރިކޮށްފަ އެވެ. އަދި އިތުރަށް ބެލުމަށް ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.

ޝައްކު ކުރެވޭ ބިދޭސީއަކު ފެނިގެން ސިނަމަން ހަކުރާހުރާ ރިސޯޓު ވެސް ރޭ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. މީގެ ކުރިން ވެސް އެ ރިސޯޓު ވަނީ ޝައްކުވާ މީހަކު ފެނިގެން ބަންދުކޮށްފަ އެވެ.

ހަކުރާހުރާ ރިސޯޓު މީގެ ކުރިން ބަންދުކުރީ، ޓޫރިސްޓަކު ކޮވިޑް ބަލީގެ އަލާމާތްތަކަށް ޝައްކު ކުރެވިގެން، އެ މީހާ އެ ބައްޔަށް ޓެސްޓް ކުރުމަށެވެ. އަދި އެ ޓޫރިސްޓް މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި ކަމަށް ބެލެވިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ 62 މުވައްޒަފުން އެކަހެރިކޮށްފައިވެ އެވެ.

ނަމަވެސް ހަކުރާ ރިސޯޓުން ކޮވިޑަށް ޝައްކު ކުރެވުނު މީހާގެ ޓެސްޓު ނެގެޓިވް ވުމުން އެ އެންމެން ވަނީ އައިސޮލޭޝަނުން ދޫކޮށްލައިފަ އެވެ.

މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން އަށް މީހުން ވަނީ ރަނގަޅުވެފަ އެވެ. ބާކީ ތިބީ ފަސް މީހެކެވެ. އެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ސަރުކާރުން ބުނެ އެވެ.