އޮންލައިންކޮށް ކިޔަވައިދޭ ޕްލެޓްފޯމެއް އާރްއޯއެލް އިން މިނިސްޓަރު މަލީހަށް ހުށަހަޅައިފި

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލްތަކާއި ކޮލެޖްތަކުގެ ކިޔެވުން މެދުކަނޑާލާފައި ވާތީ، އޮންލައިންކޮށް ކިޔަވައިދޭނެ ޕްލެޓްފޯމެއް ރާއްޖެ އޮންލައިން (އާރްއޯއެލް) އިން ތައާރަފްކޮށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަށް މިއަދު ހުށަހަޅައިފި އެވެ.


އާރްއޯއެލް އިން ތައާރަފްކުރީ އެއް ޕްލެޓްފޯމް ބޭނުންކޮށްގެން އޮންލައިންކޮށް ކްލާސް ހިންގުމާއި، ސިލަބަހާއި ފިލާވަޅުތަކާއި އެސައިންމެންޓްތައް އަޕްލޯޑް ކުރެވޭ ގޮތަށެވެ. މިހާރު އޮންލައިންކޮށް ކިޔަވައިދިނުމުގެ ކަންތައްތައް ކުރިއަށް ގެންދަނީ އެކި ކަންކަމަށް އެކި ޕްލެޓްފޯމް ބޭނުންކޮށްގެންނެވެ. އެގޮތުން، ސްކައިޕް ނުވަތަ ޒޫމް ފަދަ ވީޑިއޯ ކޯލް ޕްލެޓްފޯމްތައް ބޭނުންކޮށްގެން އޮންލައިން ކްލާސްތައް ކުރިއަށް ގެންދިއުމާއި އީމެއިލް ބޭނުންކޮށްގެން ފިލާވަޅުތައް ހަވާލުކުރުން ހިމެނެ އެވެ.

މި ޕްލެޓްފޯމް ހަވާލުކުރުމަށް އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މި ބޭނުންކުރަން ފަށަން މިނިސްޓްރީގެ ފަރާތުން ބޭނުންވާ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ހާޑްވެއާ ތަރައްގީކުރާށާއި އެހެން ކަންކަމަށް މިނިސްޓްރީގެ އިންވެސްޓްމެންޓް ބޭނުން ނަމަ، އެކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

މި ޕްލެޓްފޯމް ތައްޔާރުކުރުމުގައި ސްކޫލްތަކާއި ޓީޗަރުންގެ މަޝްވަރާ ހޯދާފައި ހުރުމުން މި ބޭނުންކުރަން ފަސޭހަވާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދެންމެ ތި ވިދާޅުވި ބައެއް ފީޗާސްތަކަކީ އާންމުކޮށް މާކޭޓުގައި މިހިރަ ގޫގްލް ކްލާސްރޫމަށް ބެލި ކަމުގައި ވިޔަސް، ނޫނީ އެހެނިހެން ސޮލޫޝަންސްގައި ހުރި ކަންތައްތަކަށް ވުރެ އިތުރު އެންހާސްމެންޓްތަކެއް ކަމަށް އަޅުގަނޑު ފާހަގަކުރަން،" ،މިނިސްޓްރު ވިދާޅުވި އެވެ.

އާރްއޯއެލްގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން މުހައްމަދު ޖިނާހު އިބްރާހިމް "މިހާރު" އަށް ވިދާޅުވީ، އެ ޕްލެޓްފޯމް ބޭނުންކޮށްގެން އަޖުމަ ބެލުމުގެ ޕްރޮގްރާމެއް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގައި މާދަމާ ފަށާނެ ކަމަށެވެ. އަދި އެހެން ތަންތަނާ ގުޅިގެން ވެސް މި ޕްލެޓްފޯމް ބޭނުންކޮށްގެން ކިޔަވައިދޭން އާރްއޯއެލް އިން އޮތީ ތައްޔާރަށް ކަމަށް ވިދާޅުވި އެވެ.

މިއީ މޫޑުލް ބޭނުންކޮށްގެން ކިޔަވައިދޭނެ ޕްލެޓްފޯމެއް ކަމަށް އާރްއޯއެލް އިން ބުންޏެވެ. އަދި އާރްއޯއެލްގެ ކަސްޓަމަރުން މި ޕްލެޓްފޯމް ބޭނުންކުރާ އިރު، އިންޓަނެޓަށް ދީފައިވާ އެލަވަންސުން ނުކަނޑާނެ ކަމަށް ޖިނާހު ވިދާޅުވި އެވެ. އަދި އެތަނުގެ އެދުމަކީ، ރާއްޖޭގެ އިންޓަނެޓްގެ ހިދުމަތްތައް ފޯރުކޮށްދޭ އެހެން ކުންފުނިތަކުން ވެސް، އެ ޕްލެޓްފޯމް ބޭނުންކުރާ ނަމަ އިންޓަނެޓަށް ޗާޖު ނުކުރުން ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މި ޕްލެޓްފޯމު ބޭނުންކޮށްގެން ކާމިޔާބު ކަމާ އެކު ކިޔަވައިދެވޭ ނަމަ ސްކޫލްތަކަށް މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ދޭނެ ކަމަށެވެ.

ދުނިޔެ އަށް ކުރިމަތިވެފައިވާ ދަތިކަމުގެ މި ވަގުތު އެކި މައްސަލަތަކަށް ހައްލު ހޯދަން ވަރަށް ގިނަ ކުންފުނިތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހަގީގަތުގައި ކޮވިޑްއާ ގުޅިގެން މި އައި ގޮންޖެހުންތަކާ އެކު އަޅުގަނޑުމެން ހުޅުވާލި ހުރިހާ އައިއެސްޕީސްތަކާ އެކު މީޓިންތަކެއް. އަޅުގަނޑު ދެކޭ ގޮތުގައި އެ މީޓިންތަކުގެ ނަތީޖާ ވަރަށް ރަނގަޅު. މިހާތަނަށް އައި އިރު، އަޅުގަނޑުމެންނަށް ހައްލު ނުކުރެވި ހުރި ވަރަށް ގިނަ ކަންތައްތަކަށް ވަރަށް ރަނގަޅު އީޖާދީ ސޮލޫޝަންސްތަކެއް ލިބިއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.

ފުރަތަމަ ޓާމުގެ މިޑް-ޓާމް ބަންދަށް ސްކޫލްތަކުގެ ކިޔެވުން މިދިޔަ މަހުގެ އަށް ވަނަ ދުވަހު ބަންދު ކުރުމަށް ފަހު އަލުން ކިޔަވައިދޭކަށް ނުފަށަ އެވެ. ކޮވިޑް-19 ރާއްޖެއިން ފެނުނު ފަހުން ސަރުކާރުން ވަނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. އޭގެ ދަށުން ސަރުކާރު އޮފީސްތަކާއި ކިޔަވައިދޭ ތަންތަނާއި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ވެސް ވަނީ ބަންދުކޮށް، މީހުން އެއްވެ އުޅުން މަދުވާނެ ގޮތްތަކަށް ހިދުމަތްތައް ވަނީ ވަނީ ބަދަލުކޮށްފަ އެވެ.