ކޮވިޑް-19: ސަރުކާރު ބަންދުވިޔަސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފައިސާ ދޫކުރަނީ

ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި ވެސް، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އެކި ސްކީމްތަކުގެ ދަށުން ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ ކަންތައްތައް ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.


ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސަރުކާރު ބަންދުކޮށްފަވީ ނަމަވެސް ސްޓުލޫޑެންޓް ލޯނާއި، ސްކޮލަޝިޕްގެ އިތުރަށް ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއާ ހަމައަށް ކިޔަވަމުން އަންނަ ދަރިވަރުންނަށް ކަނޑައަޅާފައިވާ ތާވަލުގައިވާ ގޮތަށް ފައިސާ ދޫކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ވެސް ހިލޭ ޑިގްރީ ސްކީމުން ފައިސާދޭން ޖެހޭ 1148 ދަރިވަރުންނަށް ފައިސާ ދޫކޮށްފައިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ސަރުކާރުން ތައާރަފްކޮށްފައިވާ ހިލޭ ފުރަތަމަ ޑިގްރީ އަށް ކިޔެވުމުގެ ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުންނަށް ފައިސާ ދޫކުރުމަށް ހަމަޖައްސާފައި ވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ އެކަޑަމިކް އަހަރު ދެބަޔަކަށް ބަހާލައިގެން ކަމަށާއި ކޮންމެ ދަރިވަރެއްގެ ވެސް އެކަޑަމިކް އަހަރު ގުނާނީ ކޯސް ފަށާ ތާރީހުން ފެށިގެން ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެކި ކޮލެޖުތަކުގައި ކޯސްތަށް ފަށަނީ އެކި ތާރީހުގައި ކަމުން އެކި ދަރިވަރުންގެ އެކަޑަމިކް އިޔާ ފަށޭނީ އެކި ދުވަސްވަރުކަން ވެސް މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.

މިނިސްޓްރީން ބުނީ، ހިލޭ ޑިގްރީ ސްކީމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުގައިވާގޮތުން ފައިސާ ދޫކުރާނީ ދަރިވަރަށް ކަމަށެވެ. އަދި މިނިސްޓްރީން ދޫކުރާ ފައިސާ ކޮލެޖު ނުވަތަ ޔުނިވާސިޓީ އަށް ދެއްކުމަކީ ދަރިވަރުގެ ޒިންމާއެއްް ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

މިނިސްޓްރީން ބުނީ މި ސްކީމުގައި ބައިވެރިވާ ދަރިވަރުންނަށް އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް، ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށާއި ހުރިހާ ދަރިވަރުން ވެސް ވީއެންމެ އަވަހަކަށް ޕްލެޓްފޯމުގައި ރަޖިސްޓްރީވުމަށް އެދޭ ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔަވައިދިނުމަކީ މި ސަރުކާރުގެ ވައުދަކަށް ވާއިރު، މި ސްކީމް ތައާރަފްކޮށް މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރު ތެރޭގަ އެވެ. އަދި މިހާތަނަށް 6000 އަށް ވުރެ ގިނަ ދަރުވަރުން މި ސްކީމް މެދުވެރިކޮށް ތައުލީމް ހާސިލްކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެ އެވެ.