ކޮވިޑް-19: ރާއްޖެ އިން ފުރަތަމަ ފަހަރަށް ދިވެއްސަކު ޕޮޒިޓިވްވެއްޖެ

ރާއްޖެއިން ފުރަތަމަ ފަހަރަށް ދިވެއްސަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.


މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރާއްޖެ އިން ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ އިނގިރޭސިވިލާތުން މި މަހުގެ 22 ވަނަ ދުވަހު ރާއްޖެ އައި 38 އަހަރު މީހެއް ކަމަށެވެ. އޭނާ ރާއްޖެ އައި ދުވަހުން ފެށިގެން އޭނާ ހުރީ ހޮލިޑޭ އައިލެންޑް ކަރަންޓީން ފެސިލިޓީގައި ކަމަށާއި ޝައްކުވާ އަލާމާތެއް ފެނިގެން ޓެސްޓްކުރީ މިދިޔަ ބުދަ ދުވަހު ކަމަށާއި ނަތީޖާ ލިބުނީ މިއަދު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާ ކަރަންޓީނަށް ގެންދިއުމާ ހަމައަށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ކުރިއަށް ދާ ކަމަށް އަމީން ވިދާޅުވި އެވެ.

"މިހާރު މަސައްކަތް ހިނގަމުންދާނެ އޭނާގެ ކޮންޓެކްޓް ޓްރޭސިން. އޭނާ އެއާޕޯޓަށް ފޭބިފަހުން އޭނާއާ މީހަކާ ބައްދަލުވިތޯ ބައްދަލުވި މީހުންނަކީ ކޮބައިތޯ. އޭނާ ޓްރާންސްފާ ކުރުމުގެ ތެރޭގައި ބައްދަލުވި މީހުންނަކީ ކޮބައިތޯ. ލޯންޗްގެ ތެރެއިން އޭނާއާ ބަައްދަލުވި މީހުންނަކީ ކޮބައިތޯ އެ މައުލޫމާތުތައް އެއްކުރުން މިހާރު ކުރިއަށް ދާނެ،" އަމީން ވިދާޅުވި އެވެ.

ކޮވިޑް-19 އަށް މީގެކުރިން ރާއްޖެ އިން 13 މީހަކު ޕޮޒިޓިވް ވިޔަސް، އޭގެ ތެރޭގައި މިހާތަނަށް ދިވެއްސަކު ނުހިމެނެ އެވެ. އަދި އޭގެ ތެރެއިން ނުވަ މީހަކު ވަނީ ފަރުވާ އަށް ފަހު ރަނގަޅުވެފަ އެވެ.

އަމީން ވިދާޅުވީ އެ މީހާ ޓެސްޓް ކުރުމުގެ ކުރިން އޭނާގެ ފަރާތުން ފެނުނީ އެ ބަލީގެ އާދައިގެ އަލާމާތްތަކެއް ކަމަށާއި އަދި ރާއްޖެ އިން މިހާތަނަށް ހައި ރިސްކް ސާމްޕަލްއެއް ހޯދިފައި ނެތް ކަމަށް ވިދާޅުވި އެވެ. އަދި ދިވެއްސަކު އެ ބައްޔަށް ޕޮޒިޓިވް ވިޔަސް، ރާއްޖޭގައި އެ ވައިރަސް ފެތުރޭ ހާލަތަކަށް އަދި ނުދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮމިއުނިޓީ ސްޕްރެޑް ހާލަތަކަށް އަދި ނުދޭ. ކޮމިއުނިޓީ ސްޕްރެޑް ހާލަތަކަށް ދިއުމަކީ ރާއްޖެ އިން ބޭރުން އައި ކޭސްއަކާ ގުޅުމެއް ނެތް ގޮތެއްގައި ރާއްޖޭގައި އެ ބަލި ފެނުން. އެ ހާލަތަށް ދިޔައިމަ އަޅަންޖެހޭ ފިޔަވަޅު ވަރަށް ތަފާތުވާނެ،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް މީޑިއާތަކުގައި އޮތަސް، އެކަން މިހާތަނަށް ވެސް ޔޫއޭއީ ސަރުކާރުން ކަށަވަރުކޮށެއް ނުދެ އެވެ.

ޑރ. ލަތީފް ވާހަކަ ދައްކަވަނީ -- މިހާރު ފޮޓޯ/ އަހުމަދު އަވްޝަން

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު އަލީ ލަތީފް ވިދާޅުވީ މި ވަގުތު ކަރަންޓީންގައި ބައިތިއްބާ މީހުންގެ ތެރެއިން ޓެސްޓް ކުރާނީ ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ކަމަށާއި އެކަމަކު ކުރިއަށް އޮތް ތަނުގައި ހާލަތަށް އަންނަ ބަދަލަށް ބަލައި، ކަރަންޓީންކުރާ އެންމެން ވެސް ޓެސްޓް ކުރަން ފަށަން ޖެހިދާނެ ކަމަށެވެ. އަދި ކަރަންޓީންގައި މި ވަގުތު އެންމެން ބައިތިއްބަނީ ވަކިވަކިން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ފަހަރު ރިކުއެސްޓް ކޮށްގެން ދެ މީހަކު ރޫމަކަށް ލާފައި ހުރެދާނެ. އެކަމަކު އެގޮތަށް ވެސް ޓެސްޓްގައި ޕޮޒިޓިވް ވެއްޖިއްޔާ ދެ މީހުން ވެސް ޓެސްޓް ކުރާ ގޮތަށް. އެހެންވީމަ ކަރަންޓީން ފެސިލިޓީސް ހުރިވަރުން އަޅުގަނޑުމެން ދާނީ ވަކިވަކިން ކޮންމެ މީހަކު ވެސް ކަރަންޓީން ކުރަމުން. މުސްތަގްބަލްގައި ކަރަންޓީން ކުރަންޖެހޭ މީހުން ވަރަށް ގިނަވެއްޖިއްޔާ ފަހަރުގައި އެއް ކޮޓަރިއަކަށް ދެ މީހުން ވެސް ލާން ޖެހިދާނެ،" އަލީ ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަރަންޓީންގައި ތިބޭއިރު ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ އެކަން ރިޕޯޓް ކުރުމަކީ އެ މީހެއްގެ ޒިންމާއެއް ކަމަށާއި ގިނަ އަދަދެއްގެ ބަޔަކު ކަރަންޓީގައި ތިބޭއިރު، އެންމެންގެ ކައިރިއަށް ވަކިވަކިން ގޮސް އަލާމާތެއް ހުރިތޯ ސާފުކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެހެންވެ، ކަމާބެހޭ އިދާރާތަކުން ދޭ ލަފައާ އެއްގޮތަށް އަމަލު ކުރުމަށް ޑޮކްޓަރު އެދިވަޑައިގަތެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ބަޔަކު ފެނުމުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގިނަ ފިޔަވަޅުތައް މިހާރު ދަނީ އަޅަމުންނެވެ. އެގޮތުން އޮފީސްތަކާއި ސްކޫލްތައް ބަންދުކޮށް، ޓޫރިސްޓުން ރަށްރަށަށް އެރުވުން މަނާ ކުރުމުގެ އިތުރުން ރިސޯޓްތަކުން މީހުން ދަތުރު ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.