ޑރ. އަހުމަދު ޝަހީދު. އޭނާ ވިދާޅުވީ ރާއްޖޭން ބޭރުން އަންނަ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކުގެ މީހުންނަށް ފަރުވާ ދެވޭ ކަމަށް.
11 އެޕްރީލް 2020 - 15:58
ރާއްޖޭން ބޭރުން އަންނަ ދިވެހިން ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވާއިރު، އޭގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާކުރާ މީހުންނާއި ހާލުބޮޑުވާ މީހުންނަށް ބޭނުންވާ ފަރުވާގެ ރަނގަޅު އިންތިޒާމުތަކެއް އެބަހުރި ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މިއަދު ބުނެފި އެވެ.
މިހާތަނަށް ފަރުވާއެއް އަދި ވެކްސިނެއް ވެސް ހޯދިފައި ނުވާ ކޮވިޑް-19 ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރޭތީ، އެހެން ގައުމުތަކާއި ރާއްޖެއާ ދެމެދު ކުރާ ވައިގެ ދަތުރުތައް ހުއްޓައިލި އިރު، އެކި ގައުމުތަކަށް ބޭހަށް ގޮސް ތިބި ގިނަ އަދަދެއްގެ ދިވެހިން އަނބުރާ ގެނައުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން ގެންނަ އެންމެން ވެސް ފުރަތަމަ ދާން ޖެހެނީ 14 ދުވަހުގެ ކަރަންޓީން އަކަށެވެ.
ބޭރުން ގެންނަ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް ކަރަންޓީނުގައި އެކަށީގެންވާ ފަރުވާ ދިނުމުގެ އިންތިޒާމުތައް ހަމަޖެހިވައި އޮތް ގޮތް އޮޅުން ފިލުވަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ވާޗުއަލް ބައްދަލުވުމެއް ބޭއްވި އެވެ.
އެ ބައްދަލުވުމުގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ފަރާތުން ވާހަކަ ދެއްކެވި އައިޖީއެމްއެޗްގެ ޑޮކްޓަރު އަހުމަދު ޝަހީދު ވިދާޅުވީ ހާލުބޮޑު މީހުންނާއި ބޮޑެތި ފަރުވާދޭ މީހުން ބައިތިއްބަނީ ފަސޭހައިން މާލެ އަށް ގެނެވޭ ތަންތަނުގައި، މާލެއާ ކައިރި ފެސިލިޓީތަކުގައި ކަމަށެވެ. އަދި ހާލު ބޮޑު މީހުން އައިޖީއެމްއެެޗަށް ގެނެސް އެޑްމިޓްކޮށްގެން ފަރުވާ ދެވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ- އޭޕްރިލް 2، 2020: ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހައި ރިސްކު މީހުންނަށް ފަރުވާދިނުމަށް އަލުން މަރާމާތުކުރި، ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ --.ފޮޓޯ: ނިޝާން އަލީ/މިހާރު
ނަމަވެސް އޭނާ ވިދާޅުވީ ބޭރުން އަންނަ އެއްވެސް މީހަކު ގެއަށް ގެންގޮސް ގޭގައި އެކަހެރިކޮށް ތިބުމުގެ އިންތިޒާމް ހަމަޖައްސައިދެވެން ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ހުރިހާ ކަރަންޓީނު ފެސިލިޓީ ތަކެއްގައި ވެސް ޑޮކްޓަރުންނާއި ނަރުހުން ތިބޭނެ ކަމަށާއި ބޮޑެތި ބަލިތަކުގެ މީހުންނާ ގުޅޭ ކަންކަމުގައި އެ ޑޮކްޓަރުންނަށް ފޯން ކޯލާއި ވީޑިއޯ ކޯލް މެދުވެރިކޮށް ލަފާދޭނެ ސްޕެޝަލިސްޓުން އޮން ކޯލްގައި ތިބޭނެ ކަމަަށެވެ.
