ޓޫރިސްޓުންތަކެއް މާލޭގައި: ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް ޓޫރިސްޓުން ގެނައުން މުއްދަތެއް ނެތް ގޮތަށް ވަނީ މަނާ ކޮށްފައި -- ފޮޓޯ/މިހާރު
31 މާޗް 2020 - 16:10
ކޮވިޑް-19 އާ ގުޅިގެން ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް ޓޫރިސްޓުން ގެނައުން މުއްދަތެއް ނެތް ގޮތަށް މަނާކޮށްފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް ޓޫރިސްޓުން ގެނައުން ކުރިން މަނާ ކޮށްފައި އޮތީ 14 ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު މިއަދު ހަވީރު 6 އަށް ހަމަވާނެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު އެންގުމުގައި ބުނެފައި ވަނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އެހެން ގޮތަކަށް އަންގަވަންދެން ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް ޓޫރިސްޓުން ޗެކިންވުން މަނާ ކުރުމަށެވެ. އެކަމަކު ކުރިން ޗެކިންވެފައި ތިބި ޓޫރިސްޓުން ބުކިންގެ މުއްދަތު ހަމަވަންދެން އެފަދަ ތަންތަނުގައި ތިބެން ހުރަހެއް ނެތް ކަމަށް ވެސް އެ އެންގުމުގައިވެ އެވެ.
ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް ޓޫރިސްޓުން ގެނައުން މަނާ ކުރުމުގެ އިތުރުން ރިސޯޓްތަކުން ރަށްރަށަށް ޓޫރިސްޓުން ދަތުރު ކުރުމާއި ރިސޯޓްތަކުން ރަށްރަށަށް ދަތުރު ކުރުން ވެސް އޮތީ މަނާކޮށްފަ އެވެ. ސަފާރީތަކުން މީހުން ރަށްރަށަށް ފޭބުން މަނާ ކުރުމުގެ އިތުރުން ބައެއް ގައުމުތަކުން މީހުން ރާއްޖެ އަށް އައުން ވެސް މަނާ ކުރުމުގެ އިތުރުން އޮފީސްތަކާއި ސްކޫލްތައް ވެސް ވަގުތީ ގޮތުން ވަނީ ބަންދުކޮށްފަ އެވެ.
ކޮރޯނާވައިރަހަށް 18 މީހަކު ރާއްޖެއިން ޕޮޒިޓިވްވި ނަމަވެސް، އޭގެ ތެރެއިން ފަސް މީހަކު ފިޔަވައި ދެން ތިބި އެންމެން ވަނީ ރަނގަޅުވެފަ އެވެ. އެ ބައްޔަށް ޕޮޒިޓިވްވެފައި ބާކީ ތިބި މީހުންގެ ތެރޭގައި އިނގިރޭސިވިލާތުން ރާއްޖެ އައި ތިން ދިވެއްސަކު ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮހޮޑަ
01 April 2020
އަދިވެސް މީހިން ގެންނަނީތަ..ކޮންތާކުން...އެއާޕޯރޓް ބަންދޭ ކިޔާ
ބޮޑުމީހާ
31 March 2020
ހިތާމަވެރިކަމެއް. އެކަމަކު ނުކޮށްވެސް ނެތް ވާކަށް
ތުއްތުނާ
31 March 2020
މި ފޮޓޯއިން ފެންނަނީ އިސްލާމީ ގައުމެއްގައި ހެދުން އަޅަން އޮންނަ ގޮތާއި ހިލާފަށް ހެދުން އަޅައިގެން ތިބި ގެސްޓުން...... މިއީ ވަރަށް ބޮޑު ވިސްނަންޖެހޭ ކަންތައްތަކެއް....... ބޭނުން ގޮތަަކަށް ހެދުން އަޅައިގެން އުޅުމުން މިކަން ކަން އަހަރުމެންގެ ޅަދަރިން ދަސްކުރާނެ..... މިއީ ރާއްޖޭގެ ސަގާފަތާއި އިސްލާމްދީނާއި ދުރު ކަންތައްތައް.... ވިސްނާލުން ރަނގަޅު.....
ތުއްތުނާ
31 March 2020
މި ނުރައްކާތެރި ބަލި ފެތުރިގެން ދާގޮތަށް ބަލާއިރު މީހުން ދިރިއުޅޭ ރަށްތަކުގައި ފަހުން ވެސް ގެސްޓު ހައުސް ހިންގުން މިއީ ދެވަނަ ވިސްނުމަކަށް ދާންޖެހޭ ކަމެއް..... މިބަލި ފެތުރޭ ގޮތަށް ގެސްޓުން މީހުން ދިރިއުޅޭ ރަށްރަށް ގެންނަ ނަމަ އެމީހުންގެ ފަރާތުން ދިވެހިންގެ ސަގާފަތާއި އިސްލާމްދީނާއި ދުރު އާދަކާދަތައް ވެސް ފެތުރިގެން ދާނެ ........ މަގޭ ނަޒަރުގައި ގެސްޓުން ގެންނަންޖެހޭނީ ހަމައެކަނި މީހުން ދިރިނޫޅޭ ވަކިން ހުންނަ ރަށްރަށަށް......