ޑައިލިސިސް ހެދުން އައްޑޫ އާ ހޮސްޕިޓަލަށް ބަދަލުކޮށްފި

އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން ކުރިން ދެމުން ގެންދިޔަ، ކިޑްނީ ބަލީގެ މީހުންގެ ޑައިލިސިސްގެ ހިދުމަތް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ބަދަލުކޮށް މިއަދުން ފެށިގެން ހިދުމަތް ދޭން ފަށައިފި އެވެ.


ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ޑައިލިސިސް ސެންޓަރު ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފެށުމާ އެކު، ޑައިލިސިސްގެ ފަރުވާ ހޯދާ މީހުންނަށް ފަސޭހަކަމާ އެކު، ހިދުމަތް ލިބޭނެ ކަމަށް އޭއީއެޗުން ބުންޏެވެ.

ކުރީގެ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ހަދާފައިވާ އާ ހޮސްޕިޓަލުން ހިދުމަތްތައް ދޭން ފެށި މިދިޔަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ.

އެތަނުން އާންމު ބަލިތައް، ދަތުގެ ބަލިތައް، ސްކޭން، ކުޑަކުދިންގެ ބަލިތައް، އޮޕަރޭޝަންސް، ކަރުންމަތީގެ ބަލިތައް، ކަށީގެ ބަލިތައް، ނަފުސާނީ ބަލިތައް، އަންހެނުންގެ ބަލިތައް، ހަމުގެ ބަލިތައް އަދި ހިތުގެ ބަލިތަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ނަމަވެސް އަދިވެސް ލޮލުގެ ބަލިތަކާއި އެތެރެހަށީގެ ބަލިތަކަށް ކުރިއެކޭ އެއްގޮތަށް ހިދުމަތް ދެނީ އެޗްއާރްއެޗް ގަ އެވެ.