ކަލާފާނު ސްކޫލުގެ ދަރިވަރުންތަކެއް، މީގެ ކުރިން ބޭއްވި އެސެމްބްލީއެއްގައި ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
05 އެޕްރީލް 2020 - 11:50
އެހެން ގްރޭޑްތަކަށް ވެސް މި ހަފުތާގައި ޓީވީ ޗެނަލްތައް މެދުވެރިކޮށް ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ ފައުންޑޭޝަނުން ފަށައިގެން ގްރޭޑް 8އާ ހަމައަށް، އެކި ޗެނަލްތަކުން ފިލާވަޅުތައް ދައްކައި ކިޔަވައިދޭނެ ކަމަށެވެ. ފައުންޑޭޝަންގެ ދަރިވަރުންނަށް ކިޔަވައިދޭނީ ކުޅިވަރު ހިމެނޭ ހަރަކާތްތަކެކެވެ. އެ ފިލާވަޅުތައް ދައްކާނެ ޗެނަލެއް އަދި ނުނިމެ އެވެ.
އިހުސާން ވިދާޅުވީ ކީ ސްޓޭޖް 1 އަދި 2 (ގްރޭޑު 1-6) ގެ ދަރިވަރުންގެ ފިލާވަޅުތައް ހާއްސަކުރާނީ ލިޓްރަސީ އާއި ނިއުމަރަސީ އަށް ކަމަށެވެ. ކޮންމެ ކީ ސްޓޭޖަކަށް، މުންނާރު ޗެނަލް އިން ހަވީރުު 4-6 އަށް ފިލާވަޅުތައް ދައްކާނެ ކަމަށް ވިދާޅުވި އެވެ.
"ކޮންމެ ކީ ސްޓޭޖަކަށް، ކޮންމެ ދުވަހެއްގެ ހަވީރު އެއްގަޑިއިރު މި އޮތީ ހާއްސަކޮށްފައި. އެ ފިލާވަޅުތައް ދައްކާނެ ދުވަހެއް ފައިނަލެއް ނުވޭ. އެކަމަކު މި ހަފުތާގައި ކިޔަވައިދޭން ފަށާނެ،" އިހުސާން ވިދާޅުވި އެވެ.
ގްރޭޑު 7-8 ގައި ކިޔަވާ ދަރިވަރުންގެ ފިލާވަޅުތައް ދައްކަން ހަމަޖައްސާފައިވަނީ ދިވެހި ޗެނަލް އިންނެވެ. ނަމަވެސް އިހުސާން ވިދާޅުވި ގޮތުގައި، އެ ގްރޭޑުތަކުން ދައްކާނީ ވަކި ހާއްސަ މާއްދާތަކެވެ.
ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 ގެ ސަބަބުން ސްކޫލުތައް ބަންދުކޮށްފައިވާ މުއްދަތު ދިގުލައިގެން ދާތީ އެޑިއުކޭޝަނުން ވަނީ މިދިޔަ ހަފުތާގައި ގްރޭޑް 9-11 ގެ ދަރިވަރުންނަށް ޓެލެކިލާސް މެދުވެރިކޮށް ކިޔަވައިދޭން ފަށައިފަ އެވެ. ގްރޭޑު 9ގެ އާ ފިލާވަޅުތައް މުންނާރު ޗެނަލްއިން، ހެނދުނު 10-12 އަށް އަދި މެންދުރުފަހު 2-3 އަށް ދައްކާނެ އެވެ. މި އަހަރު އޯ ލެވެލް އިމްތިހާނު ހަދާ ދަރިވަރުންގެ އާ ފިލާވަޅުތައް ހެނދުނު 8-10 އިން ޔެސް ޗެނަލް އިން ދައްކާނެ އެވެ.
އިހުސާން ވިދާޅުވީ މީގެ ކުރިން 10 ގެ ދަރިވަރުންނަށް ހާއްސަކުރި ޕެނަލް ޑިސްކަޝަންގައި ވެސް ގްރޭޑް 9ގެ ދަރިވަރުންނަށް ބައިވެރިވެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާބިލްޖީލެއް
05 April 2020
އިލްމީ ގާބިލްޖީލެއް އުފެދޭނީ އުގަންނައި ދީގެން. ކިޔަވަދޭށެ ކިޔާފަ ހުސް ކުލަވަރު ދެއްކީމަ ކަމަކާކުރިމަތިލާންވާއިރު އުޅެން ޖެހޭނީ ނިދާ ހޭލާގޮތް ލަސްވެގެން.
އެބަތިބި
05 April 2020
ރާއްޖޭގައި އެބަތިބި ކުދިންނަށް އޮންލައިންކޮށް ކިޔަވައިދޭތަންތަން.ޕްރޮފެޝަނަލް ވެސް މެ.ބެލެނިވެރިންނަށްވެސް ލުއި. ކުދިންވެސް ކިޔަވާ.
ޓެންޝަނެއް ނެތް
05 April 2020
ބައެއް ކުދިންނަށް ހޯ މްސްކޫލް ސިސްޓަ މް ރަގަޅު. އެކުއްޖެއްގެ ޕޭސްގަ އެކުއްޖަކަށް ކިޔެވޭ. ކުދިންނަށް ލަރނިން ސެންޓަރުން އޮންލައިންކޮށް ކިޔަވައިދޭ.އެއްވެސް ޓެންޝަނެއް ނެތް ކުދިންނަށް ވެސް ބެލެނިވެރިންނަށްވެސް.
ބޮޑުމީހާ
05 April 2020
ޓެބްލެޓް ޕްރޮގްރާމް ކުރިއަށް ރަގަޅުގޮތުގައި ގެންދިޔަނަމަ މިއަދު ކިޔަވައިދިނުމާއިމެދު ހާސްވާކަށް ނުޖެހޭނެ
ކިޔަވާ
05 April 2020
ގޭގައިތިބެ އެންމެން ކިޔަވާ އެންމެން އެއްކޮށް
ދެރަ
05 April 2020
މި ޕްރީސްކޫލްތަކުން އުޅޭގޮތުން މަ މިހުންނަނީ ވަރަށް ކަންބޮޑުވެފަ . ކިޔަވާދެނީ ވައިބައިން . އަހަރެން ދަރިފުޅު އަދި ނާސަރީގަ . ޢެކަމް މިވެނި ވީޑިޔޯ އެއް އެވެނި ވީޑިޔޯ އެއް ހަދާފަ ފޮނުވަން ބުނަނީ . މިވަރު ކުދިން ސްކޫލަށް ގެންދަނީ ކުދިންނާ އެކުލަވާ އުޅެން ދަސްކޮށްދޭންށާ، އަދި ކުޅިވަރުން ކަންކަން ދަސްކުރަން. މިވަރު ނޭނގެންޏާ ދެން ކިއްކުރަން ހިންގާ ޕްރީސްކޫލެއްބާ؟ 2 މަސްވަނދެން ސްކޫލައް ނުދެވުނަސް ފުލް ފީ ނަގަން ކުރާހާ ކަންކަން.
ާއުނިމާ
05 April 2020
ޔުނިވަރސިޓީގެ ދަރިވަރުންނޯ؟ ބައެއްކޮލަޖުތަކުގައި މިހާރުވެސް އޮންލައިންކޮށް އެބަކިޔަވައިދޭ
ސުވާލެއް؟
05 April 2020
މުންނާރު ޗެނަލް އަދި ދިވެހި ޗެނަލް އަތޮޅު ތަކަށް ލިބޭތޯ އަޅުގަނޑު ހަމަ ސުވާލު އުފެދޭ! ލިބޭނަމަ ރަނގަޅު
ޅ. ކުރެންދޫ
05 April 2020
ލިބޭ
ޖަވާބުބު
05 April 2020
ނުލިބޭ
ދެރަ
05 April 2020
އާޅެ ގްރޭޑް 11 އަށް ކްލާސްތައް ނަގައިދޭތަ? ތިޔަ ޗެނަލްތަކުން ދައްނީ ކޮންގްރޭޑެއްގެ ކްލާސްތަކެއްކަން އޮޅުންފުވަންދަތި. ބޮޑު އޮޅުން ބޮޅުންގަނޑެއް.
ޙަަރީި
05 April 2020
ކިޔަވައި ދެވޭނެ ގޮތްގޮތް ހުންނާނެ. ވިލާ ކޮލުޖްއިންވެސް ހަމައޮންލައިންކޮއް ކިޔަވާދެމުން އެދަނީ.