ނޯ ޕޭ ލީވްގައި ދާން މަޖުބޫރުކޮށް ސޮއިކުރުވުން ގިނަވަނީ

ކޮރޯނާވައިރަހާ ގުޅިގެން ރާއްޖެ އަށް ވެސް ދިމާވެފައި މިއޮތް ހާލަތާ ހެދި ރިސޯޓްތައް ބަންދުކުރާތީ، މިއަދުން ފެށިގެން ތިން މަސް ދުވަހުގެ ނޯޕޭ ލީވަކަށް ދާން މުވައްޒަފުން ލައްވައި މަޖުބޫރުން ސޮއިކުރުވަމުންދާ ކަމަށް ބައެއް މުވައްޒަފުންނާއި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން މިއަދު ބުނެފި އެވެ.


ބައެއް ރިސޯޓްތަކުން "މިހާރު"އާ ވާހަކަ ދެއްކި މުވައްޒަފުން ބުނީ ރިސޯޓްތައް ވަގުތީ ގޮތުން ބަންދުކުރާއިރު، މުވައްޒަފުންނާ ދޭތެރޭގައި އަމަލުކުރާނެ ގޮތެއް އިއްޔެއާ ހަމައަށް މެނޭޖްމަންޓުން ސާފުކޮށްދީފައި ނުވާ ކަމަށެވެ. އެކަމަކު ކުއްލި ގޮތަކަށް ލިއުމެއްގައި ސޮއިކުރަން މިހާރު މަޖުބޫރު ކުރުވާފައިވާ ކަމަށް އެ މީހުން ބުނެ އެވެ.

"ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށް އެ ވާހަކަ ނުދައްކައި އަޅުގަނޑުމެން ތިބީ ރަނގަޅު ގޮތެއް ވެދާނެ ކަމަށް. އެކަމަކު ރިސޯޓުން މިއަދު މިހާރު ބުނަނީ ނޯޕޭ ލީވްގައި ދިއުން ނޫން ގޮތެއް ނެތް ކަމަށް،" ރިސޯޓެއްގެ ހައުސްކީޕީންގައި މަސައްކަތްކުރާ މުވައްޒަފަކު، ނަން ނުޖަހަން ޝަރުތުކޮށް، ބުންޏެވެ.

މާލެ އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރާ މުހައްމަދު ހުސެއިން ވެސް އިއްޔެއާ ހަމައަށް ހުރީ ހާސްކަމެއްގެ ތެރޭގަ އެވެ. މުސާރަ ނުދޭ ގޮތަށް އެންމެން ފޮނުވާލުމުގެ ކަންބޮޑުވުން އޮތީ މުވައްޒަފުންގެ މެދުގަ އެވެ. ހީކޮށްގެން ތިބި ގޮތަށް، ރިސޯޓުން އަމަލުކުރަން ނިންމިކަން ކަށަވަރުވުމާ އެކު އެތަނުގެ މުވައްޒަފުން ވެސް ތިބީ ހާސްކަމެއްގެ ތެރޭގައި އޭނާ ބުންޏެވެ.

ރިސޯޓްތަކުން މުވައްޒަފުން ފޭބުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ލިބުމާ އެކު ގިނަ ބަޔަކު ދާން އޮތީ އަމިއްލަ ރަށަށެވެ. ބޮޑު އަގުގައި ކުއްޔަށް މާލެ އިން ހިފާފައި ހުރި އެޕާޓްމެންޓްތަކުގައި އަނބިދަރިން ބައިތިއްބައިގެން ޚަރަދުކުރެވޭނެ އެއްގޮތެއް ވެސް ނެތީ އެވެ.

ތިން މަހުގެ މުސާރަ ނުދެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން: ޓީމް

މިކަން ވަނީ، ރިސޯޓްތަކުގެ މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާ ޓީމުގެ ސަމާލުކަމަށް އައިސްފަ އެވެ.

ޓީމުގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާހިރު (މާއްޓެ) "މިހާރު" އަށް ވިދާޅުވީ ކުރިން ލިބިފައިވާ މައުލޫމާތަށް ބަލާއިރު ނޯޕޭ އަށް ފޮނުވާ އަދަދަކީ 11،000 މުވައްޒަފުން ނަމަވެސް އެ އަދަދު މިހާރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. މުވައްޒަފުންނާ މެދު އެއްވެސް ހަމްދަރުދީއެއް، ނުބަހައްޓައި އަމަލުކުރަމުންދާ ރިސޯޓްތަކެއް ހުރި ކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ.

"ނޯޕޭ އަށް ފޮނުވާ ކަމުގެ ކަންބޮޑުވުން ފާޅުކުރީމަ ބައެއް ރިސޯޓްތަކުން މި ހަދާ ގޮތަކީ، މުސާރައިގެ ވަކި ޕަސެންޓެއް ދޭ ގޮތަށް ބަދަލުކުރަނީ. މިސާލަކަށް މުސާރައިގެ 25 ޕަސެންޓް، 50 ޕަސެންޓް ދޭ ގޮތަށް. ނިސްބަތުން މުވައްޒަފުންގެ މުސާރަ ކުޑައިރު، (އަސާސީ މުސާރަ 250 ޑޮލަރުގައި ބައެއް މުވައްޒަފުންގެ އުޅޭއިރު] އެއްވެސް އެއްޗަކަށް ނުވޭ،" މައުރޫފް ވިދާޅުވި އެވެ.

"އެންމެ ބޮޑު ކަންބޮޑުވުމަކީ މުސާރަ ނުލިބޭ ގޮތަށް މުވައްޒަފުން ފޮނުވާލަން ބައެއް ރިސޯޓްތަކުން މަޖުބޫރުން ސޮއިކުރުވާތީ. މިއީ އެ މުވައްޒަފުންނާ މެދު ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް."

އޭނާ ވިދާޅުވި ގޮތުގައި މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް އަދި މުސާރަ އިން ވަކި ބައެއް އުނިކޮށްފައި މުވައްޒަފުން ފޮނުވުން ވެސް ބަލައެއް ނުގަނެވެ އެވެ.

ރާއްޖޭގައި 150 އަށް ވުރެ ގިނަ ރިސޯޓް ހިންގާއިރު، މިހާތަނަށް ތިން މަހުގެ އަސާސީ މުސާރައާ އެކު މުވައްޒަފުން ވީއްލަން އެއްބަސްވީ، މައުރޫފް ވިދާޅުވި ގޮތުގައި، ގާތްގަނޑަކަށް 12 ރިސޯޓުންނެވެ. ބާކީ ހުރި ރިސޯޓްތަކުން، މުވައްޒަފުންނާ މެދު އިހުމާލުވާ ގޮތަށް، މުސާރަ އުނިކުރަނީ ނުވަތަ ނޯޕޭ އަށް ފޮނުވާލަނީ ތިން މަހުގެ މުސާރަ ދެވޭނެ ގޮތް ނެތުމުން ކަމަކަށް ޓީމުން ގަބޫލެއް ނުކުރެ އެވެ.

ރާއްޖޭގައި ހިންގާތާ ގިނަ އަހަރުތަކެއް ވެފައިވާ ރިސޯޓްތަކުގައި ވެސް ދިވެހި މުވައްޒަފުންގެ މުސާރައަށް ބަލާއިރު، ތިން މަހަށް ޚަރަދުވާނީ ގާތްގަނޑަކަށް 400،000 ޑޮލަރު ކަމަށް ޓީމަށް އަންދާޒާ ކުރެވޭ ކަމަށް މައުރޫފް ވިދާޅުވި އެވެ. އެހެންކަމުން ތިން މަހު ހިފަހައްޓާނުލެވޭ ވަރަށް ހާލަތު ދަށްވެ، މުވައްޒަފުން ބިކަކުރާ ހާލަތަށް ދާން ޖެހިފައި އޮތް ކަމަށް ޓީމުން ނުދެކެ އެވެ.

ގާނޫނީ ރައްކާތެރި ކަމެއް ނެތް!

ދުނިޔެއަށް މިހާރު ދިމާވެގެން އުޅެނީ ކުރިން ހީ ވެސް ނުކުރެވޭ ވަރުގެ ބޮޑު ހުއްޓުމެކެވެ. އެހެންކަމުން ވަޒީފާއާ ބެހޭ ގާނޫނުގައި މި ކަހަލަ ހާލަތަކަށް ބަލާފައެއް ނުވަތަ ވިސްނާފައެއް ވެސް ނުވެ އެވެ. މިހާރު އޮތް ގާނޫނުން، މި ދުވަސްވަރު މުވައްޒަފުންނަށް ރައްކާތެރިކަން ނުލިބެނީ އެހެންވެ އެވެ.

ޓީމުން ބުނީ ސިއްހީ ކުއްލި ހާލަތެއް މެދުވެރިވެ، މުވައްޒަފުން ވަޒީފާ އިން އަތްދޫކޮށްލަން މަޖުބޫރުވެފައިވާ އިރު، ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ގޮތުން މާ ބޮޑު ރައްކާތެރިކަމެއް ނެތް ކަމަށެވެ.

"ރިސޯޓްތަކުން މި އަންގަނީ މި ވަގުތު އޮޕަރޭޝަންތައް ހުއްޓާލާތީ ނޯޕޭއަށް ދާން އެއްބަސްވާށޭ. މިކަމުގައި ގާނޫނީ ރަނގަޅު ފަރުވާއެއް އޮތް ކަމަކަށް ވެސް ނުފެނޭ،" މައުރޫފް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، މިއީ ރައްޔިތުންގެ މަޖިލީހުން ވެސް ހައްލު ހޯދަން ޖެހިފައިވާ މައްސަލައެކެވެ. ވިޔަފާރިތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ސްޓިމިއުލަސް ޕެކޭޖެއް އިއުލާންކޮށްފައި އޮތަސް ގިނަ ރިސޯޓްތަކުން އެ ބޭނުމެއް ނުވެ އެވެ. އެހެންކަމުން ހުރިހާ ގެއްލުމެއް މުވައްޒަފުންނަށް ލިބުމަކީ ސަރުކާރުން ވެސް ވިސްނަން ޖެހިފައި އޮތް މައްސަލައެއް ކަމަށް ޓީމުން ބުނެ އެވެ.