މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 10 ގެއެއް ބަލައި ފާސްކޮށް، ނުވަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، އެ ތަކެއްޗާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި މީހުންގެ ތެރެއިން، މިކަމުގައި އިސްކޮށް ހުރިކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ޚާލިދަށް ޝަރުތުތަކެއް ކޮށް ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފ އެވެ.
ފުލުހުން ބުނީ ޖެނުއަރީ 30 ގައި ހިންގި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައިގައި ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދާ ދެކޮޅަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ކަމަށެވެ. އޭނާ އަކީ އަތުލައިގަތް ނެޓްވޯކްގެ އިސްމީހާ ކަމަށް ފުލުހުން ބުނެ އެވެ. އޭނާއާ ދެކޮޅަށް ދައުވާކުރަން ނިންމައި ބަންދާ މެދު ގޮތެއް ނިންމަން މިއަަދު މެންދުރު 12:00 ގައި ކްރިމިނަލް ކޯޓަށް ގެންދިއުމުން، ޝަރުތުތަކަކާ އެކު އޭނާ ދޫކޮށްލީ ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މި މީހާ ދޫކޮށްލަން އަމުރުކުރެއްވީ ގާޒީ އިބްރާހިމް އަލީ އެވެ.
އަރުޝަދު ދޫކޮށްލަން ނިންމުމުން އޭނާގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ. ފުލުހުން ބުނީ އަރުޝަދުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓުތަކުގައިވާ ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ތަހުގީގަށް ތުހުމަތު ކުރެވޭތީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކައުންޓުތައް ވަނީ ފްރީޒް ކޮށްފައި ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި، ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރި ކުށުގެ ވެށިން ވެސް 4.6 މިލިޔަން ރުފިޔާ ފެނުނެވެ.
އެ މައްސަލައިގައި ބަންދުކޮށްފައިވާ އެހެން މީހުންގެ ބަންދުގެ މުއްދަތަށް ކޯޓުން 10 ދުވަސް ޖަހައިދިނެވެ.
ޝަރުތުތަކަކާ އެކު އަރުޝަދު ދޫކޮށްލި ކަމަށް ފުލުހުން ބުންޏަސް އެކަމުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.
ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންނަކީ:
1- އަރުޝަދު ޚާލިދު- އަލޯރާގެ، ގދ. ހޯނޑެއްދޫ (24 އަހަރު، ވައްކަން ކުރުމާއި ބިރު ދެއްކުމުގެ ރެކޯޑް)
2- އަލީ ޒުބައިރު- ގުލޭނޫރަންމާގެ ގދ. ހޯނޑެއްދޫ (50 އަހަރު، މަސްތުވަތާކެތި، ވައްކަމުގެ ރެކޯޑް)
3- އަހުމަދު ސުނައިން- އިރުމަތީގެ ގދ. ހޯނޑެއްދޫ (23 އަހަރު، މާރާމާރީގެ ރެކޯޑް)
4- އަހުމަދު ޣިޔާސް- މެޑްރިޓް ހައުސް، ގދ. ހޯނޑެއްދޫ (25 އަހަރު)
5- ހުސައިން ޒަހީން- މަތަރަސްމާގެ، ލ. ކަލައިދޫ (25 އަހަރު، މަސްތުވާތަކެތި، ވައްކަމުގެ ރެކޯޑް)
6- އިސްމާއިލް ވިޝާލް- މ. ދާރުލްގަރާރު، މާލެ (25 އަހަރު، މަސްތުވާތަކެތި، އަމުރަށް ނުކިޔަމަންތެރިވުން) 7- އަސްލަމް ނާޒިމް- މއ. ވައިލެޓްމާގެ، މާލެ (37 އަހަރު، މަސްތުވާތަކެތި، ވައްކަމުގެ ރެކޯޑް) 8- އަހުމަދު އިމްސާހް- މިސްކިތްދޮށުގެ، ޅ. ނައިފަރު (32 އަހަރު، މަސްތުވާތަކެތި، ވައްކަމުގެ ރެކޯޑް)
9- މުހައްމަދު ސިދުރަތު- ސުރައްޔާމަންޒިލް، ގއ. ގެމަނަފުށި (27 އަހަރު)
މީގެ ތެރެއިން ސިދުރަތުގެ ބަންދު ކުރުމަށް ކޯޓުން އޭރު އަމުރު ނުދިނުމުގެ ސަބަބުން އޭނާ ވަނީ ދޫކޮށްލާފަ އެވެ.