"ފެސިލިޓީއެއްގައި ހުންނަ މީހަކު މިސާލަކަށް މެޑިކަލް އެޑްވައިސް އެއް ބޭނުން ވެއްޖިއްޔާ އެ ކޮޅުގައި ހުންނަ ޑޮކްޓަރަކު މެޑިކަލް ކްލަސްޓާއާ ކޮންޓެކްޓް ކުރޭ. ކުރީމާ މެޑިކަލް ކްލަސްޓާއިން ބޭސިކަލީ ސްޕެޝަލިސްޓް ހެލްޕް ވެސްް އެވެއިލަބްލްކޮށް މި އޮންނަނީ،" ޑރ. ޝަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކަރަންޓީނުގައި ތިބޭ މާބަނޑު މީހަކަށް އަވަސް ފަރުވާ ބޭނުންވާ ހާލަތުގައި އޭނާ މާލެ އަށް ގެނެސްް ސްކޭނެއް ކުރަން ޖެހުނަސް އެ އިންތިޒާމުތައް ވެސް ހަމަޖައްސާނެ އެވެ. އަދި ސްކޭން މެޝިނެއް ކަރަންޓީން ފެސިލިޓީ އަށް ފޮނުވައިގެން އެ ކަމެއް ކުރަން ޖެހުނަސް އެކަން ވެސް ކުރާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނެއް ނުބުނާނަން މިހާރު ކަރަންޓީނުގައޭ ތިހިރީ އެހެންވީމާ ތިކަމެއް ނެތޭ ވާކަށް،" އޭނާ ވިދާޅުވި އެވެ.
ޑރ. ޝަހީދު ވިދާޅުވީ ރާއްޖޭން ބޭރުން ގެންނަ މީހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ އިރު ވެސް އެތަނުގައި ޑޮކްޓަރު ތިބޭނެ ކަމަށާއި ހާލު ބޮޑުމީހުން ދެނެގަނެ، އެ މީހުންނަށް ބޭނުންވާ އިންތިޒާމުތައް އެ ހިސާބުން ހަމަައްސާނެ ކަމަށެވެ.
ބޭރުން ގެންނަ މީހުންގެ ހާލަތަށް ބަލާފައި ބައެއް މީހުން އެޑްމިޓް ކުރަން ޖެހޭތީ އައިޖީއެމްއެޗްގައި އެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވި އެވެ. އެގޮތުން، އެންމެ ފަހުން އައިޖީއެމްއެޗަށް ގެންގޮސްފައި ވަނީ ކޮޗިން ފްލައިޓުން އައި ތިން މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އެސެސް ކޮށްފައި، އަޅުގަނޑުމެން އައިޖީއެމްއެޗަށް ޓްރާންސްފާ ކުރަން ޖެހޭ މީހުން ވަކި މެކޭނިޒަމެއްގެ ދަށުން މި ޓްރާންސްފާ ކުރަނީ،" ޝަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޭރުން އަންނަ މީހުންނަކީ ކޮވިޑް-19 ޖެހިފައިވާ ބަޔަކަށް ނުވިޔަސް އެއީ ރިސްކު އޮތް ބަޔަކަށް ވާތީ ހޮސްޕިޓަލަށް ގެންދިޔަސް، އެެހެން ބަލި މީހުންނާ ބައްދަލު ނުވާނެ ގޮތަކަށް އިންތިޒާމްތައް ވަނީ ރާވައިފަ އެވެ.
"އެހެންވެ ވަކި ހާއްސަ ތަނަކަށް ގެންގޮސްފައި ޓެސްޓް ހަދާފައި އެޑްމިޓް ކުރަނީ ވެސް އެހެން ޕޭޝަންޓުން ބޭނުން ނުކުރާ ވޯޑެއްގައި. މާނައަކީ ކަރަންޓީނުން ގެންނަ މީހުން އެޑްމިޓްކުރަން ހާއްސަކޮށްފައިވާ ވޯޑެއްގައި،" އޭނާ ވިދާޅުވި އެެވެ.
އެގޮތަށް ގެންނަ މީހުން މާލެ އަށް ގެންނަ އިރު ވެސް އަޅަން ޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައެެވެ. ޝަހިދު ވިދާޅުވި ގޮތުގައި ފަރުވާ ބޭނުންވާ މީހުން ކަރަންޓީނު ކުރާ ތަނެއްގެ ގޮތުގައި ބަނޑޮސް މޯލްޑިވްސް ތައްޔާރު ކުރުމުގެ ކަންކަން ވެސް ކުރިއަށް އެބަދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy